ENGLISH

25 މޭ 2026

Advertisement

އެމްޑީޕީގެ ފެކްޝަންތަކުގެ ކޯޅުން؛ ދެ ފަޅީގެ ސަޕޯޓަރުން މީސްމީޑިޔާގައި އެއްބަޔަކު އަނެއް ބަޔަކު "ނޮޅައިކަނީ"

25 މޭ 2026

|

ޝިފްޒާން އަޙްމަދު

ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙާއި ރައީސް މުޙައްމަދު ނަޝީދު، ފޮޓޯ: ވިރާސީ

ފާއިތުވި އެމްޑީޕީ ވެރިކަމުގައި ޕާޓީގެ ތެރޭގައި އުފެދުނު ބައިބައިވުންތަކާއި އެއިރު އެ ބައިބައިވުންތަކުގެ ތެރެއިން އުފެދުނު އުދާހާއި ކެކުޅުން މިހާރު ކުރިއަށްދާ އެ ޕާޓީގެ ޗެއާޕާސަންގެ އިންތިހާބާ ގުޅިގެން އަލުން ތިލަވެ، އެ ޒަަހަމްތަކުގައި ހުރި ދިލަ އިހުސާސްތައް އޭގެ އެންމެ ތާޒާކަންމަތީ މީސްމީޑިޔާ މަންސަތަކަށް ބަންޑުންވެއްޖެއެވެ. 

މި ދިލައިގެ ހޫނު ގަދަވީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ އަރިހުގައި އެންމެ ވަފާދާރު ބޭފުޅެއްގެ ގޮތުގައި ހުންނެވި އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލު، ޞާލިޙުގެ ވާދަވެރިޔާ ރައީސް މުޙައްމަދު ނަޝީދު އަލުން އެމްޑީޕީއަށް ވަޑައިގަންނަވަން މަގުފަހިކޮށްދެއްވުމަށްފަހު، ނަޝީދުގެ އަތްޕުޅުގައި ހިއްޕަވައިގެން "ބޮޑު ބަދަލު"ގެ ނަމުގައި ޕާޓީގެ ޗެއާޕާސަންކަމަށް އެމަނިކުފާނު އިންތިހާބުކުރައްވަން ނުކުމެވަޑައިގަތުމުންނެވެ. 

މި ގިލަންވެރިކަން އިތުރަށް ބޮޑުވީ ރައީސް ޞާލިޙާއި ރަައީސް ނަޝީދުގެ މެދުގައި އުފެދުނު ނުތަނަވަސްކަމާ ގުޅޭ ގޮތުން ދެ ބޭފުޅުން ވާހަކަދައްކަވަން ފެއްޓެވުމުންނެވެ. ދެ ބޭފުޅުންގެ ސަޕޯޓަރުން މީސްމީޑިޔާ މަންސަތަކުގައި 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބާ ކުޑަތަންވިއިރު ޕާޓީގެ ތެރޭގައި އުފެދިފައި އޮތް ނުތަނަވަސްކަމާމެދު އެ ބަޔަކަށް ފެންނަ ގޮތް ހިއްސާކޮށް ފާޑުކިޔަނީއެވެ. ފާޑުކިޔުމަށްވުރެ، އެއްބަޔަކު އަނެއްބަޔަކީ ދުޝްމިނުން އަދާވާތްތެރިންނޭ ހީވާ މިންވަރަށް ބަސްމަގު ގެންދަނީއެވެ. 

ނަޝީދުގެ ބަސްމަގު؛ ތާއީދުނުކުރާ މީހުން އެކަހެރިކުރާ ގޮތަށް 

މިކަމެއް މިހެން ހިނގަމުންދަނިކޮށް ރޭ ސޯޝަލް މީޑިޔާއަށް ތިލަވީ ގުރޫޕެއްގައި ރައީސް ނަޝީދާއި އެމްޑީޕީގެ ލޯޔަރުންގެ ތެރެއިން ވަކީލު މަހުފޫޒު ސައީދާ ދެމެދު ބަދަލުކުރެވުނު ބަހުގެ ހަމަލާތަކެކެވެ. ނަޝީދު ވިދާޅުވީ އިންތިހާބުގައި ނާކާމިޔާބުވާ ބޭފުޅުން ޕާޓީގެ ކަންކަމުގައި ކުޑަކޮށް ފަހަތަށް ޖެހިވަޑައިގަންނަވަންޖެހޭނެ ކަމަށެވެ. މަހުފޫޒު އެވާހަކައާ އެއްބަސްވެވަޑައިނުގަތެވެ. 

