ENGLISH

11 ޖޫން 2026

Advertisement

އައިއެޗްއެފް ޓްރޮފީ: އަފްޣާނިސްތާން ބަލިކޮށް ރާއްޖޭގެ 18 އަހަރުން ދަށުގެ ޓީމުން މުބާރާތް ފެށީ މޮޅަކުން

10 ޖޫން 2026

|

ސުވެއިދާ ހުސެއިން

އިންޓަރނޭޝަނަލް ހޭންޑްބޯލް ފެޑެރޭޝަން (އައިއެޗްއެފް) ޓްރޮފީގައި ރާއްޖޭގެ 18 އަހަރުން ދަށުގެ ޓީމާއި އަފްޣާނިސްތާން ބައްދަލުކުރި މެޗުގެ ތެރެއިން -- ފޮޓޯ: ގާފު ސްޕޯޓްސް

އިންޓަރނޭޝަނަލް ހޭންޑްބޯލް ފެޑެރޭޝަން (އައިއެޗްއެފް) ޓްރޮފީގައި ރާއްޖޭގެ 18 އަހަރުން ދަށުގެ ފިރިހެން ހޭންޑްބޯޅަ ޓީމުން އަފްޣާނިސްތާން ބަލިކޮށް، މުބާރާތުގެ ފެށުން ރަނގަޅުކޮށްފިއެވެ.

ބަންގްލަދޭޝްގައި މިއަދު ފެށި އައިއެޗްއެފް ޓްރޮފީގެ ސައުތު އޭޝިއާ ޒޯން 2 މުބާރާތުގެ ފުރަތަމަ މެޗުގައި ރާއްޖޭގެ ޓީމުން އަފްޣާނުގެ މައްޗަށް ކުރިހޯދީ 38-21 ލަނޑުގެ ބޮޑު ތަފާތަކުންނެވެ.

މި މެޗުގައި ރާއްޖޭގެ ޒުވާން ޓީމުން ވަނީ ހުނަރުވެރި މޮޅު ކުޅުމެއް ކުޅެފައެވެ. މެޗުގެ ފުރަތަމަ ލީޑު ނެގީވެސް ރާއްޖޭގެ ޓީމުންނެވެ. ފުރަތަމަ ހާފު އެއްކޮށްވެސް ރާއްޖޭގެ ޓީމުން ލީޑުގައި އޮތީ 4 ލަނޑުގެ ފަރަގެއްގައެވެ. މި ހާފުގައި ރާއްޖޭގެ ގޯލްކީޕަރު މޮޅު ސޭވުތަކެއް ވަނީ ކޮށްފައެވެ.

ދެވަނަ ހާފުގެ ކުރީކޮޅުގައި އަފްޣާނުގެ ގޯލަށް ރާއްޖެއިން އެކަށީގެންވާ ހަމަލާއެއް ނުދެވި ވަގުތުކޮޅެއް ދިޔައެވެ. އެ ވަގުތު ކޮޅުގައި އަފްޣާނުން 2 ލަނޑު ސްކޯކުރި ނަމަވެސް، ރާއްޖޭގެ ކުޅުން ރަނގަޅުކޮށް، ފުލުފުލުގައި ލަނޑު ޖަހަން ފެށިއެވެ. ނަތީޖާއެއްގެ ގޮތުން ލީޑުގެ ފަރަގު ފުޅާކުރިއެވެ. އަދި ފުރަތަމަ ހާފަށްވުރެ ފަހު ހާފުގައި ރާއްޖޭގެ ޑިފެންސްވެސް ފެނިގެންދިޔައީ މާ ވަރުގަދަކޮށެވެ. ނަތީޖާއެއްގެ ގޮތުން ފަހު ހާފުގައި އަފްޣާނަށް ސްކޯކުރެވުނީ އެންމެ ތިން ލަނޑެވެ.

މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ރާއްޖެ ޓީމުގެ ޖާޒީ ނަމްބަރު 9 މުޙައްމަދު އަފްލާހު ހުސައިން ޝިފާޒެވެ. މިއީ ރާއްޖޭގެ ޓީމުގެ ކެޕްޓަންވެސްމެއެވެ.

ޖޫން 10 އިން 14 އަށް ކުރިއަށްގެންދާ މި މުބާރާތުގައި ރާއްޖޭގެ 18 އަހަރުން ދަށުގެ ޓީމުގެ އިތުރުން، 20 އަހަރުންދަށުގެ ޓީމުވެސް ވާދަކުރެއެވެ. އެ ޓީމުގެ ފުރަތަމަ މެޗު އޮންނާނީ ބުރާސްފަތި ދުވަހުގެ ހަވީރެވެ. މި މެޗުގައި ރާއްޖެ ނިކުންނާނީ ބަންގާޅާ ދެކޮޅަށެވެ.

މި މުބާރާތުގައި ރާއްޖޭގެ އިތުރުން ވާދަކުރަނީ އިންޑިއާ، ނޭޕާލް، އަފްޣާނިސްތާން އަދި މުބާރާތް ބާއްވާ ގައުމުކަމުގައިވާ ބަންގްލަދޭޝްއެވެ.

މުބާރާތުގެ ކުރިން ރާއްޖޭގެ ހޭންޑްބޯޅަ އެސޯސިއޭޝަނުން ބުނެފައިވަނީ ވަސީލަތްތައް މަދު ނަމަވެސް ރާއްޖޭގެ ޓީމުތަކުން މި މުބާރާތަށް ދިއައީ ވަރަށް ބޮޑަށް ތައްޔާރުވެގެން ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު