ENGLISH
05 ޖޫން 2026
ވޯލްޑް ކަޕް ކުޅޭ ދަނޑުތަކުގައި ވުވުޒެލާ ބޭނުންކުރުން މަނާ
05 ޖޫން 2026
|
ވޯލްޑް ކަޕުގެ މެޗެއްގައި ސަޕޯޓަރުންތަކެއް ވުވުޒެލާ ބޭނުންކުރަނީ: މި ފަހަރު ވޯލްޑް ކަޕުގައި ވުވުޒެލާ ބޭނުން ނުކުރެވޭނެކަމަށް ފީފާއިން ވަނީ ނިންމާފައި --
އެންމެ މަޤްބޫލު
ދުނިޔޭގެ އެންމެ ބޮޑު ފުޓްބޯޅަ މުބާރާތް ކަމަށްވާ ފީފާ ވޯލްޑް ކަޕުގެ މެޗުތައް ކުޅޭ ސްޓޭޑިއަމްތަކުގައި "ވުވުޒެލާ" ބޭނުންކުރުން ފީފާއިން މަނާކޮށްފިއެވެ.
އެމެރިކާ، ކެނެޑާ އަދި މެކްސިކޯގައި ބޭއްވުމަށް ހަމަޖެހިފައިވާ ވޯލްޑް ކަޕުގެ މެޗުތައް ކުޅޭ ދަނޑުތަކުގެ ކޯޑް އޮފް ކޮންޑަކްޓް ފީފާއިން މިހާރު ވަނީ އާންމުކޮށްފައެވެ. މި އުސޫލުގެ ދަށުން، ޕްލާސްޓިކުން އުފައްދާފައިވާ މި ދުންމާރިތައް ދަނޑަށް ވެއްދުން ވަނީ މަނާކޮށްފައެވެ.
ޕްލާސްޓިކުން ތައްޔާރުކޮށްފައިވާ ވުވުޒެލާއަކީ ދެކުނު އެފްރިކާގެ ފުޓްބޯޅަ މެޗުތަކުގައި ވަރަށް ބޮޑު މަގުބޫލުކަމެއް ލިބިފައިވާ އެއްޗެކެވެ. މީގެ މަގުބޫލުކަން މުޅި ދުނިޔެއަށް ފެތުރިގެންދިޔައީ 2010 ވަނަ އަހަރު ދެކުނު އެފްރިކާގައި ބޭއްވި ވޯލްޑް ކަޕުގައެވެ. ނަމަވެސް އެ ފަހަރުވެސް އޭގެއިން އުފައްދާ އަޑު މެދުނުކެނޑި އިވެމުން ދިޔުމުގެ ސަބަބުން ގިނަ ބައެއްގެ ފާޑުކިޔުން އޭރުވެސް ވަނީ އަމާޒުވެފައެވެ. ގިނަ ބަޔަކު މި އަޑު ސިފަކުރަނީ މާބުރުތަކެއް ބޫން އަޅާ އަޑުގެ ގޮތުގައެވެ.
ފީފާގެ އުސޫލުގައިވާ ގޮތުން، ވުވުޒެލާގެ އިތުރުން މި ބާވަތުގެ އަޑުތައް ފުއްމާ ކަށިގަނޑު އަދި މި ނޫންވެސް އާދަޔާ ޚިލާފަށް އަޑުގަދަވާނެ އެއްވެސް ވަސީލަތެއް ވޯލްޑް ކަޕް ކުޅޭ 16 ދަނޑަށް ވެއްދުމަކީ މަނާކަމެކެވެ. މީގެ އިތުރުން ލޭޒަރުގެ ދޯދިތައް ފޮނުވާ އާލާތްތަކާއި، ލޭޒަރު ޕޮއިންޓަރު ފަދަ ތަކެތި ބޭނުންކުރުންވެސް ވަނީ މަނާކޮށްފައެވެ.
މި ފަހަރުގެ ވޯލްޑް ކަޕުގެ މެޗުތައް ކުޅޭ ސްޓޭޑިއަމްތަކުގައި ވުވުޒެލާ ބޭނުންކުރުން ފީފާއިން މަނާކުރިއިރު، 2010 ވަނަ އަހަރުގެ މުބާރާތުގެ ފަހުން ދަނޑުތަކުގައި ވުވުޒެލާ ބޭނުންކުރުން ފީފާއިން ވަނީ ހުއްޓުވާފައެވެ.