ENGLISH
19 މޭ 2026
ރަށްތަކަށް ކަރަންޓު ދޭން ދުވާލަކު 8،000 ފީފާ ޑީސަލް އަންދަންޖެހޭ
19 މޭ 2026
|
ތިމާވެއްޓާބެހޭ ވުޒާރާގެ ޑިރެކްޓާ ޖެނެރަލް އަހްމަދު އަލީ
އެންމެ މަޤްބޫލު
މީހުން ދިރިއުޅޭ ރަށްރަށަށް ކަރަންޓު ފޯރުކޮށްދިނުމަށްޓަކައި ދުވާލަކު 8000 ފީފާ ޑީސަލް އަންދަންޖެހޭ ކަމަށް މޫސުމީ ބަދަލުތަކާއި، ތިމާވެއްޓާއި، ހަކަތައާ ބެހޭ ވުޒާރާގެ ޑިރެކްޓާ ޖެނެރަލް އަހްމަދު އަލީ ވިދާޅުވެއްޖެއެވެ.
ޑިރެކްޓާ ޖެނެރަލް މިފަދައިން ވިދާޅުވީ ތިމާވެއްޓާބެހޭ ވުޒާރާއިން މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ.
ޑިރެކްޓާ ޖެނެރަލް ވިދާޅުވީ ދުވާލަކު 8000 ފީފާ ޑީސަލް އަންދާއިރު އެއީ އަހަރަކަށް ބަލާނަމަ 2.9 މިލިއަން ފީފާގެ ޑީސެލް ކަމަށެވެ.
މީގެ ކުރީން ޑީސެލް އެތެރެކުރުމަށް ގާތްގަޑަކަށް 50 މިލިއަން ޑޮލަރު މަހެއްގެ މައްޗަށް ހޭދަކުރިނަމަވެސް މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން މި އަދަދު އިތުރުވިއެވެ. އެގޮތުން 116 މިލިއަން ޑޮލަރު މާޗް މަހުގެ ނިޔަލަށް ތެޔޮ އެތެރެކުރުމަށްޓަކައި ހޭދަކޮށްފައިވާ ކަމަށް އަހްމަދު އަލީ ވިދާޅުވިއެވެ. އަދި މި ހަނގުރާމާގެ ސަބަބުން މި އަދަދު އިތުރުވެދާނެކަމަށް އޭނާ ލަފާކުރެއްވިއެވެ.
"އަޅުގަނޑުމެން އެބަ ޖެހޭ ޑީސަލް ނޫނީ ރާއްޖެއިން ބޭރުން އިމްޕޯޓްކުރާ ތެލައް ބަރޯސާވާ މިންވަރު ކުޑަކޮށް ރާއްޖެއިން ލިބެންހުރި އިއާދަކުރެވެނި ހަކަތާގެ ވަސީލަތްތަކަށްދާން" ޑިރެކްޓާ ޖެނެރަލް އަހްމަދު އަލީ ވިދާޅުވިއެވެ.
މީގެއިތުރުން ޑިރެކްޓާ ޖެނެރަލް ވަނީ މިވަގުތު ރާއްޖޭގައި ކަރަންޓު އުފެއްދުމުގެ ގާބިލުކަން ހުރި މިންވަރު ތަފުސީލުކޮށްދެއްވާފައެވެ. އެގޮތުން މީހުން ދިރިއުޅޭ ރަށްރަށުގެ އިތުރުން ރިސޯޓުތައް އަދި އިންޑަސްޓްރިއަލް ރަށްތަކުގައި 640 މެގްވޯޓުގެ ކަރަންޓު އުފެއްދޭނެ ގާބިލުކަން ހުންނާނެ ކަމަށް ޑިރެކްޓާ ވިދާޅުވިއެވެ.
ޑީސަލަށް ބަރޯސާވާ މިންވަރު ކުޑަކޮށް އިއާދަކުރަނަވި ހަކަތައިން ކަރަންޓު އުފައްދާ މިންވަރު އިތުރުކުރުމަކީ މި ސަރުކާރުގެ އަމާޒެކެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު އިއުލާނުކުރެއްވި ގޮތުން ސަރުކާރުން މަސައްކަތްކުރަނީ 2028 ވަނަ އަހަރުގެ ނިޔަލަށް ރާއްޖޭގައި އުފައްދާ ކަރަންޓުގެ 33 އިންސައްތަ އިއާދަކުރަނަވި ހަކަތައިން އުފެއްދުމަށެވެ.
ރައީސް ޑރ.މުޢިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތްއިރު ރާއްޖޭގައި އިއާދަކުރަނަވި ހަކަތައިން އުފައްދަނީ އެންމެ 55 މެގަވޯޓުގެ ކަރަންޓެވެ. 2025 ވަނަ އަހަރުގެ ނިޔަލަށް އެ އަދަދުވަނީ 155 މެގަވޯޓަށް އިތުރުކޮށްފައެވެ. މިހާރު އަތޮޅު ތެރެއާއި މާލޭގައި ހިންގާ އިއާދަކުރަނަވި ހަކަތައިން ކަރަންޓު އުފެއްދުމުގެ މަޝްރޫއުތައް ނިމޭއިރު ރާއްޖޭގައި އިއާދަކުރަނަވި ހަކަތައިން ކަރަންޓު އުފައްދާ މިންވަރު ވަރަށް ބޮޑަށް އިތުރުވާނެއެވެ.