ނަޝީދު ދެކެވަޑައިގަންނަވާ ގޮތުގައި އިންތިހާބެއް ކާމިޔާބުވަނީ ވަރަށް ގިނަ ބަކު ބުރަ މަސައްކަތްތަކެއް ކޮށް ގުރުބާނީތަކެއް ވެގެންނެވެ. އިންތިހާބު ކާމިޔާބުކުރުމުގައި އުޅުނު މީހުން އިންތިހާބީ ކާމިޔާބަށްފަހު ފަހަތަށްޖައްސައި ދުރުގައި ތިބި ބަޔަކު ކައިރިކުރުމަކީ އިންސާފެއް ކަމުގައި ދެކެވަޑައިނުގަންނަވާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި މަހުފޫޒުވެސް ކެމްޕެއިނާ ގުޅިވަޑައިނުގެން ދުރުގައި ހުންނަވާނަމަ ޖެހިވަޑައިގަންނަވާނީ ފަހަތަށް ޖެހިވަޑައިގަންނަވަންކަމަށް ނަޝީދު ވިދާޅުވިއެވެ. 

މަހުފޫޒުވަނީ ނަޝީދުގެ ވާހަކަަފުޅަކީ ބިރުދެއްކެވުމުގެ އަމަލެއްކަމަށް ސިފަކުރައްވައި، "މަށަށް ތާއީދުނުކުރި މީހުންނަށް ހޭއަރުވައިލުމަކީ" ކަމުދާ ގޮތެއް ނޫންކަމަށް ވިދާޅުވެފައެވެ. ޖަވާބުގައި ނަޝީދު ވިދާޅުވީ އެންމެން ގޮވައިގެން އުޅެވޭނީ ސަފު ހަދައިގެންނެވެ. އެ ވިދާޅުވީ އެންމެ ކައިރީ ތިބޭ މީހުންނާއި އެއަށްވުރެ ފަހަތު ސަފުތަކުގައި ތިބޭނެ މީހުން ކަނޑައަޅައިގެން ނޫނީ އެންމެން ގޮވައިގެން ޕާޓީ ނުހިންގެވޭނެ ކަމަށެވެ. 

ޞާލިޙާ ޖެހުނު މައްސަލައަކީ ނަޝީދުގެ ވިދުން ގަދަވުން

ރައީސް ޞާލިޙުގެ ވެރިކަމުގައި ޕާޓީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މަގާމުގައި ހުންނެވި ރައީސް ނަޝީދާއި އެމަނިކުފާނުގެ އަރިސް ބޭފުޅުން އެމްޑީޕީ ދޫކުރައްވައި ނުކުމެވަޑައިގަތުމުގެ ކުރިން އެންމެ ގަދައަށް ދެއްކެވި ވާހަކަފުޅަކީ ޕާޓީގެ ތެރެއިން އިންތިޒާމީ ގޮތެއްގައި ނަޝީދު އެކަހެރިކުރުމުގެ މަސައްކަތްތަކެއް ކުރެވުނު ވާހަކައެވެ. މިއަދު ނަޝީދާ ވާދަކުރައްވާ މީކާއީލަކީ ކުރިން ނަޝީދުގެ ފަޅީގައި ހުންނަވައިގެން މި މޭރުމުން ވާހަކަދެއްކެވި ބޭފުޅެއްވެސްމެއެވެ. 

ނަޝީދުވަނީ އެމަނިކުފާނަށް ފެނިވަޑައިގަންނަވާ ގޮތުގައި އެމަނިކުފާނު އެކަހެރިކޮށް ޕާޓީން ފެއަށް ޖެއްސި ސަބަބަށް އަލިއަޅުވައިލައްވާފައެވެ. ނަޝީދު ވިދާޅުވި ގޮތުގައި ހަނދު އެރީމާ ތަރި ފެންނަނީ މަދުންނެވެ. އިރު އެރުމުން ހުރިހާ ތަރިއެއް އަދި ހެނދުވެސް އުދަރެހުން ގެއްލެއެވެ. 

ނަޝީދު ތުހުމަތުކުރައްވާ ގޮތުން ރައީސް ޞާލިޙުގެ އަރިހުގައި ތިއްބެވި ބަޔަކު އެމަނިކުފާނަށް އެރުވި ލަފައަކީ ނަޝީދު ހުންނަވައިފިނަމަ ޞާލިޙުގެ ރޯޝަންކަން ކުޑަވެ، އެމަނިކުފާނުގެ މަގުބޫލުކަން ދަށްވެދާނެ ކަމުގެ ލަފައެވެ. އަދި ޞާލިޙު އެ ލަފާ ގަބޫލުކުރައްވައިގެން އެއަށް ބައްލަވަައިގެން އަމަލުކުރައްވަމުން އެމަނިކުފާނު އެކަހެރިކުރެއްވީއެވެ. 

