ENGLISH
06 ޖޫން 2026
އެންމެ މަޤްބޫލު
ހޫނުގަދަ މޫސުމެއްގައި ނަމަ އަޅުގަނޑުމެންނަށް އުޅެވޭނީ، އެންމެ ގަޔާވާ ފިނި ކާއެއްޗަކުން އަރުތެރެ ފިނިކޮށްލާށެވެ. އައިސްކްރީމްއެއް ބޯލާ ވަގުތުގައި، ކުއްލިއަކަށް ނިތްކުރިމައްޗަށް ތޫނު އެއްޗަކުން ހަރާލާ ފަދަ އިހުސާސެއް ކުރެވެ އެވެ. މީގެ އިތުރުން ސިކުނޑީގެ ފުންމިނުން އަންނަ ކަހަލަ ތޫނު ތަދެއް އިހުސާސްކުރެވޭ ފަހަރުވެސް އާދަ އެވެ.
އެމެރިކާގެ ނިއުރޮލޮޖިސްޓެއް ކަމަށްވާ އަމާލް ސްޓާލިން ބުނީ، "އައިސްކްރީމް ހެޑްއޭކް" ނުވަތަ އައިސްކްރީމް ކެއުމުން ބޮލުގައި ރިއްސުމަކީ ވަރަށް އާންމު ކަމެކެވެ. އެހެންނަމަވެސް މިއީ އެއްވެސް ނުރައްކަލެއް ހުރި ކަމެއް ނޫން ކަމަށާއި، މިއީ ކުއްލިއަކަށް އައިސްފައި ތަދު، އެހާމެ އަވަހަށް ފިލައިގެންދާ ކަމެއް ކަމަށް އޭނާ ފާހަގަކޮށްފައިވެ އެވެ.
ސުވާލަކީ، ފިނި އެއްޗެއް އަވަހަށް ކައިލުމުން މިފަދަ "އަދަބެއް" ނުވަތަ ތަދެއް އިހުސާސްވަނީ ކީއްވެގެން ހެއްޔެވެ؟ ދިރާސާތަކުން އެނގިފައިވާ ގޮތުގައި، މި "ބްރެއިން ފްރީޒް" ނުވަތަ ސިކުނޑި ގަނޑުވާ ފަދަ އިހުސާސަކީ ހަމައެކަނި ފޮނި ކާތަކެތި ކާހިތްވާ މީހުންނަށް ކުރިމަތިވާ އުނދަގުލެއް ނޫނެވެ. މިއީ ސައިންޓިފިކް ހޯދުންތަކަށް އެތައް އަހަރެއް ކުރިން އެނގިފައިވާ ކަމެކެވެ. އަދި މިއީ ތިބާގެ ސިއްހަތާ ގުޅޭގޮތުން ހީނުކުރާ ފަދަ މައުލޫމާތުތަކެއް ހާމަކޮށްދޭ ކަމެއްވެސްމެ އެވެ.
ބްރެއިން ފްރީޒް އަކީ ކޮބާ؟
ސްޓާލިން ވިދާޅުވާ ގޮތުގައި، ކުޑައިރުއްސުރެ އަހަރެމެން "ބްރެއިން ފްރީޒް" ނުވަތަ "އައިސްކްރީމް ހެޑްއޭކް" ގެ ނަމުން ދަންނަ މި ކަމަށް ސައިންސްވެރިން ކިޔަނީ "ކޯލްޑް-ސްޓިމިއުލަސް ހެޑްއޭކް" އެވެ. ސައިންސްވެރިން ގަބޫލުކުރާ ގޮތުގައި މިއީ އަނގައިގެ މަތީ ފަރާތް ނުވަތަ ކަރުތެރޭގެ އެންމެ ފަހަތް ކުއްލިއަކަށް ފިނިވުމުން ދިމާވާ ކަމެކެވެ. މިގޮތަށް ފިނިވުމުން ލޭހޮޅިތައް ވަރަށް އަވަހަށް ކުޑަކޮށް ނުވަތަ ހަނިކޮށްލަ އެވެ. އަދި އޭގެ ފަހުން ލޭ ދައުރުވުން އާންމު ހާލަތަށް ގެނައުމަށްޓަކައި އެ ލޭހޮޅިތައް އަލުން ފުޅާވާން މަޖުބޫރު ކުރުވަ އެވެ.
