ENGLISH

02 ޖޫން 2026

Advertisement

52 އަހަރަށްފަހު ހެއިޓީ ވޯލްޑް ކަޕަށް، އުނދަގޫ ހާލަތެއްގެ ތެރެއިން ލިބުނު އުންމީދެއް

02 ޖޫން 2026

|

ސުވެއިދާ ހުސެއިން

ހެއިޓީގެ ގައުމީ ފުޓްބޯޅާ ޓީމު: ހެއިޓީ 52 އަހަރަށް ފަހު ވޯލްޑް ކަޕުން ޖާގަ ކަށަވަރު ކޮށްފައިވަނީ އުނދަގޫ ހާލަތަކުން--

ގިނަ ދުވަސްތަކަކަށް ފަހު، މިފަހަރުގެ ވޯލްޑް ކަޕަށް އެނބުރި އައި ޓީމުތަކުގެ ތެރެއިން ހެއިޓީ ފާހަގަކޮށްލެވެނީ ގިނަ ގޮންޖެހުންތަކަކާއިއެކުވެސް އުންމީދެއްގެ ހުޅުކޮޅު ދިއްލާލި ގައުމެއްގެ ގޮތުގައެވެ. ހެއިޓީ ވޯލްޑް ކަޕަށް މި އެނބުރި  މިއައީ 52 އަހަރުގެ ދިގު އިންތިޒާރަކަށް ފަހުގައެވެ. 

މީގެކުރިން ހެއިޓީ މުބާރާތުގައި ބައިވެރިވީ 1974 ވަނަ އަހަރުއެވެ. އެ އަހަރުގެ މުބާރާތުން ހެއިޓީ ކެޓީ ގްރޫޕް ސްޓޭޖުންނެވެ. އަދި އެ ގައުމު ވޯލްޑް ކަޕުން ދެވަނަ ފަހަރަށް ޖާގަ މި ހޯދީ އުނދަގޫ ހާލަތެއްގެ ތެރޭގައި ގައުމު ވަނިކޮށެވެ.

އެ ގައުމުގައި ހިނގަމުންދާ ހަމަނުޖެހުންތަކާއި ގޭންގު މާރާމާރީތަކުގެ ސަބަބުން، ކޮލިފައިންގެ ހުރިހާ މެޗެއްވެސް ކުޅެން ޖެހުނީ އަމިއްލަ ގައުމުން ބޭރުގައެވެ. މިފަހަރުގެ މުބާރާތުގައި ހެއިޓީ ހިމެނެނީ، ފަސް ފަހަރުގެ ޗެމްޕިއަން ހޯދާފައިވާ ބްރެޒިލްގެ އިތުރުން މޮރޮކޯ އަދި ސްކޮޓްލޭންޑާއެކު އުނދަގޫ ގްރޫޕެއްގައެވެ. އެހެންކަމުން މި ގްރޫޕްގެ އެންމެ ބަލިކަށި ޓީމަކަށް ވާނީ ހެއިޓީކަމަށް ގިނަބަޔަކު ބުނެއެވެ.

ހެއިޓީގެ ފުޓްބޯޅައިގެ ތާރީޚުގައި އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާ، ޑަކެންސް ނަޒޯން ބުނެފައިވަނީ  އެ ގައުމު މުބާރާތަށް އައީ، ރިވެތި މަޑުމައިތިރިކަމާއިއެކުގައިކަމަށެވެ. އަދި ހެއިޓީއަށް ނިސްބަތްވާތީ ނުހަނު ފަޚްރުވެރިވާ ހާލުގައިކަމަށާއި، މުބާރާތުގައި ވާދަކުރަންޖެހޭ އެއްވެސް ބަޔަކުދެކެ ބިރު ނުގަންނާނެކަމަށެވެ.