ރ.ދުވާފަރުގައި އެމްޑީޕީގެ އާއްމު މެންބަރުންތަކެއް އެމަނިކުފާނާ ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ނަޝީދު ވިދާޅުވީ 2019 ވަނަ އަހަރު ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުން އެމްޑީޕީއަށް ލިބުނު ބޮޑު ކާމިޔާބަށްފަހު، ތުއްޕުޅުއިރު އެއްތަށިން ފަރިއްކުޅުއްވައި އެކުގައި އުޅުއްވި ރައީސް ޞާލިޙު އެމަނިކުފާނާ ވާހަކަދެއްކެވުން ހުއްޓަވައިލައްވައިފިއެވެ. 

ޞާލިޙުގެ ސަޕޯޓަރުންގެ އުދާސް؛ ބާރާއި ޖާހު ގެއްލުނީ ނަޝީދާހުރެ 

ޞާލިޙުގެ ޓީމުގައި ގިނައިން ތިއްބެވީ އެމަނިކުފާނުގެ ވެރިކަމުގައި ދައުލަތުގެ އެކި މަގާމުތަކުގައި ތިއްބެވި ބޭފުޅުންނެވެ. ސަރުކާރުން ހިންގި މަޝްރޫއުތައް ލިބުނު ވިޔަފާރިތަކާއި ކުންފުނިތަކުގެ ވެރިންނެވެ. މިހާރުގެ މަޖިލީހުގެ މެންބަރުންނާއި އެއިރުގެ ވަޒީރުންނާއި ކުންފުނިތަކުގެ އެމްޑީންނެވެ. އެ ބޭފުޅުންގެ ޝަކުވާއަކީ ރައީސް ނަޝީދާހުރެ 2023 ވަނަ އަހަރު އެމްޑީޕީއަށް ވެރިކަން ގެއްލުމެވެ. އެ ބޭފުޅުން އާއްމު މެންބަަރުންގެ މެދުގައި އުފައްދަމުންދާ ޖަަޒުބާތަކީވެސް އެއީއެވެ. 

އެއިރު ރައީސް ނަޝީދުގެ ފެކްޝަނުގައި ތިއްބެވި ބޭފުޅުން ސަރުކާރުގެ ވެރިންނަށް ކުރެއްވި ބޮޑެތި ތުހުމަތުތަކުން ހިތްތަކަށް ލިބުނު އަނިޔާގެ ވޭނަކީވެސް ތާޒާކަމާއެކު އެއިން ބައެއް ބޭފުޅުން ހަނދުމަފުޅު ހުރި ކަންކަމެވެ. ފައްޔާޒު މައާފުކުރެއްވިއަސް، ޝައުނާއާއި، އާދަމް އާޒިމް ފަދަ ވަރަށް ގިނަ ބޭފުޅުން ތިއްބެވީ އެ ކަންކަން ހަނދުމަފުޅު ނައްތަވާލައްވައި ނަޝީދަށް މައާފުކުރައްވައިގެން ކުރިއަށްވަޑައިގެންނެވޭ ހާލަތުގައެއް ނޫނެވެ. 

މޭޔަރު އާޒިމުގެ އެންމެ އަރިސް ބޭފުޅުންގެ ތެރޭ ހިމެނިވަޑައިގަންނަވާ ހައިރައިސް އިއްސެ އެކްސްގައި ޝާއިއުކުރެއްވި ޕޯސްޓުން ސާފުވަނީ އެ އުދާހާއި ނުތަނަވަސްކަމެވެ. އޭނާ ލިޔުއްވާފައިވެއެވެ. 

"ކާކު ވާ ވައްދަންތޯ ތަޖުރިބާއޭ، ފައިސާ ހޯދޭނޭ މިކިޔަނީ. ތިބޭފުޅުން ތިޖޫރިއޭ، ވެންޓިލޭޓަރޭ ، ކަޓުނަގައިގެން ލޯނު ދިނީއޭ. މިލިއަނުން ބަދަލުދީ ދައުލަތް ލޫޓުވާލީއޭ އޭރުގެ ވަޒީރުންނާއި އަދި ބައެއްް އެމްޑީއިންނައް ގޮވާފައި، މިއަދު އެ ގޮވި ބޭފުޅުންނޭ ކިޔައިގެން އޭރު ސިޔާސީ ގޮތުން ހެއްދެވި ދޮގޭ ބުނީމާ، އާންމު މެމްބަރުންގެ ތެރޭގައި އުފެއްދެވި ނަފްރަތާ ރޭވި ނުބައި ރޭވުމަކީ ކޮންފަދަ ނުލަފާ ޖަރީމާއެއްތޯ. ތިޔަ ދަންނަވަނީ، އާންމު މެމްބަރުންނަކީ މޮޔައިންނޭތޯ؟،" އިއްސެ ލިޔުއްވިއެވެ. 

