ENGLISH

18 މޭ 2026

Advertisement

ގައުމީ މަސްލަހަތު ބާރުވެރިވާނެ ގޮތަށް ޓެކްނޮލޮޖީގެ ވަސީލަތްތައް ފުޅާކޮށް ހިންގަންޖެހޭ: ވަޒީރު އިހުސާން

18 މޭ 2026

|

ޝިފްޒާން އަޙްމަދު

ވަޒީރު އަލީ އިހުސާން

ކުރިއަރަމުންދާ އައު ޓެކްނޮލޮޖީގެ ވަސީލަތްތައް ގައުމީ މަސްލަހަތު ކުރިއަރުވައި، ރައްޔިތުނންަށް ހިދުމަތްކުރެވޭނެހެން ފުޅާކޮށް ބޭނުންހިފައި ހިންގަންޖެހޭކަމަށް ދާހިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިހުސާން ވިދާޅުވެއްޖެއެވެ. 

ގައުމީ އޭއައި އެންޑް ޑޭޓާ ކޮމްޕިޓެންސީ ސެންޓަރު ހުޅުވުމަށް ކުރިއަށްގެންދާ "ކޮލެބް 26" ސަމިޓު އިފުތިތާހުކުރުމުގެ ރަސްމިއްޔާތުގައި ދެއްކެވި ވާހަކަފުޅުގައި ވަޒީރު ވިދާޅުވީ މި ސެންޓަރަކީ އައު މުއައްސަސާއެއް ގާއިމުކުރުމަށްވުރެ ބޮޑަށް، ވެރިކަން ހިންގުމާއި އިގުތިސާދީ ބަދަލުގެ އައު ޒަަމާނަކަށް ބޭނުންވާ ގާބިލުކަން ބިނާކުރުމަށް ރާއްޖެއިން ނިންމި ނިންމާފައިވާ ނިންމުން ރަމްޒުވާ ކަމެއް ކަމަށެވެ. 

ރައީސް ޑރ.މުހައްމަދު މުއިއްޒުގެ "މޯލްޑިވްސް 2.0" ސިޔާސަތަކީ ޑިޖިޓަލް ހިދުމަތްތަކުން ގުޅައިލެވިފައިވާ ރައްކާތެރި އިތުބާރު ހިފޭ، ޒަމާނީ ހިދުމަތްތަކެއް ގައުމީ ފެންވަރުގައި ފޯރުކޮށްދިނުމަށް އަމާޒުކުރެވިފައިވާ ބޮޑު މަސައްކަތެއްކަން ފާހަގަކުރައްވަމުން ވަޒީރު ވިދާޅުވީ ޑިޖިޓަލް ގާބިލުކަން ހޯދުމުގެ މަސައްކަތަކީ ރާއްޖެއަށް ހަމައެކަނި ޓެކްނޮލޮޖީއާ ގުޅުން އޮތް އެޖެންޑާއެއް ނޫން ކަމަށެވެ. 

އިހުސާން ފާހަގަކުރެއްވި ގޮތުގައި ރާއްޖޭގެ ޓެކްނޮލޮޖީގެ ދާއިރާގެ ގާބިލުކަން ގުޅިފައި އޮތީ ރާއްޖޭގެ ވެރިކަން ހިންގާ ގޮތާއި، ބޭރުން އަންނަ ލޮޅުންތަަކަށް ވިލުންތެރި މިންވަރާއި، ދިގުރާސްތާގައި ރާއްޖޭގެ ސިޔާދަތު ހިމާޔަތްކޮށް ރައްކާތެރިކުރާ ގޮތާއެވެ. 

އޭއައިގެ މައްޗަށް ބިނާވެފައިވާ އިގުތިސާދަކަށް ދުނިޔެ އަމާޒު ހިފާފައިވާއިރު، ހަވާސާގައި މަންޒަރު ބަލަން ރާއްޖެއަށް އޮެވެވެން ނެތްކަން ފާހަގަކުރައްވަމުން ވަޒީރު ވިދާޅުވީ އައު ޓެކްނޮލޮޖީތައް ބޭނުންކުރަން ފެށުމުގެ އިތުރަށްް، އެ ޓެކްނޮލޮޖީތައް މެނޭޖުކުރާނެ ގޮތަތަކާއި ފުޅާކޮށް ދިވެހިރާއްޖޭގެ ގައުމީ މަސްލަހަތު ހިމާޔަތްކުރުމާއެކު ރައްޔިތުން ރަނގަޅު ފެންވަރުގެ ހިދުމަތެއް ފޯރުކޮށްދެވޭނެހެން އެ ޓެކްނޮލޮޖީ ބޭނުންކުރަންޖެހޭ ކަމަށެވެ. 

އިހުސާނު ވިދާޅުވީ އެ މިސްރާބަށް ކުރާ މަސައްކަތްތަކުގެ ތެރެއިން ކޮންމެ ދިވެހިރައްޔިތަކަށް ރައްކާތެރި ޑިޖިޓަލް އައިޑީއެއް ފޯރުކޮށްްދީ، އޮންލައިންކޮށް ހިދުމަތްތައް ހޯދައި މުއާމަލާތްތައް ހިންގުމަށް މަގުފަހިކޮށްދެވޭނެ ކަމަށެވެ. އަދި ޑޭޓާ ހިއްސާކުރުމާއި މެނޭޖުކުރުމުގައި ދައުލަތުން އަމަލުކުރަންޖެހޭ އޮނިގަނޑުތަކެއް އެކުލަވައިލަމުންދާކަން ވަޒީރު ފާހަގަކުރެއްވިއެވެ. 

