ENGLISH

19 މޭ 2026

Advertisement

ސިއްހީ ދާއިރާ އިތުރު ގިޔަރެއް ކުރިއަށް: ލޭޒާ ޓެކްނޮލޮޖީ ބޭނުންކޮށްގެން އައިޖީއެމްއެޗްގައި އޮޕަރޭޝަންކުރަން ފަށައިފި

19 މޭ 2026

|

އައިމިނަތު ޝަފާ

ލޭޒާ ސާޖަރީގެ ތެރެއިން. ފޮޓޯ؛ ސީއީއޯ ހަލީމް/ އެކްސް

ޒަމާނީ ލޭޒާ ޓެކްނޮލޮޖީ ބޭނުންކޮށްގެން އައިޖީއެމްއެޗްގައި އޮޕަރޭޝަންތައް ކުރަން ފަށައިފި އެވެ. 

މިކަމާ ގުޅިގެން މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސ.ީއީއޯ އިބްރާހިމް އަބްދުރައްޒާގް ހަލީމް "އެކްސް"ގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ޑިޕާރޓްމެންޓް އޮފް ސާޖަރީގެ ޖެނެރަލް ސާޖަރީ ޓީމުން ކުރާ އޮޕެރޭޝަން ތަކުގެ ތެރެއިން  ހަތަރު ވައްތަރެއްގެ އޮޕެރޭޝަން 17 މެއި 2026 އިން ފެށިގެން ލޭޒާ ޓެކްނޮލޮޖީ ބޭނުންކޮށް ކުރެވޭނެ ވަސީލަތްތައް ދަރުމަވަންތަ ހޮސްޕިޓަލާއި އައިޖީއެމްއެޗް ގައި ގާއިމުކޮށްފައިވާކަމަށެވެ. 

މި ހަތަރު އޮޕެރޭޝަނަކީ:

* ފައިގެ ލޭނާރުތައް ދުޅަވެ ގޮށްޖެހުމުން (ވެރިކޯސްވެއިންސް) ކުރާ އޮޕެރޭޝަން އެންޑޯވީނަސް ލޭޒާ ޓްރީޓްމެންޓް (އީވީއެލްޓީ).

* ފުރަގަސްފަރާތުގެ ބަލި (ޕައިލްސް) އަށް ކުރާ ލޭޒާ ސާޖަރީކަމަށްވާ ލޭޒާ ހެމޮރޮއިޑޯޕްލާސްޓީ.

* ފުރަގަސްފަރާތުގަ އުފެދޭ ދޮސް އަންނަ މަގު އެނަލް ފިސްޓުލާ އަށް ކުރާ އޮޕެރޭޝަން ކަމަށްވާ ފިސްޓުލާ ޓްރަކްޓް ލޭޒާ ކްލޯސާ (ފިލަކް)

* ޕައިލޯނީޑަލް ސައިނަސް އަށްކުރާ ލޭޒާ އޮޕެރޭޝަން ކަމަށްވާ ސައިނަސް ލޭޒާ ކްލޯޒާ (ސިލަކް) އޮޕެރޭޝަން.

މި އައު ޚިދުމަތާއެކު ބޮޑުތަނެއް ކަފާލުމަކާ ނުލައި ބަލިމީހާއަށް  އޮޕެރޭޝަން ކުރެވި، ތަދުވުން ކުޑަވެ، ވަރަށް އަވަހަށް ބަލި ފަސޭހަވެ، ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައި ބާއްވަންޖެހޭ މުއްދަތު ކުރުވެ، އިންފެކްޝަންވުމުގެ ފުރުޞަތު ނިސްބަތުން ކުޑަވެގެންދާނެކަމަށް ސީއީއޯ ވިދާޅުވި އެވެ. 

އައިޖީއެމްއެޗްގެ ސީނިއާ ކޮންސަލްޓަންޓް އިން ސާޖަރީ ޑރ. އަބްދުﷲ އުބެއިދު ވިދާޅުވީ ސާޖަރީތައް އިތުރު ދާއިރާތަކަށް ވެސް ފުޅާކުރާނެ ކަމަށެވެ. އޭގެ ތެރެއިން ޕްލާސްޓިކް ސާޖަރީއަށް ފުޅާކުރާނެ ކަމަށް ވިދާޅުވި އެވެ. 

އައިޖީއެމްއެޗްގައި އޮޕަރޭޝަންތައް ކޮށްފައިވަނީ އިންޑިއާގެ ހޮސްޕިޓަލުތަކުގައި ކަމާގުޅޭ ވޯކްޝޮޕްތަކުގައި ބައިވެރިވުމަށްފަހުގަ އެވެ. 

ކިޔުންތެރިންގެ ހިޔާލު