ENGLISH

03 މޭ 2026

Advertisement

ނޫސްވެރިންނަށް ރައްކާތެރިކަމާއި، ޒަމާނީ ތަމްރީނުތައް ހޯދައިދިނުމަކީ އަމާޒެއް: އެމްއެމްބީސީ

03 މޭ 2026

|

އާމިނަތު ނުޒްލާ

ރައީސްއޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން-- ފޮޓޯ: ރައީސް އޮފީސް

ނޫސްވެރިންނަށް ރައްކާތެރިކަމާއި، ޒަމާނީ ތަމްރީނުތައް ހޯދައިދިނުމަކީ މޯލްޑިވްސް މީޑިއާ އެންޑް ބްރޮޑްކާސްޓިން ކޮމިޝަން (އެމްއެމްބީސީ) ގެ އަމާޒެއް ކަމަށް އެ ކޮމިޝަނުން ބުނެފި އެވެ.

އެ ކޮމިޝަނުން މިހެން ބުނީ ދުނިޔޭގެ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހުގެ މުނާސަަބަތުގައި ތަހުނިޔާ ފޮނުވައި ނެރުނު ބަޔާނުގަ އެވެ.

އެމްއެމްބީސީން ބުނީ، މިއަހަރުގެ ނޫސްވެރިކަމުގެ ދުވަސް ފާހަގަކުރާއިރު ނޫސްވެރިކަމުގެ އިންޑެކްސްގައި ރާއްޖެއަށް ލިބިފައިވަނީ 108 ކަމަށެވެ. މިއީ ވޭތުވެދިޔަ އަހަރުގެ ދަރަޖައާއި އަޅާބަލާއިރު، ބަދަލު އައިސްފައިވާ އަހަރެއްކަމަށާއި މި ދަރަޖަ މިއަށްވުރެ މަތީ ހަރުފަތަކަށް ގެންގޮސް، ނޫސްވެރިކަމުގެ ދާއިރާ އިތުރަށް ހަރުދަނާކުރުމަށް އެ ކޮމިޝަނުން ޚާއްސަ އިސްކަމެއް ދީގެން ދަނީ މަސައްކަތް ކުރަމުންކަމަށް ބުނެފައިވެ އެވެ.

މިއަހަރުގެ ނޫސްވެރިންގެ ދުވަހުގެ ޝިޢާރުގެ ގޮތުގައި ޔުނެސްކޯއިން ކަނޑައަޅާފައިވާ ޝިޢާރަކީ "ސުލްހަވެރި މުސްތަގުބަލެއް ބައްޓަންކުރުން: އިންސާނީ ހައްޤުތަކާއި، ތަރައްޤީއާއި ސަލާމަތަށްޓަކައި ނޫސްވެރިކަމުގެ މިނިވަންކަން ކުރިއެރުވުން"އެވެ.

އެ ކޮމިޝަނުން ނެރެފައިވާ އިއުލާނުގައި ބުނެފައިވަނީ، މި އަހަރުގެ ޝިޢާރަށް ފިކުރު ހިންގާއިރު، ޤަބޫލުކުރަންޖެހޭ އަސާސީ އެއް ޙަޤީޤަތަކީ ނޫސްވެރިކަމުގެ މިނިވަންކަމަކީ ހަމައެކަނި ލިޔެލާ ލިޔުމެއް ނޫންކަމަށެވެ. އެއީ މުޖުތަމައުގެ ސުލްހައިގެ ދަންމަރެއްކަމަށާއި އެއީ އިންސާނީ ހައްޤުތަކުގެ ދިފާއީ އައްޑަނައިގެ އިތުރުން ތަރައްޤީގެ ފެހި މަގުތައް ކޮށައިދޭ އުސޫލުތަކެއްކަމަށް ބުނެފައިވެ އެވެ. ނޫސްވެރިންނަކީ ދައުލަތް ޖަވާބުދާރީ ކުރުވައި، ރައްޔިތުން ބާރުވެރިކުރުވުމުގައި ވަރުބަލިކަމެއް ނެތި މަސައްކަތްކުރާ ހަތަރު ވަނަ ބާރުކަމުގައިވެސް އެ ކޮމިޝަނުގައި ފާހަގަކޮށްފައިވެ އެވެ.

ދިވެހިރާއްޖޭގެ މީޑިއާގެ މުސްތަޤުބަލު އައު ހަރުފަތަކަށް ގެންދިއުމަށްޓަކައި އެ ކޮމިޝަނުން ގިނަގުނަ މަސައްކަތްތަކެއް ކޮށްފައިވާކަން ފާހަގަކޮށްފައިވެ އެވެ. އެގޮތުން އައު ސުލޫކީ މިންގަނޑެއް އެކުލަވާލުމާއި އަދި މީޑިއާއާއި ގުޅޭ އައު ގަވައިދުތަކާއި އުސޫލްތައް ހަދައި މީޑިއާތަކަކީ މާލީ ގޮތުން މިނިވަން އަދި ބާރުވެރި ތަންތަނަށް ހެދުމަކީ އެ ކޮމިޝަންގެ އެންމެ ބޮޑު އެއް އަމާޒުކަމަށް ބުންޏެވެ.  

މޯލްޑިވްސް މީޑިއާ އެންޑް ބްރޮޑްކާސްޓިންގ ކޮމިޝަނުން ބުނީ،  ނޫސްވެރިކަމުގެ މިނިވަންކަމަކީ ރައްޔިތުންނަށް ކަންކަން އެންގުމުގެ މިނިވަންކަމާ އެއްވަރުގެ ޒިންމާތަކަކާއި މަސްއޫލިއްޔަތުތަކެއް އެކުލެވިގެންވާ ކަމެއްކަމަށެވެ. މީޑިއާގައި މަސައްކަތްކުރާ ފަރާތްތަކާއި ނޫސްވެރިންގެ ޒިންމާއަކީ ރައްޔިތުންނާއި މުޖުތަމަޢުގެ ޙައްޤެއްކަމަށާއި އެހެންކަމުން މަޢުލޫމާތު ފެތުރުމުގައި، އެ ކޮމިޝަނުން ކަނޑައަޅާފައިވާ އަޚުލާގީ މިންގަނޑާއި އެއްގޮތްވާގޮތުގެމަތިން އަމަލުކުރުމަށް ހަނދާންކޮށްދީފައިވެ އެވެ.

ނޫސް ބަޔާން ނިންމާލަމުން ބުނެފައިވަނީ، ނޫސްވެރިންނަށާއި، މީޑިއާގެ މަސައްކަތުގައި ދިމާވާ ގޮންޖެހުންތައް ކަނޑައްތުކުރުމުގައި ، ނޫސްވެރިކަމުގެ މިނިވަންކަމުގެ ޙައްގު ކަށަވަރުކޮށްދިނުމުގައި އެ ކޮމިޝަނުން އަބަދުވެސް އެއްބާރުލުން ދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން ދޭ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު