ENGLISH
25 މޭ 2026
"އަދަދު"ގެ ދޮގު ސިލްސިލާއަށް އިތުރު ބޮޅެއް؛ ޕީއެންސީގެ މެންބަރުންގެ މަޖިލީހާ ގުޅޭ ގޮތުން ފެތުރީ ބުހުތާނެއް
25 މޭ 2026
|
ޕީއެންސީގެ ސެނެޓު ބައްދަލުވުމެއްގައި ރައީސް ޑރ.މުޙައްމަދު މުޢިއްޒު ބައިވެރިވެވަޑައިގަންނަވަނީ، ފޮޓޯ: ޕީއެންސީ
އެންމެ މަޤްބޫލު
ސަރުކާރު ހިންގާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ މެންބަރުންގެ މަޖިލީހުގެ ބައްދަލުވުމެއްގަައި ރައީސުލްޖުމްހޫރިއްޔާ އަދި ޕީއެންސީގެ ރައީސް ޑރ.މުޙައްމަދު މުޢިއްޒު ހުށަހެޅުއްވި މުހިއްމު ކަމަކަށް އެ މަޖިލީހުގެ މެންބަރުން ދެކޮޅު ހެއްދެވިކަމަށް ބުނެ އޮންލައިން ނޫސް "އަދަދު"އިން ފެތުރި ވާހަކައަކީ އެއްވެސް ހަގީގަތެއް ނެތް ބުހުތާނު ވާހަކައެއްކަން ފަޅާއަރައިފިއެވެ.
ޕީއެންސީގެ ޗެއާޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲވަނީ އަދަދު ނޫހުން ފެތުރި ހަބަރުގެ ހަގީގަތް ބަޔާންކޮށްދެއްވައި އެކްސްގައި ޕޯސްޓެއް ޝާއިއުކުރައްވާފައެވެ. އެ ޕޯސްޓުގައި އަބްދުއްރަހީމް ވިދާޅުވީ ދާދިފަހުން ބޭއްވި މެންބަރުންގެ މަޖިލީހުގެ ރިޔާސަތު ބެލެހެއްޓެވި ޕާޓީގެ ރައީސް އަދި ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު އެ މަޖިލީހުން ވަކި ގޮތަކަށް ކަމެއް ނިންމުމަށް ހުށަނާޅުއްވާ ކަމަަށެވެ.
އިތުރަށް އަބްދުއްރަހީމް ވިދާޅުވީ ކޮންގްރެސް ޕާޓީއަކީ ޑިމޮކްރަސީގެ ރިވެތި އުސޫލުތަކާ އެއްގޮތަށް ހިންގާ ޕާޓީއެއް ކަމަށާއި، ޕާޓީގެ އެތެރޭގައި ފިތުނަ ފަސާދަ އުފައްދައި، އެ ޕާޓީގެ ލީޑަރުންނާއި މެންބަރުން ބައިބައިނުކުރެވޭނެ ކަމަށެވެ. އަދި މުޅި ޕާޓީ ދެމިއޮންނާނީ ސާބިތުކަންމަތީ ރައީސް ޑރ.މުޢިއްޒާއެކު ކަމަށްވެސް ވިދާޅުވިއެވެ.
އަބްދުއްރަހީމުގެ އިތުރަށް އެ ޕާޓީގެ ޕާލިމަންޓަރީ ގުރޫޕުގެ ލީޑަރު އިނގުރައިދޫ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރު އިބްރާހީމް ފަލާޙުވެސް އަދަދު ނޫހުން ފެތުރި ހަބަރާ ގުޅިގެން އެކްސްގައި ޕޯސްޓެއް ޝާއިއުކުރެއްވިއެވެ. އޭނާވެސް ވިދާޅުވީ އަދަދު ނޫހުން ފެތުރި ހަބަރަކީ ކަނޑައެޅިގެން ދޮގު ހަބަރެއް ކަމަށެވެ.
ފަލާހު ވިދާޅުވީ ރައީސް ވަކި ގޮތަކަަށް ކަމެއް ހުށަހެޅުއްވިނަމަ އެގޮތަށް އެކަމެއް ފާސްވީސްކަމަށެވެ. ސަބަބަކީ ޕީއެންސީގެ ލީޑަރުންނާއި އާއްމު މެންބަރުން ރައީސް ޑރ.މުޢިއްޒަށް ކުރާ ލޯތްބާއި އެމަނިކުފާނާމެދު ޕާޓީގެ ހުރިހާ ގިންތިއެއްގައި އޮތް ތާއީދުކަން ފަލާހު ފާހަގަކުރެއްވިއެވެ.
