ENGLISH

19 މޭ 2026

Advertisement

ހާރިޖީ ވަޒީރުގެ އަރިހަށް ސިންގަޕޫރުގެ ސަފީރު ވަދާޢީ ޒިޔާރަތެއް ކުރައްވައިފި

19 މޭ 2026

|

އައިމިނަތު ޝަފާ

ސިންގަޕޫރުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ނޮން-ރެޒިޑެންޓް ސަފީރު މިސްޓާ ސޫ ކޮކް ލެންގް ހާރިޖީ ވަޒީރުގެ އަރިހަށް ކުރެއްވި ވަދާޢީ ޒިޔާރަތުގެ ތެރެއިން.

ޚާރިޖީ ވަޒީރު އަލްފާޟިލާ އިރުތިޝާމް އާދަމްްގެ އަރިހަށް ސިންގަޕޫރުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ނޮން-ރެޒިޑެންޓް ސަފީރު މިސްޓާ ސޫ ކޮކް ލެންގް ވަދާޢީ ޒިޔާރަތެއް ކުރައްވައިފި އެވެ.

ދިވެހި ހާރިޖިއްޔާގައި މިއަދު ބޭއްވި މިބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޚާރިޖީ ވަޒީރު އިރުތިޝާމް އާދަމްް ވަނީ ސަފީރު ސޫ ކޮކް ލެންގްގެ ސަފީރުކަމުގެ ދައުރުގައި އެމަނިކުފާނު ކޮށްދެއްވާފައިވާ މުހިއްމު މަސައްކަތްތައް ފާހަގަ ކުރައްވައި، ދިވެހިރާއްޖެއާއި ސިންގަޕޫރާއިއެކު އޮންނަ ޒަމާންވީ ގާތްގުޅުން ކުރިއެރުވުމަށްޓަކައި އެމަނިކުފާނު ދެއްވި އެހީތެރިކަމާއި އެއްބާރުލުމަށް ޝުކުރުއަދާކުރައްވާފަ އެވެ. އަދި ސިންގަޕޫރުން ރާއްޖެއަށް އަބަދުވެސް ދެއްވާ އެހީތެރިކަމާއި އެއްބާރުލުން ފާހަގަކުރައްވާ އެކަމަށް އެކަމަނާ ޝުކުރުއަދާކުރެއްވި އެވެ. އަދި ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތަކަށް ދިމާވާއެކި މައްސަލަތަކުގައި ދިވެހިރާއްޖެއާއި ސިންގަޕޫރާއި ގާތްކޮށް މަސައްކަތްކުރާކަން އެކަމަނާ ފާހަގަ ކުރެއްވިކަމަށް ހާރިޖިއްޔާއިން ބުންޏެވެ.

ސިންގަޕޫރު ސަފީރުގެ ވާހަކަފުޅުގައި، އެމަނިކުފާނުގެ ސަފީރުކަމުގެ ދައުރުގައި ދިވެހި ސަރުކާރާއި ރައްޔިތުންގެ ފަރާތުން ލިބުނު އެއްބާރުލުމާއި އެހީތެރިކަމަށް ޝުކުރު އަދާކުރެއްވި އެވެ. އަދި ސިންގަޕޫރުން ދިވެހި ރާއްޖެއާއިއެކު އޮންނަ ގާތްކަމާއި އެކުވެރިކަން ދެމެހެއްޓުމަށް މަސައްކަތްކުރައްވާނެކަމުގެ ޔަގީންކަން ދެއްވިކަމަށް ހާރިޖިއްޔާއިން މައުލޫމާތުދެއެވެ.

ސިންގަޕޫރާއި އެކު އޮންނަ ގާތްގުޅުން އިތުރަށް ބަދަހިކުރުމަށް ރާއްޖެއިން ނުހަނު އިސްކަންދޭކަން ޚާރިޖީ ވަޒީރު އިރުތިޝާމް އާދަމް ވިދާޅުވި އެވެ. އަދި ސަފީރަށް ކުރިއެރުމާއި ކާމިޔާބީއަށް އެދިވަޑައިގެން، ސިންގަޕޫރުން ރާއްޖެއަށް ދެން ކަނޑައަޅުއްވާ އައު ނޮން-ރެޒިޑެންޓް ސަފީރަށްވެސް ފުރިހަމަ އެއްބާރުލުން ދެއްވާނެކަމުގެ ޔަގީންކަން ދެއްވި އެވެ.

ކިޔުންތެރިންގެ ހިޔާލު