ENGLISH

06 ޖޫން 2026

Advertisement

މިއަހަރުގެ "ބްލޫ މޫން" މިރޭ ފެންނާނެ

31 މޭ 2026

|

އާމިނަތު ނުޒްލާ

މިއަަހަރުގެ ބްލޯ މޫން މިރޭ ފެންނާނެ-- ފޮޓޯ: ނިއުޔޯކް ޕޯސްޓް

މިއަހަރުގެ "ބްލޫ މޫން" ނުވަތަ އެއް މަހެއްގައި ފެންނަ ދެވަނަ ފުލް މޫން (ހަނދު ފުރިހަމަވުން) މި ހަފުތާ ބަންދުގައި އުޑުމަތިން ފެންނާނެ ކަމަށް ފަލަކީ މާހިރުން ބުނެފި އެވެ.

މި މެއި މަހުގެ ފުރަތަމަ ދުވަހު ފެނުނު "ފްލާވަރ މޫން" އަށް ފަހު، މިރޭ މި އަހަރުގެ ހަނދުގެ ބުރު ފުރިހަމަވެ، "ބްލޫ މޫން" ފެންނާނެ އެވެ. އާންމުކޮށް ކޮންމެ ދެ އަހަރަކުން ނުވަތަ ތިން އަހަރަކުން އެއްފަހަރު ފެންނަ މި މަންޒަރަކީ، މީލާދީން އެއް މަހެއްގައި ދެ ފަހަރަށް ހަނދު ފުރިހަމަވުމެވެ.

މިފަހަރުގެ ބްލޫ މޫންގެ ހާއްސަ ސިފައަކީ މިއީ "މައިކްރޯ މޫން" އަކަށް ވުމެވެ. މިއީ ހަނދު ދުނިޔެއާ އެންމެ ދުރުގައި ހުންނަ ވަގުތާ ދިމާވާ ފުރިހަމަ ހަނދެކެވެ. މިގޮތުން ހަނދު ދުނިޔެއާ ގާތްގަނޑަކަށް 252,360 މޭލު ދުރުގައި ހުންނައިރު، އާންމު ފުރިހަމަ ހަނދަކަށްވުރެ ހަ އިންސައްތަ ކުޑަކޮށް އަދި 10 އިންސައްތަ ފަނޑުކޮށް ފެންނާނެ ކަމަށް އެސޯސިއޭޓެޑް ޕްރެސް އިން ރިޕޯޓްކޮށްފައިވެ އެވެ.

ހަނދު އެންމެ ބޮޑުކޮށް އަދި ރީތިކޮށް ފެންނާނީ ހޮނިހިރު ދުވަހުގެ އިރުއޮއްސޭ ވަގުތު އިރުމަތީ ފަރާތުން ހަނދު އަރައިގެން އަންނަ ވަގުތުގަ އެވެ. ހަނދު އެންމެ ފުރިހަމައަށް އަލިވާނީ އާދީއްތަ ދުވަހުގެ މެންދަމު ރާއްޖެ ގަޑިން ގާތްގަނޑަކަށް 1:45 ގަ އެވެ. މި މޫންއަށް "ބްލޫ މޫން" ކީ ކަމުގައި ވިޔަސް، އިރުއޮއްސޭ ވަގުތު ހަނދު ފެންނާނީ ރަތް ނުވަތަ އޮރެންޖު ކުލައެއްގަ އެވެ.

މި ފުރިހަމަ ހަނދާއެކު އުޑުމަތިން އިތުރު ރީތި މަންޒަރުތަކެއްވެސް ފެންނާނެ އެވެ. އެގޮތުން ސްޕޭސް ޑޮޓް ކޮމްއިން ބުނާ ގޮތުގައި، "ސްކޯޕިއަސް" ތަރިބުޖޭގެ އެންމެ އަލިގަދަ ތަރި ކަމަށްވާ "އެންޓަރެސް" ގެ ކައިރިން ހަނދު ފެންނައިރު ޖުޕިޓާރ، ވީނަސް އަދި މާކިއުރީ އުދަރެހުން އެއް ސަފަކަށް އަތުރާލެވިފައިވާ މަންޒަރު ފެންނާނެ ކަމަށް މާހިރުން ބުނެފައިވެ އެވެ.

މިފަދަ "ބްލޫ މޫން" އެއް ދެން އެންމެ އަވަހަށް ފެންނާނީ 2028 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 31 ގަ އެވެ.

ކިޔުންތެރިންގެ ހިޔާލު