ޗެއާޕާސަން އިންތިހާބާއެކު ކައިރިނުވެވޭ ވަރަށް ދުރުވަނީ؟ 

އެތެރޭގެ އިންތިހާބުތަކުގައި އާއްމުކޮށް ޕާޓީތަކުގައި ފެންނަނީ ސިޔާސީ ގޮތުން ދުރުވިޔަސް ކައިރިނުވެވޭ މިންވަރަށް ދުރުނުވެ ތިބެވޭތޯ ބަލާ މަންޒަރެވެ. އެއްބަޔަކު އަނެއް ބަޔަކަަށް ފާޑުކިޔާއިރުވެސް ޖަޒުބާތުތައް ކައްކުވައިގެން އުފައްދާ ނަފުރަތުގެ ހުޅުގަނޑުގައި ޕާޓީ ރަނގަޅަށް ދެބައަށް ބެހިގެންނުދާނެހެން އަމަލުކުރެވޭތޯ ބަލާ މަންޒަރެވެ. 

ނަމަވެސް އެމްޑީޕީގެ ޗެއާޕާސަން އިންތިހާބުގައި ވަރަށް ބޮޑަށް ފެންނަނީ ޕާޓީގެ ކުރިމަގުގެ ބަހުސަށްވުރެ މާޒީއާއެކުވެސް ފަސްދީ އޮނބައިލި ތަނުގެ ވާހަކައިގެ ތެރެއަށް ޣަރަގުވާ މަންޒަރެވެ. ނަޝީދު ވިދާޅުވީ މާޒީ ކޮނުނު ވަރަަކަށް ފަސްގިނަވާނެ ކަމަށެވެ. ނަމަވެސް އެމަނިކުފާނާއި އެމަނިކުފާނަށް ތާއީދުކުރައްވާ ބޭފުޅުންވެސް ހަމަ މާޒީ ކޮންނަވަނީއެވެ. 

ޞާލިޙު ފެކްޝަން ނޫންކަމަށް ދައްކަވައިގެން މުޅިން މުސްތަގިއްލު ބޭފުޅެއްގެ ގޮތުގައި ކެމްޕެއިނަށް ނުކުމެވަޑައިގެން ހުންނެވި މެންބަރު މީކާއިލުގެ ޓީމުން ދައްކަން އޮތް ހަމައެކަނި ވާހަކައަކީ ނަޝީދު ޕާޓީއަށް ދެއްވި ކޮޅުކެހީގެ ވާހަކައެވެ. އިންތިހާބު ގެއްލުނީ ނަޝީދާހުރެ ކަމުގައި ވިދާޅުވެ ރޯކުރައްވަނީ ޖަޒުބާތުގެ އަލިފާނެވެ. ނަފުރަތުގެ ގިންޏެވެ. 

މި ދެ ކޭމްޕުގެ މެދުގައި ބަދަލުކުރެވޭ ބަހުގެ ހަމަލާތަކަށް ބަލާއިރު، ފަސްއެނބުރި އެއްބަޔަކު އަނެއްބަޔަކާ މޫނު ދިމާކުރަން ޖެހިލުންވެ ލަދުގަންނަ ހިސާބަށް މިކަން ހިނގައިދާނޭ ކަމަށް ބައެއް މީހުން ދެކެއެވެ. މީގެ ކުރިންވެސް އެއް ބަޔަކު އަނެއް ބަޔަކަށް ބަހުގެ ހަމަލާތައް ދީ، އެތިވަރު ގޮވަމުން ގޮސް ޕާޓީގެ ތަނބުތަކެއް ޕާޓީ ދޫކޮށްލީއެވެ. މިއަދުވެސް މިސްރާބުހުރީ ކޮންމެވެސް އެއް ބަޔަކު ޕާޓީއާ ވަކިވެދާން މަޖުބޫރުވާ ނުވަތަ އެއްބަޔަކު ޕާޓީގެ އެތެރޭގައި ހަވާސާވެގެން ހިނގައިދާނެ ގޮތަށެވެ. 

ކިޔުންތެރިންގެ ހިޔާލު