ENGLISH
13 ޖޫން 2026
ބޮސްނިއާ އަތުން ކެނެޑާއަށް ތާރީޚީ ޕޮއިންޓެއް
13 ޖޫން 2026
|
ފީފާ ވޯލްޑް ކަޕުގައި ކެނެޑާ އާއި ބޮސްނިއާ ބައްދަލުކުރި މެޗުގެ ތެރެއިން --- ފޮޓޯ: ގެޓީ
އެންމެ މަޤްބޫލު
ބޮސްނިއާ އާއި އެއްވަރުވެ ފީފާ ވޯލްޑް ކަޕުގައި ކެނެޑާއިން ފުރަތަމަ ޕޮއިންޓް ހޯދައިފިއެވެ. ކެނެޑާގެ ޓޮރޮންޓޯ ސްޓޭޑިއަމްގައި މިރޭ ކުރިއަށްދިޔަ ގުރޫޕް ބީގެ މެޗުގައި ކެނެޑާ އާއި ބޮސްނިއާ ބައްދަލުކުރިއިރު، މި މެޗު ނިމުނީ 1-1 ގެ ނަތީޖާއަކުން އެއްވަރުވެގެންނެވެ.
މި މެޗުގެ ފުރަތަމަ ހާފު ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ރީތި ކުޅުމެއް ކުޅެމުންދިޔައީ ކެނެޑާއިންނެވެ. ނަމަވެސް ރަނގަޅު ހަމަލާތަކެއް ބޮސްނިއާގެ ގޯލަށް ފޮނުވާލެވިފައެއް ނުވެއެވެ.
ފުރަތަމަ ހާފުގައި ގޯލަށް އަމާޒުކޮށް ކެނެޑާއިން ފޮނުވާލެވުނީ އެންމެ ހަމަލާއެކެވެ. ނަމަވެސް ހުރަހަކަށްވީ މެޗުގައި މޮޅު ކުޅުމެއް ދެއްކި ބޮސްނިއާގެ ގޯލްކީޕަރު ނިކޮލާ ވާސިލްއެވެ.
ފުރަތަމަ ހާފުގައި ބޮސްނިއާއިން ޑިފެންސިވް ކުޅުމެއް ފެނިގެންދިޔައިރު، އެ ޓީމަށް ކެނެޑާގެ ގޯލަށް މާ ގިނަ ހަމަލާތަކެއް ފޮނުވާލާނެ ފުރުސަތެއް ލިބިފައެއް ނުވައެވެ. ފުރަތަމަ ހާފުގައި އެ ޓީމަށް ލިބުނު ދެ ފުރުސަތުގެ ތެރެއިން އެއް ފުރުސަތުގައި ވަނީ ލީޑު ނަގާފައެވެ. މެޗުގެ 21 ވަނަ މިނެޓުގައި ލިބުނު ކޯނަރަކުން މި ލަނޑު ބޮސްނިއާއަށް ކާމިޔާބުކޮށްދިނީ ޖޯވޯ ލުކިޗްއެވެ. މިއީ އޭނާ ގައުމީ ޓީމަށް ކާމިޔާބުކޮށްދިން ފުރަތަމަ ލަނޑެވެ.
ފުރަތަމަ ހާފުގައި ފެނިގެންދިޔައީ ފައުލް ގިނަ ކުޅުމެކެވެ. އޭގެ ނަތީޖާއެއްގެ ގޮތުން ފުރަތަމަ ހާފްގައި ތިން ރީނދޫ ކާޑު ފެނިގެންދިޔައެވެ. އަދި މުޅި މެޗުގައި ފަސް ރީނދޫ ކާޑު ވަނީ ދައްކާފައެވެ.
ދެވަނަ ހާފުގައި ކެނެޑާގެ ކުޅުން އިތުރަށް ރަނގަޅުކޮށް، ބޮސްނިއާގެ ގޯލަށް ބާރުބޮޑު ކުރަމުންދިޔައެވެ. އެހެންކަމުން ބޮސްނިއާގެ ޓީމަށް ޑިފެންސަށް ފައިބަން މަޖުބޫރުވިއެެވެ. އޭގެ ނަތީޖާއެއްގެ ގޮތުން ބޮސްނިއާއަށް އިތުރު ގޯލެއް ޖަހާނެ ފުރުސަތު ތަނަވަސްކުރެވިފައެއް ނުވެއެެވެ.
މި މެޗުގައި ނަތީޖާ އެއްވަރުކޮށްދިން ލަނޑު ކެނެޑާއަށް ކާމިޔާބުކޮށްދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި އެރި ކައިލް ލަރިންއެވެ. އެއީ މެޗުގެ 78 ވަނަ މިނެޓުގައި ބޮސްނިއާގެ އޭރިއާ ތެރެއިން ބްލޮކުވެގެން އައި ބޯޅައެއް ގޯލުގެ އަރިމަތީ ތިރީ ކަނަށް ފޮނުވާލައިގެންނެވެ.
މި ނަތީޖާއާއެކު މެޗު ނިމުނުއިރު، މިއީ ކެނެޑާއަށް ތާރީޚީ ނަތީޖާއެެކެވެ. މިއީ އެ ގައުމުން ވޯލްޑް ކަޕުގައި ހޯދި ފުރަތަމަ ޕޮއިންޓެވެ.
ގުރޫޕް ބީގައި ދެން ހިމެނެނީ ސްވިޒަލެންޑާއި ގަތަރެވެ. މި ދެ ޓީމުގެ ކުރިމަތިލުން އޮންނާނީ މިރޭ ދަންވަރު ރާއްޖެ ގަޑިން 00:00 ގައެވެ.