ENGLISH
18 މޭ 2026
"ނޫސްވެރިންގެ މައްޗަށް އައި ހުކުމުގައި ދައުލަތުގެ ބައިވެރިވުމެއް ނެތް"
18 މޭ 2026
|
ކުރީގެ ސްޕްރީމް ކޯޓުގެ ފަނޑިޔާރު އަލްއުސްތާޛް އާދަމް މުހައްމަދު.
އެންމެ މަޤްބޫލު
ކޯޓުގެ ހުރުމަތް ކެނޑުމާ ގުޅިގެން އެ އަމަލު ހިންގި ނޫސްވެރިންގެ މައްޗަށް އައި ހުކުމުގައި ދައުލަތުގެ ބައިވެރިވުމެއް ނެތްކަމަށާއި އެ ހުކުމަކީ ކޯޓުގެ ހުރުމަތް ކަނޑައިގެން ކޯޓުން ކޮށްފައި އޮތް ހުކުމެއްކަމަށް ދާހިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރު އަދި ސްޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު އަލްއުސްތާޛް އާދަމް މުހައްމަދު ވިދާޅުވެއްޖެ އެވެ.
"އެމްއެމްޓީވީ"ގެ "ބޮޑު ޚަބަރު" ޕްރޮގްރާމުގައި ވާހަކަދައްކަވަމުން އުސްތާޛް އާދަމް މުހައްމަދު ވިދާޅުވީ ބޮޑު ކުށްތަކަށް މިފަހަރު އައިސްފައިވަނީ ވަރަށް ވެސް ކުޑަ ހުކުމެއް ކަމަށެވެ.
"މިއީ އުސޫލުން ބޭރުންކޮށްގެން އުޅޭކަމެއް ނޫން. މިއީ ގާނޫނީ އިމުގެ ތެރެއިން ހައްގުތައް ކަށަވަރުކުރުމަށް ނިންމާފައިވާ ނިންމުމެއް. އަަދި ދައުލަތް ބައިވެރިވެގެން ކުރާ ކަމެއް ވެސް ނޫން މިއީ. ރާއްޖެއަކީ ތިން ބާރު ވަކިވެފައިވާ ގައުމެއް،". އުސްތާޛް އާދަމް މުހައްމަދު ވިދާޅުވި އެވެ.
އުސްތާޛް އާދަމް މުހައްމަދު ވިދާޅުވީ ނޫސްވެރިންގެ މައްޗަށް އައި ހުކުމުގައި ދައުލަތުގެ ބައިވެރިވުމެއް ނެތްކަމަށާއި ހުކުމަކީ ކޯޓުގެ ހުރުމަތް ކަނޑައިގެން ކޯޓުން ކޮށްފައި އޮތް ހުކުމެއް ކަމަށެވެ.
މި ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން ދާހިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާ ބެހޭ ވުޒާރާގެ ޑެޕިއުޓީ މިނިސްޓަރު އަދި ހައިކޯޓުގެ ކުރީގެ ފަނޑިޔާރު އަލްއުސްތާޛް ޙަސަން ޢަލީ ވިދާޅުވީ ކޯޓުގެ ހުރުމަތް ކެނޑުމާ ގުޅިގެން އެ އަމަލު ހިންގި ނޫސްވެރިންގެ މައްޗަށް މިފަހަރު އައި ހުކުމަކީ ވޭތުވެދިޔަ ސަރުކާރުތަކުގައި މި މައްސަލައިގައި އައި ހުކުމްތަކަށް ވުރެ ކުޑަ ހުކުމެއް ކަމަށެވެ.
ހައިކޯޓުގެ ކުރީގެ ފަނޑިޔާރު އަލްއުސްތާޛް ޙަސަން ޢަލީ.
އުސްތާޛް ޙަސަން ވިދާޅުވީ ކޮންމެ ބަޔަކު ކުރިއަސް ކޯޓު އަމުރަކާ ހިލާފުވެއްޖެ ނަމަ ހައްޔަރުކުރެވެން ޖެހޭނެކަމަށާއި، އަދި ގަދަކަމުންނަމަވެސް އެ އަމުރެއް ތަންފީޒުކުރެވެން ވާނެކަމަށެވެ.
