ENGLISH
10 ޖޫން 2026
ރައީސްގެ ޓީމަކީ އާޖެންޓީނާ، ސަޕްރައިޒިން ނަތީޖާތަކެއް ފެނިދާނެ
10 ޖޫން 2026
|
މިއަދުގެ އިވެންޓްގައި ރައީސް ބައިވެރިވެވަޑައިގަންނަވަނީ --
އެންމެ މަޤްބޫލު
މުޅި ދުނިޔޭގެ ސަމާލުކަން މިވަގުތު ހުއްޓިފައިވަނީ މާދަމާ ރޭ ފެށުމަށް ހަމަޖެހިފައިވާ ފީފާ ވޯލްޑްކަޕް ފުޓްބޯޅަ މުބާރާތަށެވެ. މުބާރާތުގެ ފޯރި ދުނިޔޭގެ ހުރިހާ ޤައުމެއްގައި ވެސް އެބަ އޮތެވެ.
ދިވެހިރާއްޖެއަކީ ވެސް ފުޓްބޯޅައަށް ބޮޑު ލޯތްބެއް އޮތް ރައްޔިތަކު ދިރިއުޅޭ ޤައުމެކެވެ. ކޮންމެ ފަހަރަކު ވެސް މި މުބާރާތަށް ރާއްޖެއިން ވެސް ބޮޑު ތައްޔާރީތަކެއް ވެ އެވެ. މެޗުތައް ބަލާނެ ތަންތަން ތައްޔާރުކޮށް ސަޕޯޓްކުރާ ޤައުމުތަކުގެ ދިދަތަކާއި ކުޅުންތެރީންގެ ފޮޓޯތައް ކުރެހުމާއި މެޗުތައް ބަލާ ތަންތަން ޒީނަތްތެރިކުރުން އޮވެ އެވެ.
ވޯލްޑްކަޕާއި ގުޅިގެން މިނިސްޓްރީ އޮފް ޔޫތު އެމްޕަވާރމެންޓް، ސްޕޯޓްސް އެންޑް ފިޓްނެސް އިން ތަފާތު ހަރަކާތްތައް ކުރިއަށް ގެންދަން ވަނީ ނިންމާފަ އެވެ. ގިނަ ބަޔަކު އެއްވެ އެއްތަނެއްގައި ތިބެގެން މެޗުތައް ބެލޭނެ އިންތިޒާމުތައް އެކި ފަރާތްތަކާއި ގުޅިގެން ދަނީ ހަމަޖައްސައިދެމުންނެވެ.
މީގެ އިތުރުން މި ފަހަރުގެ މުބާރާތަށް ތައްޔާރުކޮށްފައިވާ ފުޓްބޯޅަތަކެއް ގެނެސް ދިވެހި ފުޓްބޯޅަ ލެޖެންޑުންނަށް ހަދިޔާކުރުމަށް ވެސް ވަނީ ނިންމާފަ އެވެ. މިނިސްޓަރު ރާފިއު ނިންމެވީ އެ ބޯޅަތައް ހަދިޔާ ކުރުމުގެ ކުރީން އެ ބޯޅަތަކުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ސޮއިކުރައްވާށެވެ. ރައީސް ވަނީ ބޯޅަތަކުގައި ސޮއިކުރައްވާފަ އެވެ.
އަދި ވޯލްޑްކަޕާއި ގުޅޭގޮތުން ބައެއް ވާހަކަފުޅުތައް އެމަނިކުފާނު ހިއްސާކުރެއްވި އެވެ.
"އަޅުގަނޑު މިއީ ވަރަށް ކުޑައިރުއްސުރެ އާޖެންޓީނާގެ ސަޕޯޓަރެއް،" ރައީސް، ތާއީދު ކުރައްވަނީ ކޮން ޓީމަކަށްތޯ މިނިސްޓަރު ރާފިއު ސުވާލުކުރެއްވުމުން ރައީސް ވިދާޅުވި އެވެ.
"އިންގްލެންޑަކީ ވެސް އަޅުގަނޑަށް ވަރަށް ކަމުދާ ޓީމެެއް،" އާޖެންޓީނާއަށް ތަށި ނުލިބޭ ހާލަތެއްގައި ނުވަތަ މުބާރާތުން ވަކިވާން ޖެހިއްޖެނަމަ ދެން ތާއީދު ކުރައްވާނެ ޓީމެއް ފާހަގަކުރައްވާ ރައީސް ވިދާޅުވި އެވެ.
ރައީސަކީ މެންޗެސްޓަރ ޔުނައިޑެޓުގެ ވަރަށް ބޮޑު ފޭނެކެވެ. ރައީސް ވިދާޅުވި ގޮތުގައި އިނގިރޭސި ޓީމަށް ސަޕޯޓްކުރައްވަން ފެއްޓެވީ އެ ޤައުމުގައި ކިޔަވަން އުޅުއްވި ދުވަސްވަރު އެވެ. ނަމަވެސް އެންމެ ޚާއްސަ ލޯތްބެއް އޮތީ އާޖެންޓީނާގެ ޓީމަށެވެ.
އެ ޤައުމަށް ތާއީދު ކުރައްވަން ފެއްޓެވީ އާޖެންޓީނާގެ ލެޖެންޑް މެރެޑޯނާއަށް ތާއީދު ކުރައްވަން ފެއްޓެވުނު ހިސާބުން ކަމުގައި ވިދާޅުވި އެވެ.
ރައީސް ވިދާޅުވި ގޮތުގައި މި ފަހަރު މެޗުތައް ކުޅޭ ގަޑިތަކުގެ ގޮތުން ބައެއް މެޗުތައް ނުބެއްލެވޭނެ އެވެ. ނަމަވެސް މުހިންމު މެޗުތައް ބައްލަވަން ވަގުތު ހުސްކުރައްވާނެ ކަމަށެވެ. އެމަނިކުފާނުގެ ނަޒަރުގައި މި ފަހަރު ސަޕްރައިޒިން ނަތީޖާތަކެއް ފެނުމަކީ އެކަށީގެންވާ ކަމެކެވެ.
"ފްރާންސް ވަރަށް ވަރުގަދަ ދެއްތޯ. ހޮލެންޑް ފަހަރެއްގައި ތަށި ނަގާފާނެ،"
އެމަނިކުފާނު ވަނީ ވީހާވެސް ގިނަ ބަޔަކަށް ފަސޭހައިން ވޯލްޑްކަޕް ބެލޭނެ އިންތިޒާމު ހަމަޖައްސަވާނެ ކަމަށް އުންމީދު ކުރައްވާ ކަމުގައި ވިދާޅުވެފަ އެވެ.
"ވަރަށް ގިނަ ރައްޔިތުންނަށް، ޚާއްސަކޮށް ޒުވާނުންނަށް، ދެން ހުރިހާ ފަރާތްތަކަށް ވޯލްޑްކަޕް ބެލޭ ގޮތަށް އިންތިޒާމުތައް ހުންނާނެ ކަމަށް އުންމީދު ކުރަން،" މިނިސްޓަރު ރާފިޢު އަރިހުން ރައީސް އެދިވަޑައިގަތެވެ.