2021 ވަނަ އަހަރު ރައީސް ޖޮވެނަލް މޮއިސް އަވަހާރަކޮށްލުމާ ގުޅިގެން ގައުމުގައި އުފެދުނު ބޮޑެތި ހަމަނުޖެހުންތަކަށްފަހު، އެ ގައުމުގެ ސީނިއާ ޓީމަކަށް އަމިއްލަ ފަސްގަނޑުގައި މެޗެއް ކުޅެވޭ ގޮތް ވަނީ ނުވެފައެވެ. އަދި 2024 ވަނަ އަހަރުގެ މާޗް މަހު، ހަތިޔާރު އެޅި ގޭންގުތަކުން ވަނީ އެ ގައުމުގެ ގައުމީ ސްޓޭޑިއަމް ކަމަށްވާ 'ސްޓޭޑް ސިލްވިއޯ ކޭޓާ' ވެސް އެމީހުންގެ ބާރުގެ ދަށަށް ގެންގޮސްފައެވެ. އެހެންކަމުން މިއަހަރުގެ  ވޯލްޑް ކަޕް ކޮލިފައިންގައި ހެއިޓީގެ އަމިއްލަ ދަނޑުގައި ކުޅެންޖެހޭ މެޗުތައް ބާއްވާފައިވަނީ ގައުމުން ބޭރުގައެވެ.

ހެއިޓީގެ ކޯޗު، ފަރަންސޭސިވިލާތަށް ނިސްބަތްވާ، ސެބަސްޓިއަން މިގްނޭއަކީ އެފްރިކާގެ ބައެއް ގައުމީ ޓީމުތަކަށް މީގެ ކުރިން އިރުޝާދު ދީފައިވާ ތަޖުރިބާކާރެކެވެ. ގަތަރުގައި ބޭއްވި އެންމެ ފަހުގެ ވޯލްޑް ކަޕްގައި ކެމަރޫންގެ އެސިސްޓަންޓް ކޯޗެއްގެ ގޮތުގައި ވެސް މަސައްކަތްކުރި މިގްނޭ، ޓީމާއި ހަވާލުވިފަހުން އެގައުމަކަށް ނުދެއެވެ.  އޭނާ މިހާރު އަންނަނީ، ގައުމުން ބޭރުގައި ދިރިއުޅޭ ހެއިޓީއަށް ނިސްބަތްވާ ހުނަރުވެރި ކުޅުންތެރިން ހޯދައި، ގައުމީ ޓީމު ވަރުގަދަކުރުމަށް ބޮޑެތި މަސައްކަތްތަކެއް ކުރަމުންނެވެ.

ޓީމުގެ ބައެއް ކުޅުންތެރިންނަށް ބަލާލާއިރު، ފޯވާޑް 33 އަހަރުގެ ނަޒޯން ކުޅެމުންދަނީ އީރާނުގެ އެސްޓެގްލާލް ކްލަބަށެވެ. މިޑްފީލްޑްގައި ހިމެނޭ އުމުރުން 27 އަހަރުގެ ޖޯން ރިކްނާ ބެލެގާޑަކީ އިނގިރޭސި ޕްރިމިއާ ލީގުގެ ވުލްވްސްއަށް ކުޅޭ، ޔޫރަޕްގެ ފުޓްބޯޅައިގެ ތެރެއިން ތަޖުރިބާ ލިބިފައިވާ ކުޅުންތެރިއެކެވެ. ޓީމުގެ ކެޕްޓަނަކީ ތަޖުރިބާކާރު ގޯލްކީޕަރު، އުމުރުން 38 އަހަރުގެ ޖޯނީ ޕްލަސައިޑްއެވެ. އޭނާ ކުޅެމުންދަނީ ފަރަންސޭސި ލީގު 2 ގެ ބަސްޓިއާ އަށެވެ.

ހެއިޓީ ވޯލްޑް ކަޕަށް ދަތުރުކުރީ، ހޮންޑިއުރަސް، ކޮސްޓަ ރީކާ އަދި ނިކަރާގުއާ ފަހަތަށް ޖައްސާލުމަށްފަހު، ކޮންކާކަފް ކޮލިފައިން ގްރޫޕުގެ އެއްވަނަ ހޯދައިގެންނެވެ.

ކިޔުންތެރިންގެ ހިޔާލު