"އާއްމު ރައްޔިތުން އެބަ ތިބި މާގިނަ ދުވަހަށް ޖަލަށް ލެވިފައި. ތިން މަހަށް ނުވަތަ 30 ދުވަހަށް ޖަލަށް ލެވިގެންދިޔަ. މިހާރު މި ކުށް ކޮށްގެން އުޅޭ މީހުން ޖަލަށްލީ އެންމެ ހަތް ދުވަހަށް ނުވަތަ ދިހަ ދުވަހަށް. މިއީ އިންސާފެއް ނޫން. ރައްޔިތުން ތެރެއިން މާ ގިނަ މީހުން އެބަތިބި ކުރީ ސަރުކާރުތަކުގައި ދިގު މުއްދަތަށް ޖަލަށްލާފައި. މީ ހަމަހަމަ އުސޫލެއް ނޫން،". އުސްތާޛް ޙަސަން ވިދާޅުވި އެވެ.
ކޯޓުގެ އަމުރަށް ތަބާނުވުމުން ނޫސްވެރިން ޖަލަށްލީ ގާނޫނާ ހިލާފަށްކަމުގައިވާނަމަ އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ނުކުރެވިގެން އުޅެނީ ކީއްވެތޯ އުސްތާޛް ޙަސަން ސުވާލު އުފެއްދެވި އެވެ.
އުސްތާޛް ޙަސަން ވިދާޅުވީ ކްރިމިނަލް ކޯޓުގެ ހުރުމަތް ކެނޑުމުގެ ސަބަބުން ދެ ނޫސްވެރިއެއްގެ މައްޗަށް ހުކުމެއް އައުމުން ސަރުކާރުން ނޫސްވެރިން ޖަލަށްލައި، ނޫސްވެރިކަން ފުނޑާލަން އުޅެނީކަމަށް ބުނެ ވާހަކަ ނުދެއްކޭނެ ކަމަށެވެ.
"ނޫސްވެރިން ޖަލަކަށް ނުލާ. ކޯޓު އަމުރާ ހިލާފުވީ ނޫސްވެރިއެއްތޯ، ކޯޓުގެ ގާޒީއެއްތޯ، ގާނޫނު ތަންފީޒު ކުރާ އިދާރާއެއްގެ މީހެއްތޯ ބަލާކަށް ނުޖެހޭނެ. އިއްތިފާގުން އެއީ ފުލުހަކަށް، ސިފައިންގެ މީހަކަށް ނުވަތަ ނޫސްވެރިއަކަށް ވެދާނެ. އޭގެ މާނައެއް ނޫން ސަރުކާރުން މުޅި އެ ދާއިރާ ފުނޑާލަން އުޅެނީކަމަށް ބުނާކަށް،". އުސްތާޛް ޙަސަން ވިދާޅުވި އެވެ.
އިދިކޮޅު ފަރާތްތަކުން އުޅެނީ ހާލަތުގެ ބޭނުން ހިފައި ސިޔާސީ ޕްރޮޕެގެންޑާއެއް ފަތުރައި ރައްޔިތުންނަށް ކަމުގެ ހަގީގަތް އޮޅުވާލަންކަމަށް އުސްތާޛް ޙަސަން ވިދާޅުވި އެވެ.
ކޯޓުގެ ހުރުމަތް ކެނޑުމުން އެ ނޫހުގެ ދެ ނޫސްވެރިންކަމަށްވާ ލީވާން އަލީ ނަސީރާއި މުހައްމަދު ޝަހުޒާން ވަނީ ޖަލަށް ލާފަ އެވެ. އަދި އަދަދު ނޫހުގެ ސީއީއޯ ހުސައިން ފިޔާޒު މޫސާއާއި އެޑިޓަރު ހަސަން މުހައްމަދުގެ މައްޗަށް ގާނޫނުލްއުގޫބާތުގެ 612 ވަނަ މާއްދާގެ ދަށުން ގަޛްފުކުރުމުގެ ދައުވާ އުފުލާފައިވާއިރު އެ ދެ މީހުންގެ ޝަރީއަތް ކްރިމިނަލް ކޯޓުގައި ވަނީ ފަށާފަ އެވެ.