މި ލޭހޮޅިތަކުގައި ހުންނަ ރިހުން އިހުސާސްކޮށްދޭ ފައިބަރތައް ގުޅިފައިވަނީ "ޓްރައިޖެމިނަލް ނާވް"އާ އެވެ. މިއީ ނިތްކުރިއާއި މޫނުގެ އެކި ހިސާބުތަކުން ތަދު އިހުސާސްކޮށްދޭ މައި ނާރެވެ. އެހެންކަމުން، އައިސްކްރީމް ކެއުމުން އަނގައިގެ ތެރެއަށް ތަދުވުމުގެ ބަދަލުގައި، ނިތްކުރިމައްޗަށާއި ބޮލުގެ ތެރެއަށް ބާރުވެ ތަދުވާ ފަދަ އިހުސާސެއް ކުރެވެނީ އެހެންވެގެންނެވެ.
މީގެ އިތުރުން، ބައެއް ހޯދުންތަކުން އެގިފައިވާ ގޮތުގައި މާ ފިނި އެއްޗެހި ކެއުމާއި ބުއިމުގެ ސަބަބުން ހިތުގެ ވިންދަށް ބަދަލު އައުން ނުވަތަ "ކޯލްޑް ޑްރިންކް ހާޓް" ފަދަ ކަންކަން ދިމާވުމަކީ އެކަށީގެންވާ ކަމެކެވެ. މިއީ ހާއްސަކޮށް މެދުއުމުރުގެ ފިރިހެނުންނަށް ބޮޑަށް ދިމާވާ ކަމެއް ކަމަށްވެސް ހޯދުންތަކުން ހޯދާފައިވެ އެވެ.
މިފަދަ ބޮލުގެ ރިހުމުން ސަލާމަތްވުމަށްޓަކައި، ފިނި އެއްޗެހި ކާއިރު ލަސްލަހުން ކެއުމަށް ސްޓާލިން ލަފާދެއްވަ އެވެ. ބްރެއިން ފްރީޒް ދިމާވަނީ ކުއްލިއަކަށް ފިނިވުމުން ކަމަށްވާތީ، ކޮންމެ އެތިކޮޅެއް ބޯލުމަށްފަހު ނުވަތަ ކާލުމަށްފަހު އަނގައިގެ މަތީ ފަރާތުން ހޫނުވުމަށް ވަގުތު ދިނުމަކީ މީގެ ހައްލެކެވެ. ނަމަވެސް، މާ އަވަހަށް ކެވިގެން ބޮލުގައި ރިއްސަން ފަށައިފިނަމަ، ދޫގެ ދަށްފަރާތް އަނގައިގެ މަތީ ފަރާތުގައި ޖައްސައިގެން އެ ހިސާބު ހޫނުކުރުމަށް ސްޓާލިން އިރުޝާދު ދީފައިވެ އެވެ. ދޫވެސް ފިނިވެފައިވާނަމަ، ބޮޑުވައި އިނގިލި ޖައްސައިގެން ނުވަތަ ހޫނު ބުއިމެއް ބޭނުންކޮށްގެން ހޫނުކުރެވިދާނެ އެވެ.
ބައެއް މީހުންނަށް ބްރެއިން ފްރީޒް ދިމާވާއިރު އަނެއް ބަޔަކަށް އެއްވެސް އުނދަގުލެއް ނުވެ ފިނި އެއްޗެހި ބޮވެނީ ކީއްވެގެން ހެއްޔެވެ؟ އިޓަލީގެ ޔުނިވާސިޓީ އޮފް ޕަޑުއާގެ ޕްރޮފެސަރެއް ކަމަށްވާ އިރީން ޓޯލްޑޯ އާއި އޭނާގެ ޓީމުން ވަނީ މިކަން ދެނެގަތުމަށްޓަކައި ވޭތުވެދިޔަ 40 އަހަރުގެ ދިރާސާތައް މުތާލިއާކޮށްފަ އެވެ.
