ENGLISH

31 މޭ 2026

Advertisement

އަންނަން އޮތް ޖީލު ދުންފަތުގެ ވަބާއިން ރައްކާތެރިކުރުމުގެ އަޒުމް އައުކުރަންޖެހޭ: ފަސްޓް ލޭޑީ

31 މޭ 2026

|

އައިމިނަތު ޝަފާ

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު

މިއަދު ފާހަގަކުރަމުންދާ ދުންފަތާ ދެކޮޅަށް މަސައްކަތްކުރާ ދުވަހު، އަންނަ އޮތް ދިވެހި ޖީލު ދުންފަތުގެ ވަބާއިން ރައްކާތެރިކުރުމުގެ އަޒުމް އައުކުރަންޖެހޭކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ވިދާޅުވެއްޖެ އެވެ.

ދުންފަތާ ދެކޮޅަށް މަސައްކަތްކުރާ ދުވަހުގެ މުނާސަބަތުގައި "އެކްސް"ގައި ހިއްސާކުރެއްވި ޕޯސްޓުގައި އެކަމަނާ ވިދާޅުވީ ދުންފަތުގެ ބާވަތްތަކާއި ނިކޮޓިންގެ ވަބާއިން ސަލާމަތްވުމުގެ ހައްގު ކޮންމެ ޒުވާނަކަށްވެސް އޮތްކަމަށެވެ. އަދި އަންނަ އޮތް ޖީލު މިވަބާއިން ރައްކާތެރިކުރުމަށް ގުޅިގެން މަސައްކަތްކުރުމުގެ އަޒުމް މިފަދަ ދުވަހެއްގައި އައުކުރަންޖެހޭކަމަށް ވެސް އެކަމަނާ ވިދާޅުވި އެވެ.

ދުންފަތާ ދެކޮޅަށް މި ސަރުކާރުން އަޅުއްވާފައިވާ މުހިއްމު ފިޔަވަޅުތައް ފާހަގަކުރައްވަމުން އެކަމަނާ ވިދާޅުވީ މިކަމާ ގުޅޭގޮތުން ހޭލުންތެރިކުރުވުމާއި، ތައުލީމުގެ ތެރެއިން ދުންފަތާ ދެކޮޅަށް ދެމެހެއްޓެނިވި ގޮތެއްގައި މަސައްކަތް މުހިންމުކަމަށެވެ. އަދި އެކުގައި ކުރެވޭ މަސައްކަތުން ދުޅަހެޔޮ ޖީލެއް ބިނާކުރުމަށް މަސައްކަތްކުރުމަށް އެކަމަނާ ގޮވާލެއްވި އެވެ.

ކޮންމެ އަހަރެއްގެ ވެސް މެއި މަހުގެ 31 ވަނަ ދުވަސް ފާހަގަކުރަނީ ބައިނަލްއަގުވާމީ ދުންފަތާ ދެކޮޅަށް މަސައްކަތްކުރާ ދުވަހުގެ ގޮތުގަ އެވެ.

މި ދުވަސް ފާހަގަކުރުމުގެ މައިގަނޑު މަގުސަދަކީ ދުންފަތުގެ ސަބަބުން ސިއްހަތަށް ލިބޭ ގެއްލުންތަކާމެދު މީހުން ހޭލުންތެރިކޮށް، ދުންފަތުގެ އިސްތިއުމާލުކުރުން މަދުކުރުމަށް ބާރުއެޅުމެވެ.

ކިޔުންތެރިންގެ ހިޔާލު