ENGLISH

27 އޭޕްރީލު 2026

Advertisement

އެމްބެސެޑާ އެޓް ލާޖުގެ މަގާމަށް ތިން ބޭފުޅަކު އައްޔަނުކުރައްވައިފި

26 އޭޕްރީލު 2026

|

އަޙުމަދު ޙަމީދު

ތިން ބޭފުޅުން --

އެމްބެސެޑާ އެޓް ލާޖުގެ މަގާމަށް ތިން ބޭފުޅަކު އައްޔަނު ކުރައްވައިފި އެވެ.

އެކަން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އިސް ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް ވަނީ އެމްއެމްޓީވީއަށް މިރޭ ޔަޤީންކޮށް ދެއްވާފަ އެވެ. ތަރުޖަމާން ވިދާޅުވީ ކުރީގެ މިނިސްޓަރު އާދަމް ޝަރީފް އުމަރާއި ކުރީގެ މިނިސްޓަރު ތޯރިގް އިބްރާހިމާއި ކުރީގެ މިނިސްޓަރު އަދި ސާކުގެ ފުރަތަމަ އަންހެން ސެކްރެޓަރީ ޖެނެރަލް ފާތިމަތު ދިޔާނާ ސަޢީދު ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓް ލާޖުގެ މަގާމަށް އައްޔަނު ކުރައްވާފައިވާ ކަމަށެވެ.

އެ ތިން ބޭފުޅުން ވެސް މަގާމުތަކަށް އައްޔަނު ކުރެއްވީ މިދިޔަ ހަފްތާގައި އެކި ދުވަސްމަތީން ކަމުގައި ވިދާޅުވި އެވެ.

ކުރީގެ މިނިސްޓަރު އާދަމް ޝަރީފް އުމަރަކީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުގައި ސިޓީސްތަކާއި އިދާރީ ދާއިރާތައް ހިންގުމާއި ބެހޭ މިނިސްޓްރީގެ މިނިސްޓަރުކަން ކުރެއްވި ބޭފުޅެކެވެ. ތޯރިގް އިބްރާހިމް ވަނީ ޓޫރިޒަމް މިނިސްޓަރުކަން ކުރައްވާފަ އެވެ.

މި ދެ ބޭފުޅުން ވެސް މިނިސްޓަރުކަން އިސްތިއުފާ ދެއްވީ ރައްޔިތުން އެދިވަޑައިގަންނަވާގޮތަށް ސަރުކާރު ހިންގެވުމަށް ރައީސުލްޖުމްހޫރިއްޔާ ގެންނަވަން ބޭނުންފުޅުވާ ހެޔޮ ބަދަލުތަކަށް ފުރުޞަތު ދެއްވުމުގެގޮތުންނެވެ. އެއީ މި މަހުގެ 14 ވަނަ ދުވަހު އެވެ.

މި ދެ ބޭފުޅުން ހިމެނިވަޑައިގަންނަވާހެން އެ ދުވަހު 10 މިނިސްޓަރަކު އިސްތިއުފާ ދެއްވި އެވެ.

އެމްބެސެޑާ އެޓް ލާޖުގެ މަގާމަށް ދެން އައްޔަނު ކުރެއްވި ފާތިމަތު ދިޔާނާ ސަޢީދަކީ ކުރީގެ ބަންޑާރަ ނާއިބެވެ. އެކަމަނާ އެ މަގާމު ފުުރުއްވާފައި ވަނީ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުގެ ވެރިކަމުގަ އެވެ.

ކިޔުންތެރިންގެ ހިޔާލު