އަދި އޭއައިއާއި ޑިޖިޓަލް ހިދުމަތްތަކާއި ސައިބަރ ރައްކާތެރިކަމާއި އިތުބާރު ހިފޭ ޑިޖިޓަލް މުއާމަލާތްތަކަށް މަގުފަހިކުރާނެ ޒަމާނީ ގާނޫނީ އޮނިގަނޑުތައް އެކުލަވައިލުމުގެ މަސައްކަތް ސަރުކާރުން ކުރަމުންދާކަން ފާހަގަކުރައްވަމުން ވަޒީރު ވިދާޅުވީ އެކަންކަމަކީ ޒަމާނީ ދައުލަތެއްގެ އަސާސީ ގާބިލިއްޔަތުތަކެއް ކަމަށެވެ. 

އަދި އަލަަށް ހުޅުވުނު ސެންޓަރަކީ މޯލްޑިވްސް-2.0ގެ ދެން އޮތް މަރުހަލާގައި އޭއައި އަދި ޑޭޓާއާ ގުޅޭ ސިޔާސަތުތައް އެކަށައަޅައި، ރާއްޖެއަކީ ޑިޖިޓަލް ޒަމާނަށް ތައްޔާރުވެފައިވާ ގައުމަކަށްވުމުގެ އިތުރަށް އާޓިފިޝަލް އިންޓެލިޖެންސްއާއި އޭއައިގެ މައްޗަށް ބިނާވެފައިވާ ޒަމާނާއި އިގުތިސާދަށް ތައްޔާރުވެފައިވާ ގައުމެއްކަން ކަށަވަރުކުރުމަށް ގާއިމުކުރެވޭ މަރުކަޒެއްކަމަަށް ވަޒީރު ވިދާޅުވިއެވެ. 

މި މަރުކަޒުގެ ބޭނުމަކީ އާއްމު ހިދުމަތްތަކުގެ ދާއިރާ ހަރުދަނާކޮށް، މުއައްސަސާތަކުން ކަންކަން ނިންމުމުގެ މަރުހަލާތައް ހަރުދަނާކޮށް، އިގުތިސާދީ ބަދަލުތައް ހަލުއިކޮށް، އައު ބާރުގަދަ ޓެކްނޮލޮޖީތައް ސަރުކާރު ހިންގުމުގެ އޮނިގަނޑުތަކުގެ ތެރެއަށް ފައްތައި، އިތުބާރާއި ގައުމީ ޒިންމާގެ ތެރޭގައި ޝާމިލުކުރެވޭކަން ކަށަވަރުކުރުން ކަމަށް ވަޒީރު ވިދާޅުވިއެވެ.

"އާއްމު ހިދުމަތުގައި އޭއައި ބޭނުންކުރުމުގެ މުރާދަކީ އިންސާނުންގެ ފިކުރު ހިދުމަތުން ބޭރުކޮށް ޖަވާބުދާރީނުވުމަށް މަގުފަހިކުރުމެއް ނޫން. އޭގެ މަގުސަދަކީ އާއްމުންނަށް ދައުލަތުން ދޭ ހިދުމަތްތައް ހަރުދަނާކޮށް ހަލުއިކުރުމާއެކު، ހިދުމަތް ދިނުމުގައި މިހާރު ކުރިމަތިވާ މައްސަލަތަކަށް ހައްލު ހޯދައިދިނުން،" އިހުސާނު ވިދާޅުވިއެވެ. 

ވަޒީރު ވިދާޅުވީ މިއީ ޕްރައިވެޓް ވިޔަފާރިތަކުގެ ބަދީލެއްގެ ގޮތުގައި ގާއިމުކުރެވޭ މަރުކަޒެއް ނޫންކަމަށާއި، އީޖާދީ މަސައްކަތްތަކާއި އިންވެސްޓުކުރުމާއި، އިންޖިނިއަރިން ގާބިލުކަން އިތުރުކުރުމާއެކު އިގުތިސާދީ ކުރިއެރުން ހާސިލުކުރުމުގައި އަމިއްލަ ވިޔަފާރިތަކުގެ ދައުރު ބޮޑުވާނެ ކަމަށެވެ. 

ސަރުކާރުގެ އަމާޒަކީ ހަމައެކަނި ޑިޖިޓައިޒްކުރުން ނޫންކަމަށާއި، މައިގަނޑު މަގުސަދަކީ މިހާރަށްވުރެ ތޫނުފިލި ދައުލަތެއް ވުޖޫދުކުރުންކަން ހާމަކުރައްވަމުން އިހުސާނު ވިދާޅުވީ އެ ދައުލަތްވާނީ މިހާރަަށްވުރެ އަވަހަށް ކަންކަމާމެދު ފިޔަވޅުއަޅައި، ރަނގަޅު ގޮތުގައި ޑޭޓާ ބޭނުންކޮށް، މުހިއްމު ނިޒާމުތައް ރައްކާތެރިކޮށް، ހަލުއިކޮށް ދެމެހެއްޓެނެވި ގޮތެއްގައި އިތުބާރާއެކު ހިދުމަތްތައް ފޯރުކޮށްދޭ ދައުލަތަކަށް ކަމަށެވެ. 

ކިޔުންތެރިންގެ ހިޔާލު