ENGLISH
03 މޭ 2026
ދިވެހި ޙައްޖުވެރިންނަށް ފުރިހަމަ ޚިދުމަތެެއް ދެވޭތޯ ޔަޤީންކުރުމަށް ވަޒީރުގެ އިލްތިމާސް
03 މޭ 2026
|
އިސްލާމީކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ހައްޖު މިޝަންގެ ބޭފުޅުންނާ ބައްދަލުކުރެއްވުން. ފޮޓޯ؛ ވުޒާރާ
އެންމެ މަޤްބޫލު
ދިވެހި ޙައްޖުވެރިންނަށް ފުރިހަމަ ޚިދުމަތެެއް ދެވޭކަން ޔަޤީން ކުރުމަށް އިސްލާމީކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ހައްޖު މިޝަންގެ ބޭފުޅުންނަށް އިލްތިމާސްކުރައްވައިފި އެވެ.
އިސްލާމީކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު މިއަދު ވަނީ މި އަހަރުގެ ޙައްޖު މިޝަނާއި ބައްދަލުކުރައްވައިފަ އެވެ.
މި ބައްދަލުކުރެއްވުން އޮތީ މިއަދު އިސްލާމީކަންތައްތަކާއި އައުޤާފާ ބެހޭ ވުޒާރާގަ އެވެ.
މި ބައްދަލުކުރެއްވުމުގައި އިސްލާމީކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު ދެއްކެވި ވާހަކަފުޅުގައި ޙައްޖު މިޝަންގެ މެމްބަރުންގެ ޒިންމާ ވީހާވެސް ފުރިހަމައަށް އަދާކުރެއްވުމަށާއި، ދިވެހި ޙައްޖުވެރިންނަށް ފުރިހަމަ ޚިދުމަތެެއް ދެވޭތޯ ޔަޤީން ކުރުމަށް ނަސޭޙަތްތެރިވެލައްވާފަ އެވެ.
އަދި ދިވެހި ޙައްޖުވެރިންނަށް ދަތިވާ ކަންތައްތަކަށް ޙައްލު ހޯދެއްވުމަށް މަސައްކަތް ކުރެއްވުމަށާއި ޙައްޖުވެރިންނާއި ވީހާވެސް ގާތުން މަސައްކަތް ކުރެއްވުމަށް ވަޒީރު ވަނީ އިލްތިމާސް ކުރައްވާފަ އެވެ.
މި އަހަރުގެ ހައްޖު މޫސުމުގައި ހައްޖުވެރިންގެ އިސް ޝެއިޚަކަށް ވަޑައިގަންނަވާނީ އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހުގެ މެމްބަރު ޑރ. އިލްޔާސް ހުސެއިން އެވެ. އަދި ހައްޖު މޫސުމަށް ވުޒާރާގެ ފަރާތުން މައްކާާގައި ގާއިމުކުރާ ދިވެހި ހައްޖުވެރިންގެ ކަންކަމާ ބެހޭ އޮފީހުގެ ވެރިޔަކަށް ވަޑައިގަންނަވާނީ ޒަކާތު ހައުސް ގެ ޑިރެކްޓަރ ޖެނެރަލް އައްޝައިޚް އިމްތިޠާއު ޢައްބާސް އެވެ.
މި އަހަރުގެ ހައްޖު މޫސުމަށް ތައްޔާރުވަމުން އަންނައިރު މިއަހަރު ވެސް ރާއްޖޭގެ ޙައްޖުވެރިން ފުރާނީ މައްކާރޫޓް އިނިޝިއޭޓިވްގެ އިންތިޒާމްތަކުގެ ތެރެއިންނެވެ.