ރައީސް ބޭނުންފުޅު ކޮންމެ ކަމެއް ޕާޓީގެ މެންބަރުންގެ މަޖިލީހުން ފާސްވާނެކަން އެނގިވަޑައިގަތް ނަމަވެސް ރައީސް އިހުތިޔާރުކުރައްވަނީ ޕާޓިގެ އަސާސީ ގަވާއިދާއި ހެދިފައިވާ އުސޫލުތަކުގެ ތެރެއިން މަޝްވަރާގެ މަތިވެރި ސިފަ ކަމަށް ފަލާހު ވިދާޅުވިއެވެ.
އޭނާވެސް ވިދާޅުވީ ޕާޓީގެ މެންބަރުންގެ މަޖިލީހުގެ ބައްދަލުވުމުގައި ވަކި ގޮތަކަށް ވަކި ކަމެއް ކުރެއްވުމަށް ރައީސް ހުށަހަޅުއްވާފައިނުވާ ކަމަށާއި، ހުރިހާ ކަމެއްވެސް ރައީސް ދޫކޮށްލެއްވީ ސެނެޓުގެ މެންބަރުންނަށް ފެނިވަޑައިގަންނަވާ ގޮތަކަށް ނިންމެވުމަށް ކަމަށެވެ.
އިތުރަށް ފަލާހު ވިދާޅުވީ އެ ހަބަރުން ސާފުވީ އަދަދު ނޫހާއި އެގޮތަށް ދޮގު ހަބަރު ފަތުރާ މަދު ނޫސްތަކަށް މީހުން ލަނޑުދޭ މިންވަރު އިތުރުވެފައިވާކަން ކަމަށާއި، އަދި އެފަދަ ނޫސްވެރިން ލައްވައި ނޫސްތަކުގައި ކޮންމެފަދަ ވާހަކައެއްވެސް ލިޔެ ޝާއިއުކުރެވިދާނެކަން ކަމަށެވެ.
އެމްއެމްޓީވީއަށް މައުލޫމާތު ދެއްވަމުން ޕީއެންސީގެ ތަރުޖަމާނު އަލްއުސްތާޛު މުޙައްމަދު ފިރުޒުލްވެސް ވިދާޅުވީ ސެނެޓުގެ ބައްދަލުވުމުގައި ވަކި ގޮތަކަށް ކަމެއް ނިންމަވަން ރައީސް ހުށަނާޅުއްވާ ކަމަށެވެ. ހުރިހާ ކަމެއްގައިވެސް ރައީސް ހުށަހެޅުއްވީ ސެނެޓުގެ މެންބަރުންގެ މެދުގައި މަޝްވަރާކުރެއްވުމަށްފަހު އެ ބޭފުޅުންނަށް ފެނިވަޑައިގަންނަވާ ގޮތަކަށް ކަންކަން ނިންމެވުމަށް ކަމަށެވެ.
މީގެ ކުރިންވެސް ކެބިނެޓުގެ ބައްދަލުުވުމެއް ނެތް ދުވަހެއްގައި ކުއްލި ގޮތަކަށް ކެބިނެޓު ބައްދަލުވުމެއް ބޭއްވިކަމަށްވެސް އަދަދު ނޫހުން ރިޕޯޓުކުރިއެވެ. އަދި ސަރުކާރާއި ޕީއެންސީއާ ގުޅޭ ގޮތުން އަދަދު ނޫހުގައި ނަން ހާމަނުކުރާ ގޮތަށް މައުލޫމާތު ހިއްސާކުރާ މަސްދަރުތަކާ ހަވާލާދީ ވަރަށް ގިނައިން އެކި ހަބަރުތައް ގެނެސްދީފައި ހުންނައިރު، އެ ހަބަރުތަކުގެ ސައްހަކަން ކަށަވަރުކުރުމުން އެއިން ގިނަ ހަބަރަކީ އެއްވެސް އަސާސެއް ނެތި ލިޔެފައި ހުންނަ ހިޔާލީ ވާހަކަތައްކަން ހާމަވެފައިވެއެވެ.