ENGLISH

10 ޖޫން 2026

Advertisement

ޝަމްއާން ކުރަނީ ހެއްކެތް ނެތް ދޮގު ތުހުމަތުތަކެއް: އިހުސާން

10 ޖޫން 2026

|

އައިމިނަތު ޝަފާ

ދާހިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިހުސާން.

ކުރީގެ އިމިގްރޭޝަން ކޮންޓްރޯލާ ޝަމްއާން ވަހީދު، ދާހިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިހުސާނަށް ނިސްބަތްކޮށް އިއްޔެ މީޑިޔާގައި ދެއްކީ ކަނޑައެޅިގެން ދޮގު ވާހަކަތަކެއް ކަމުގައި އެމަނިކުފާނު ވިދާޅުވެއްޖެއެވެ.

އިއްޔެ އޮތް ހުކުމްކުރުމުގެ މަޖިލީހަށް ވަނުމުގެ ކުރިން ސަރުކާރާއި ދެކޮޅަށް މައުލޫމާތު ފަތުރާ ޓީވީތަކާއި ނޫސްތަކަށް ދައުވަތު ދީގެން ޝައްމާން ބޭއްވި ނޫސްވެރީންގެ ބައްދަލްވުމުގައި ވަޒީރު އިހުސާނުގެ އިތުރުން ރައީސުލްޖުމްހޫރިއްޔާއަށް ތުހުމަތުކޮށް ވާހަކަތަކެއް ދެއްކިއެވެ. 

މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ބިދޭސީންގެ އަތުން ފައިސާ ފޭރުމާއި ކޯޓާ ވިއްކުމުގެ ތުހުމަތު ޝަމްއާންގެ މައްޗަށް އޮތް ނަމަވެސް އޭނާ ވަނީ އެއީ ދޮގެއް ކަމުގައި ވިދާޅުވެ އެ ތުހުމަތުތައް ވަޒީރު އަލީ އިހްސާނަށް ކުރައްވާފަ އެވެ. އަދި އެކަންކަން ރައީސަށް އެނގިވަޑައިގަންނަވާނެ ކަމަށާ ރައީސް މުއިއްޒު، އިހުސާން ދިފާއު ކުރައްވާ ކަމުގައި ވިދާޅުވެފައެވެ.

މި ވާހަކަތައް ދޮގުކުރައްވައި ވަޒީރު "އެމްއެމްޓީވީ"އަށް ވިދާޅުވީ ޝަމްއާން އެމަނިކުފާނުގެ މައްޗަށް ކުރައްވަނީ ސާބިތު ނުހިފޭ ދޮގު ތުހުމަތުތަކެއްކަމަށެވެ. އަދި ޝަމްއާން އެ ކުރާ ތުހުމަތުތަކާ ގުޅޭ އެއްވެސް ހެއްކެއް ނުވަތަ ގަރީނާއެއް ނުގެންނަކަމަށް ވިދާޅުވިއެވެ. އިހުސާން ވިދާޅުވީ ޝަމްއާން ހަދަނީ ދޮގުކަން ކުރިންވެސް މީޑިޔާގައި ވިދާޅުވެފައިވާނެކަމަށެވެ. 

އެފަހުން "އެކްސް"ގައި ޝާއިއުކުރެއްވި ޕޯސްޓުގައި އިހުސާނު ވިދާޅުވީ ޝަމްއާން ފްރޭމްކޮށްފައިވާކަމަށް ބުނާ ވާހަކައަކީވެސް އެއްވެސް ހަގީގަތެއް އޮތް ވާހަކައެއް ނޫންކަން މިމައްސަލާގައި ފުލުހުން ހޯދާފައިވާ ހެކިތަކުން ސާފުވާނެކަމަށެވެ. މިމައްސަލާގައި ކަންހިނގާފައިވާ ގޮތް ތަފްސީލުކޮށް ރައްޔިތުންނަށް ސާފުކޮށްދިނުމަށް ފުލުހުންގެ މުއައްސަސާގައި އެދިފައިވާނެކަމަށް ވިދާޅުވިއެވެ.

ޝަމްއާންގެ މައްޗަށް އުފުލާފައިވާ ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދައުވާ އާއި މަނީ ލޯންޑްރިންގެ ދައުވާ އާއި ފޭރުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާ ސާބިތުވާ ކަމަށް ކްރިމިނަލް ކޯޓުން ވަނީ ކަނޑައަޅާފައެވެ.

މި ދައުވާތައް ސާބިތުވެ އޭނާ 25 އަހަރަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ހުކުމް ކުރީ އިއްޔެއެވެ. 

ކިޔުންތެރިންގެ ހިޔާލު