ENGLISH

01 މޭ 2026

Advertisement

ވަޒީރުންނަށް ރުހުން ދެއްވައި، އެމްޑީޕީގެ މަޖިލިސް މެންބަރުން ވިދާޅުވީ ސަރުކާރު ބަރާބަރޭ: ޝިޔާމު

01 މޭ 2026

|

ޝިފްޒާން އަޙްމަދު

މަސްވެރިކަމާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމު، ފޮޓޯ: ޕީއެންސީ

ރައީސުލްޖުމްހޫރިިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ސަރުކާރުގެ ހިންގެވުން ހަރުދަނާކުރެއްވުމަށް ކެބިނެޓަށާއި ވުޒާރާތައް އެކުލަވިގެންވާ ގޮތަށާއި، ވުޒާރާތަކުގެ މެންޑޭޓަށް ގެންނެވި ބަދަލުތަކަށްފަހު އަލަށް އައްޔަންކުރެއްވި ވަޒީރުންނަށް ރުހުން ހޯއްދެވުމަށް ރައްޔިތުންގެ މަޖިލީހަށް ފޮނުއްވުމުން އެ ވަޒީރުންނަށް ރުހުން ދިނުމަށް އިދިކޮޅު އެމްޑީޕީގެ މެންބަރުން ވޯޓު ދެއްވައި ރައީސް ޑރ.މުޢިއްޒުގެ ސަރުކާރު ބަރާބަރުކަމަށް ވިދާޅުވެފައިވާކަމަށް ޕީއެންސީގެ ނައިބުރައީސް މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމު ވިދާޅުވެއްޖެއެވެ. 

ލޯކަލް ކައުންސިލުތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިހާބުގައި ބ.ކެންދޫގެ ކައުންސިލާއި ޑަބްލިއުޑީސީގެ ހުރިހާ ގޮނޑިއެއް ޕީއެންސީއަށް ކާމިޔާބުވުން ފާހަގަކުރުމަށް އެ ޕާޓީގެ ހަރުގޭގައި ރޭ ބޭއްވި ޖަލްސާގަައި ވާހަކަދައްކަވަމުން ޝިޔާމު ވިދާޅުވީ ސަރުކާރުގެ ވަޒީރުންނަށް ރުހުން ދިނުމުގެ ވޯޓުގައި އެމްޑީޕީގެ މެންބަރުން ވޯޓު ދެއްވި ގޮތަކީ ސަރުކާރާމެދު އެ ބޭފުޅުންގެ އިތުބާރުވެސް އޮތްކަމަށް ދަލީލުކުރާ ކަމެއް ކަމަށެވެ.

"ރައްޔިތުންގެ މަޖިލީހުގައި ނެގިގެންދިޔަ ވޯޓަކީ ރައްޔިތުންގެ މަޖިލީހުގެ އިތުބާރު މި ސަރުކާރަށް އޮތްތޯ ނެތްތޯ ހަގީގަތުގައި ނެގިގެން އެދިޔައީ. އަޅުގަނޑުމެންނަށް ފެނިގެންދިޔައީ އެމްޑީޕީގެ ރައްޔިތުން ތަމްސީލުކުރައްވަން ތިއްބެވި ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ރައީސް ޑރ.މުޢިއްޒުގެ މި ސަރުކާރަށް އެބޭފުޅުން ވިދާޅުވީ ސަރުކާރު ބަރާބަރޭ،" ޝިޔާމު ވިދާޅުވިއެވެ. 

ޝިޔާމު އިތުރަށް ވިދާޅުވީ މިގޮތަށް އެ ބޭފުޅުންނަށް ފެނިވަޑައިގަންނަވާ ރަނގަޅު ގޮތް އިހުތިޔާރުކުރައްވައިގެން އެގޮތަށް ވޯޓުދެއްވުން އެމްޑީޕީއަށް ބަލައިނުގަނެވުނު ކަމަށެވެ. ނަތީޖާއެއްގެ ގޮތުން މެންބަރުންނަށް އެކި ގޮތްގޮތުން ދުއްތުރާކޮށްގެން އެ މެންބަރުން ކުޑަކަކޫ ޖައްސުވާފައިވާކަމަށް ވަޒީރު ވިދާޅުވިއެވެ. 

"އެ ޕާޓީއަށް ނިސްބަތްވެވަޑައިގަންނަވާ މެންބަރުން ކުޑަކަކޫ ޖެއްސީ އެ. މިއީތޯ ޑިމޮކްރެޓިކް ނަމުގައި ޖައްސަވައިގެން އުޅުއްވާ ޕާޓީން ކަންކުރައްވަަންޖެހޭ ގޮތަކީ؟،" ޝިޔާމު ވިދާޅުވިއެވެ. 

ޝިޔާމު ވިދާޅުވީ އެމްޑީޕީން މަސައްކަތްކުރަމުންދަނީ ސިޔާސީ ގޮތުން އަމިއްލަ މަންފާތަކެއް ހާސިލުކުރުމަށް ކަމަށެވެ. އެއީ ގައުމީ ވަތަނީ މަސައްކަތެއް ނޫންކަމަށާއި، އެއީ އަމިއްލަ މަންފާއާއި ފައިދާތަކެއް ހާސިލުކުރުމަށް ކުރަމުންދާ މަސައްކަތްތަކެއްގެ ގޮތުގައި އެމްޑީޕީގެ މަސައްކަތްތައް ވަޒީރު ސިފަކުރެއްވިއެވެ. 

ކިޔުންތެރިންގެ ހިޔާލު