ދުނިޔޭގެ އެކި ކަންކޮޅުތަކުން އެއްކުރި މައުލޫމާތުން އެނގުނު ގޮތުގައި، ބްރެއިން ފްރީޒް އަކީ އާއިލީ ގޮތުން ވާރުތަވާ ކަމެކެވެ. މައިންބަފައިންނަށް މި މައްސަލަ ދިމާވާނަމަ، ދަރިންނަށްވެސް ދިމާވުމުގެ ފުރުސަތު ބޮޑެވެ. މީގެ އިތުރުން، އެންމެ ބޮޑު ތަފާތަކީ އެ މީހަކަށް މައިގްރޭން ނުވަތަ ބޮލުގެ އެއްފަރާތުގައި ރިއްސުމުގެ މައްސަލަ ހުރުމެވެ. މައިގްރޭން ހުންނަ މީހުންނަށް ބްރެއިން ފްރީޒްގެ ތަދު މާ ގަދަޔަށް އިހުސާސް ކުރެވެ އެވެ. 1970 ގެ އަހަރުތަކުގައި ހެދި ދިރާސާއަކުން ދައްކާ ގޮތުގައި، މައިގްރޭން ހުންނަ މީހުންގެ 93 އިންސައްތަ މީހުންނަށް އައިސްކްރީމް ހެޑްއޭކް ކުރިމަތިވެ އެވެ. ނަމަވެސް މައިގްރޭން ނެތް މީހުންގެ ތެރެއިން މިކަން ދިމާވަނީ ތިންބައިކުޅަ އެއްބައި މީހުންނަށެވެ.
ސްޓާލިން ވިދާޅުވާ ގޮތުގައި، މައިގްރޭން ހުންނަ މީހުންގެ ޓްރައިޖެމިނަލް ނާރަކީ ވަރަށް ނާޒުކު ނާރެކެވެ. އެހެންކަމުން ފިނި އެއްޗެއް ޖެހުމާއެކު އެ ނާރު މާ ބޮޑަށް ހަރަކާތްތެރިވެ، ގަދަ ތަދެއް އުފައްދަ އެވެ. އެހެންކަމުން، ބްރެއިން ފްރީޒްގެ ތަދު އާދަޔާ ހިލާފަށް ބޮޑުނަމަ، އެއީ ފަރުވާ ބޭނުންވާ މައިގްރޭން ފަދަ ބައްޔެއްގެ ނިޝާނަކަށް ވެދާނެ އެވެ.
1960 ގެ އަހަރުތަކުން ފެށިގެން ސައިންސްވެރިން ދަނީ މައިގްރޭން ދިރާސާކުރުމަށްޓަކައި ބްރެއިން ފްރީޒް ބޭނުންކުރަމުންނެވެ. މައިގްރޭން އަކީ ކޮންމެ ވަގުތެއްގައިވެސް އަތުވެދާނެ ކަމަކަށް ވާތީ، އެ މައްސަލަ ހުންނަ މީހުން ލެބޯޓްރީއަށް ގެނެސް އެމް.އާރު.އައި ހެދުމަކީ އުނދަގޫ ކަމެކެވެ. އެހެންކަމުން، ބްރެއިން ފްރީޒް މެދުވެރިކޮށް ބޮލުގެ ރިހުން އުފެއްދުމުން، މައިގްރޭން ވަގުތު ސިކުނޑިއަށް ވާގޮތް ދެނެގަތުމަށް ފަސޭހަވެގެންދެ އެވެ. މީގެ ސަބަބުން ލޭގެ ދައުރުވުމާއި ނާރުތަކުގެ މަސައްކަތް ހުންނަ ގޮތް ދެނެގަނެ، އާ ފަރުވާތައް ހޯދުމަށް މަގުފަހިވެގެން ގޮސްފައިވެ އެވެ.
މައިގްރޭން ހުންނަ މީހުން އައިސްކްރީމް ކެއުން ހުއްޓާލާކަށް ނުޖެހެ އެވެ. އެހެންނަމަވެސް އައިސްކްރީމް ކާއިރު މަޑުމަޑުން، ވަގުތު ދީގެން ކެއުން މުހިންމެވެ. އޭރުން ބޮލުގެ ރިހުމުން ސަލާމަތްވުމުގެ އިތުރުން، އައިސްކްރީމްގެ އަސްލު ރަހަވެސް މާ ބޮޑަށް އެގިގެންދާނެ އެވެ.