ENGLISH

18 މޭ 2026

Advertisement

ރާއްޖޭގެ ވައިގެދަތުރުފަތުގެ ތާރީހުގައި މުހިންމު ދުވަހެއް: މޯލްޑިވިއަންގެ ފްލައިޓް މެލްބަންއަށް ޖައްސައިފި

18 މޭ 2026

|

އައިމިނަތު ޝަފާ

"މޯލްޑިވިއަން"ގެ ބޯޓު މެލްބަން އެއާޕޯޓުގައި

ރާއްޖޭގެ ގައުމީ އެއާލައިން "މޯލްޑިވިއަން"ގެ ބޯޓު، މެލްބަން އިންޓަނޭޝަނަލް އެއާޕޯޓަށް ޖައްސައި، ރާއްޖެއިން އޮސްޓްރޭލިއާއަށް ކުރި ފުރަތަމަ ސީދާ ދަތުރު ކާމިޔާބުކަމާއެކު ނިންމާލައިފި އެވެ.

މި ތާރީހީ ކާމިޔާބީ ފާހަގަކޮށް ބޯޓުގެ ބައެއް މަންޒަރުތަކާއެކު މޯލްޑިވިއަނުން "އެކްސް"ގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ، މިއީ ގައުމީ އެއާލައިނަށް ލިބުނު ބޮޑު ކުރިއެރުމެއް ކަމަށެވެ. ބޯޓު ކާމިޔާބުކަމާއެކު މެލްބަން އެއާޕޯޓަށް ޖައްސާފައިވާކަން ހާމަކޮށް މިއީ ދިވެހިރާއްޖެއާއި އޮސްޓްރޭލިއާއާ ދެމެދު ސީދާ ވައިގެ ދަތުރުފަތުރުގެ ގުޅުމަކުން ގުޅާލެވުނު ފުރަތަމަ ފަހަރުކަން މޯލްޑިވިއަނުން ވަނީ ފާހަގަކޮށްފަ އެވެ. 

ރާއްޖެއާއި އޮސްޓްރޭލިއާ އާ ދެމެދު ދަތުރުތައް ކުރަނީ މޯލްޑިވިއަންގެ އޭ330 މަރުކާގެ ބޯޓެއްގަ އެވެ.

މި ދަތުރުތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ހަފްތާއަކު އެއް ފަހަރު އެވެ. މި ދަތުރުތައް ފަށާފައިވަނީ ހަ މަސް ދުވަހުގެ ޓްރަޔަލް މުއްދަތަކަށެވެ. 

މީގެ ކުރިން އެހެން ގައުމުތަކުގައި ޓްރާންސިޓް ކޮށްގެން 20 ގަޑިއިރަށް ވުރެ ގިނަ ވަގުތު ހޭދަވި ނަމަވެސް، މި ސީދާ ދަތުރުތަކާއެކު ގާތްގަނޑަކަށް 11 ގަޑިއިރުން އޮސްޓްރޭލިއާއަށް ދެވޭނެ އެވެ.

ކިޔުންތެރިންގެ ހިޔާލު