ENGLISH

31 މޭ 2026

Advertisement

އެއްބަސްވުމާ ހިލާފަށް ޔަހޫދީން ދިން ހަމަލާގައި ލުބްނާނުގެ 10 މީހުން ޝަހީދުވެއްޖެ

16 މޭ 2026

|

ހަނާން އަހުމަދު ނައީމް

ޔަހޫދީން ދިން ހަމަލާގެ ތެރެއިން- ފޮޓޯ: ނިއުޔޯކް ޓައިމްސް

ލުބްނާނާއި ޔަހޫދީންނާ ދެމެދު ނަމެއްގައި އޮތް ހަމަލާތައް މެދުކަނޑައިލުމުގެ އެއްބަސްވުމުގެ މުއްދަތު އިތުރުކުރިކަން އެމެރިކާއިން އިއުލާނުކުރިތާ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި، ޔަހޫދީން ލުބްނާނަށް އިތުރު ހަމަލާތަކެއްދީ، އިތުރު 10 މީހަކު ޝަހީދުކޮށްލައިފިއެވެ.

މިދިޔަ މަހުގެ 17 ވަނަ ދުވަހުން ފެށިގެން ހަމަލާތައް މެދުކަނޑައިލުމުގެ އެއްބަސްވުމަކަށް އަމަލުކުރަމުންދިޔަ ނަމަވެސް، ޔަހޫދީން ދިޔައީ އެ އެއްބަސްވުމާ ހިލާފަށް ލުބްނާނުގެ ދެކުނުގެ ސަރަހައްދުތަކަށް ވައިގެ ހަމަލާތައް ދެމުންނެވެ.

އެމެރިކާގެ ހާރިޖީ ވުޒާރާއިން ބުނީ، ހަމަލާތައް މެދުކަނޑައިލުމުގެ އެއްބަސްވުން އިތުރު 45 ދުވަހަށް އިތުރުކުރަން ދެ ފަރާތުން ވެސް އެއްބަސްވެފައިވާ ކަމަށެވެ.

މިކަމާ ގުޅިގެން ލުބްނާނުގެ ސިއްހީ ވުޒާރާއިން ވަނީ އެއްބަސްވުމުގެ މުއްދަތު އިތުރުކުރިކަން އިއުލާނުކުރިތާ ކުޑަ ވަގުތު ކޮޅެއްގެ ތެރޭގައި، ޔަހޫދީންގެ ނިރުބަވެރި ޑްރޯން ހަމަލާތަކެއް އަމާޒުކޮށްފައިވާ ކަމަށް ބުނެފައެވެ.

އެ ހަމަލާތަކުގައި މިހާތަނަށް 10 މީހުން ޝަހީދުވެ، އިތުރު 44 މީހުން ޒަހަމްވެފައިވާކަމަށް އެ ވުޒާރާއިން މައުލޫމާތުދެއެވެ.

އެ ހަމަލާތަކުގައި އެމްބިއުލެންސްތަކަކަށް ވެސް ގެއްލުންތައް ލިބިފައިވާކަމަށް ބުނެފައިވެއެވެ. ޝަހީދުވި މީހުންގެ ތެރޭގައި، ކުއްލި ސިއްހީ ފަރުވާދޭ، ޕެރެމެޑިކުން ވެސް ހިމެނެއެވެ.

ލުބްނާނުގެ ސިއްހީ ވުޒާރާއިން ވަނީ ޔަހޫދީންގެ މި ލާއިންސަނީ ހަމަލާ ކުށްވެރިކޮށްފައެވެ. އަދި ހަނގުރާމައިގެ ހާލަތުގައި ވެސް ސިއްހީ ހިދުމަތްތެރިންނަށް އަމާޒުކޮށް ހަމަލާ ދިނުމަކީ ބައިނަލްއަގުވާމީ ގާނޫނުތަކާ ހިލާފު އަމަލެއް ކަމަށެވެ.

މާޗް ދެވަނަ ދުވަހުން ފެށިގެން ޔަހޫދީންގެ ނިރުބަވެރި ހަމަލާތަކުގައި ޝަހީދުވި މީހުންގެ އަދަދު މިހާރު ވަނީ 3،000 އަށް އަރައިފައެވެ. އެ ހަމަލާތަކުގައި އިތުރު 9،000 އެއްހާ މީހުން ޒަހަމްވެ، 1.6 މިލިއަން މީހުންގެ ގެދޮރު ވަނީ ގެއްލިފައެވެ.

ހަމަލާތައް ދާއިމީކޮށް ހުއްޓައިލުމުގެ އެއްބަސްވުމަކަށް އެމެރިކާއިން އިސްވެ ދަނީ މަސައްކަތް ކުރަމުންނެވެ.

އެހެންނަމަވެސް، އެފަދަ މަޝްވަރާއަކާ ހިސާބަށް ދެވޭނީ، ފުރަތަމަ ހަމަލާތައް މެދުކަނޑައިލުމުގެ އެއްބަސްވުމަށް ޔަހޫދީން ފުރިހަމައަށް އިހްތިރާމްކޮށްގެން ކަމަށް ލުބްނާނުން ދަނީ ބުނަމުންނެވެ.  

ކިޔުންތެރިންގެ ހިޔާލު