ENGLISH

18 ޖޫން 2026

Advertisement

ވަޒީރު ޑރ. މުއްޠަލިބް މޭޔަރު އާޒިމަށް؛ "މީޑިއާ ސްޓަންޓް" ނުޖައްސައި ލިޔެކިޔުމުން މުޢާމަލާތުކުރައްވާ

18 ޖޫން 2026

|

ޢަލީ ޝަހީމް

ހައުސިން މަޝްރޫޢެއްގެ އިވެންޓެއްގައި ވަޒީރު ޑރ. މުއްޠަލިބް ވާހަކަދައްކަވަނީ. ފޮޓޯ: ގެދޮރުވެރިކަމާ ބެހޭ ވުޒާރާ

މާލޭގެ މޭޔަރު އާދަމް އާޒިމްއާ އެކު ކުރައްވާފައިވާ އަނގަބަހުގެ މުއާމަލާތްތަކުގެ ހަގީގަތް އޮޅޭ ގޮތަށް ވާހަކަދައްކަވާތީ، މީގެފަހުން ލިޔެކިޔުމުން ނޫނީ މޭޔަރާ މުއާމަލާތް ނުކުރައްވަން ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބް ނިންމަވައިފިއެވެ.

މިދިޔަ ބުރާސްފަތި ދުވަހު މޭޔަރު އާޒިމަށް ފޮނުއްވި ސިޓީއެއްގައި ވަޒީރު ޑރ. މުއްޠަލިބް ވިދާޅުވީ، ވޭތުވެދިޔަ ދުވަސްތަކުގައި ދެބޭފުޅުންގެ ދެމެދުގައި ދެކެވުނު ވާހަކަތަކުގެ ހަގީގަތް އޮޅޭ ގޮތަށް އެކި މީޑިއާ ޕްލެޓްފޯމްތަކުގައި މޭޔަރު ވާހަކަދައްކަވާފައިވާ ކަމަށެވެ. އަދި މާލޭގެ ތަރައްގީއަށް ސަރުކާރުން ހިންގާ މަޝްރޫއުތަކާ ގުޅޭގޮތުން ސިޓީ ކައުންސިލާއެކު ބޭއްވި ބައްދަލުވުންތަކުގައި ނިންމި ކަންކަމަށް މޭޔަރުގެ ފަރާތުން އެއްބާރުލުން ލިބިފައިނުވާ ކަމަށްވެސް މިނިސްޓަރު ތުހުމަތު ކުރެއްވިއެވެ.

"މީޑިއާ ސްޓަންޓް" ޖެއްސުމުގެ ބަދަލުގައި އެންމެ މަސްލަހަތު ރަނގަޅު ގޮތަކީ ލިޔެކިޔުމުން މުއާމަލާތް ކުރުން ކަމަށް ގަބޫލުކުރައްވާ ކަމަށް މިނިސްޓަރުގެ ސިޓީގައިވެއެވެ. އެހެންކަމުން ކައުންސިލުން ބޭނުންވާ ކަންކަން ލިޔުމުން ހުށަހެޅުމަށް މިނިސްޓަރު ވަނީ އެދިވަޑައިގަންނަވާފައެވެ.

ތަރައްޤީގެ ގިނަ މަޝްރޫޢުތަކެއްގައި ސިޓީ ކައުންސިލްގެ އެއްބާރުލުން ނުލިބިގެން އޮތީ ކުރިއަށް ނުގޮހެވެ. އެހެންނަމަވެސް، ލިޔުމުން ހުށަހަޅާފައިވާ ސިޓީތަކަށް ޖަވާބުދިނުމުގެ ބަދަލުގައި މޭޔަރު އާޒިމް ގެންދަވަނީ މީޑިއާގެ ވަސީލަތްތައް މެދުވެރިކޮށް ހަގީގަތް އޮޅޭގޮތަށް ވާހަކަދައްކަވަމުންނެވެ. 

މިދިޔަ ބުދަ ދުވަހު މޭޔަރު އާޒިމް ވަނީ ވަޒީރު ޑރ. މުއްޠަލިބާއި ބައްދަލުނުވާކަމަށް ވިދާޅުވެ ހައުސިން މިނިސްޓްރީ ހިންގާ ދަރުބާރުގެއަށްވެސް ވަޑައިގެންފައެވެ. އަދި ވަޒީރު އުޅުއްވަނީ "ފިއްލަަވައިގެން" ކަމަށް ތުހުމަތުކުރެއްވިއެވެ. 

މޭޔަރު އާޒިމް ލިޔުމުން މުޢާމަލާތުނުކޮށް މީޑިއާގައި ވާހަކަދައްކަވާތީ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ. 

މޭޔަރު އާޒިމް ވިދާޅުވި ގޮތުގައި ވަޒީރާއެކު މަޝްވަރާކުރަން ބޭނުންވާ މައިގަނޑު ކަންކަމަކީ ވިލިމާލޭ ހައުސިން މަޝްރޫޢާއި މާލޭގެ މަގުތައް ހެދުމުގެ އިތުރުން އަލަށް އިމާރާތްކުރާ މަސްމާރުކޭޓުގެ މަޝްރޫއާ ގުޅޭގޮތުންނެވެ. 

މަޝްވަރާއަކަށް މޭޔަރު އާޒިމް އެދިވަޑައިގެންނެވިއިރު، މީގެކުރިން ތަކުރާރުކޮށް ސިޓީ ފޮނުވައިގެންވެސް މާލޭގައި ތަރައްޤީކުރާ އައު މަސްމާރުކޭޓުގެ އިމާރާތް އެޅުމަށް ބިން ދޫކުރުމާއި ގުޅޭގޮތުން ސިޓީ ކައުންސިލުން ޖަވާބުދީފައެއްނުވެއެވެ. ސިޓީ ކައުންސިލް އެ އިމާރާތް އަޅަން ބިން ދޫކޮށްފައިނުވުމާއެކު އެ މަޝްރޫޢު މިހާރު ވަނީ ދިގުލައިގެން ގޮސްފައެވެ. 

ކިޔުންތެރިންގެ ހިޔާލު