ENGLISH
16 ޖޫން 2026
ހިޔާ ޓަވަރުތަކުގައި އިތުރުކުރި ލިފްޓްތައް އާންމުންނަށް ހުޅުވާލައިފި
16 ޖޫން 2026
|
ހިޔާ ޓަވަރުތަކުގައި އިތުރުކުރި ލިފްޓްތައް- ފޮޓޯ އެޗްޑީސީ
އެންމެ މަޤްބޫލު
ހިޔާ ޓަވަރުތަކުގައި ލިފްޓް މަދުވުމުގެ ސަބަބުން އާންމުންނަށް ދިމާވާ އުނދަގޫތައް ހައްލުކުރުމަށް އިތުރު ލިފްޓް ހަރުކުރުމުގެ ތެރެއިން ތިން ޓަވަރެއްގެ ލިފްޓް މަސައްކަތް ނިންމައި އާންމުންނަށް ހުޅުވާލައިފިއެވެ.
އިތުރު ލިފްޓު ހަރުކުރުމަށް މި ސަރުކާރުން ފެށި މަސައްކަތުގެ ތެރެއިން، ޓަވަރު 13، 14 އަދި 15 ގައި ލިފްޓު ހަރުކުރުމުގެ މަސައްކަތް އެއްކޮށް ނިންމައި އާންމުންނަށް ބޭނުންކުރެވޭ ގޮތަށް ހުޅުވާލީ، މި މަހު 15 ވަނަ ދުވަހުއެވެ.
މި މަސައްކަތަކީ ޗައިނާގެ ޝެންޔެންގް ޔުއަންޑާ އިންޓެލެކްޗުއަލް އިންޑަސްޓްރީ ގްރޫޕް ކޯ ލިމިޓެޑާ ހަވާލުކޮށްގެން ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ކުރިޔަށްގެންދާ މަޝްރޫއެކެވެ.
ހިޔާ ޓަވަރުތަކުގައި ކުރިން ހަރުކޮށްފައި ހުރި ލިފްޓުތަކުގެ ޖާގައިގެ ދަތިކަމުން، އާންމުންނަށް ދިމާވެފައިވާ ދަތިތަކަށް ހައްލެއް ގެނެސްދިނުމަށް ކޮންމެ ޓަވަރެއްގައި އިތުރު ދެ ލިފްޓު ހަރުކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުއިއްޒުގެ ވައުދުފުޅެކެވެ.
އަލަށް ހަރުކުރާ ލިފްޓުތަކަކީ 21 މީހުންގެ ޖާގަ ހިމެނޭ، ސްޓްރެޗާ އެރުވޭ ވަރުގެ ބޮޑެތި ލިފްޓުތަކެކެވެ.
މީގެ ސަބަބުން ބަލިމީހުން އުފުލުމަށާއި، ކާރޫބާރޫ ބޮޑު ވަގުތުތަކުގައިވެސް ލިބޭ ވަރަށް ބޮޑު ލުޔަކަށް މިލިފްޓްތައް ވާނެ ކަމަށް އެޗްޑީސީން ބުނިއެވެ.
އެޗްޑީސީން އިތުރަށް ބުނީ، ހިޔާ ޓަވަރު 16 ފިޔަވައި ހުރިހާ ޓަވަރެއްގެ މަސައްކަތް މިހާރު ނިމިފައިވާ ކަމަށެވެ. އަދި އެ ކޯޕަރޭޝަންގެ އަމާޒަކީ އެ ޓަވަރުގެ މަސައްކަތްވެސް ވީހާވެސް އަވަހަކަށް ނިންމައި އާންމުންނަށް ހުޅުވާލުން ކަމަށް ވެސް އެ ކުންފުނިން ބުނެއެވެ.