ENGLISH
26 އޭޕްރީލު 2026
އެމްޑީޕީގެ ކޯޅުންކުރިއަށް: އިބްރޭއަށް ފިޔަވަޅު އަޅައިދޭން މީކާއީލް އެދިއްޖެ
26 އޭޕްރީލު 2026
|
މީކާއީލް އަދި އިބްރޭ --
އެންމެ މަޤްބޫލު
އެމްޑީޕީގެ ޗެއަރޕާސަންގެ ނައިބު (އިދާރީ) އިބްރާހިމް ވަހީދު (އިބްރޭ) އަށް ފިޔަވަޅު އަޅައިދޭން އެ ޕާޓީގެ ޗެއަރޕާސަން ކަމަށް ކުރިމަތިލާފައިވާ މީކާއީލް އަހްމަދު ނަސީމް އެދިއްޖެ އެވެ.
އޭނާ އެކަމަށް އެދި ޗެއަރޕާސަން އަބްދުލްޣަފޫރު މޫސާއަށް ވަނީ ސިޓީއެއް ފޮނުވާފަ އެވެ. އެ ސިޓީ ފޮނުވީ މީކާއީލްއާ ވާދަކުރާ ކުރީގެ ރައީސް ނަޝީދުގެ ކެމްޕެއިން ގައި އިބްރޭ ބައިވެރިވާތީ އެވެ.
މީކާއީލްގެ ސިޓީގައި ބުނީ ރައީސް ނަޝީދުގެ ކެމްޕެއިންގައި އިބްރޭ އަމަލީ ގޮތުން ބައިވެރިވާތީ އެކަމުގެ ޝަކުވާ ލިބޭ ކަމަށާ އަދި ނަޝީދުގެ ކެމްޕެއިން ހަރަކާތްތަކުގެ ފޮޓޯއާ ވީޑިއޯ އިން އެކަން ކަށަވަރު ކުރެވޭ ކަމަށެވެ.
ޗެއަރޕާސަންގެ ނައިބު (އިދާރީ) އަކީ މެންބަރޝިޕްގެ ކަންކަމާއި އިންތިޚާބުތައް ހިންގުމާ ހަވާލުވެ ހުންނަ މީހާއަށް ވާއިރު، އެ މަގާމުގައި ހުންނަ މީހަކީ ވަކި އަތަކަށް ނުޖެހޭ، ނަޒާހަތްތެރި މީހަކަށް ވާންޖެހޭނެ ކަމަށް މީކާއީލްގެ ސިޓީގައިވެ އެވެ.
އެހެން ކަމުން އިބުރޭ، ވަކި ކެންޑިޑޭޓަކަށް ތާއީދުކޮށް ކެމްޕޭނުގައި އުޅުމަކީ އެހެން ކެންޑިޑޭޓުންނަށް ނުލިބޭ ނާޖާއިޒު ފައިދާ އެ ކެންޑިޑޭޓަށް ފޯރުކޮށްދީ، އިންތިޚާބުގެ އިންސާފުވެރިކަން ގެއްލޭނެ ކަމެއް ކަމަށް ވަނީ ބުނެފަ އެވެ.
މިގޮތަށް ޕާޓީގެ ހިންގުމުގައި އިސް ދައުރެއް އަދާކުރާ މީހަކު ވަކި ކެންޑިޑޭޓަކަށް ބައިއަތު ހިފުމަކީ، އެހެން ކެންޑިޑޭޓުންނާއި އާންމު މެންބަރުންގެ ހައްގުތަކަށް އަރައިގަނެވި، މެންބަރުންނަށް ވެވޭ ބޮޑު ބޭއިންސާފެއް ކަމަށް ވެސް ބުނެފައިވެ އެވެ.
މި މައްސަލަ ބަލައި ޕާޓީގެ އުސޫލުތަކާ އެއްގޮތަށް އަވަސް ފިޔަވަޅެއް އަޅައިދޭން އޭނާ ވަނީ އެދިފަ އެވެ.
އެމްޑީޕީގެ ޗެއަރޕާސަން އިންތިޚާބުގެ ކެމްޕެއިން ފެށި ރައީސް ނަޝީދާއި ރައީސް ސޯލިޙްގެ ފެކްޝަންގެ ކޯޅުން އަލުން ވަނީ ފެށިފަ އެވެ. ދެ ފެކްޝަނުން ވެސް ވަނީ އެމްޑީޕީގެ ބާރު ހޯދުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެމްޑީޕީން ވަކިވެ އެ ޕާޓީ "ރޫޅާލަން" ގޮވުމަށް ފަހު އެކަން ނުވުމުން އަލުން އެމްޑީޕީއާ ގުޅި އެ ޕާޓީގެ ކުރީގެ ޗެއަރޕާސަން ފައްޔާޒް އިސްމާއީލާއި އެ ޕާޓީގެ ބައެއް އިސް ވެރީންގެ ތާއީދާއެކު އަލުން އެމްޑީޕީގެ ކޮންޓްރޯލް ހޯދުމަށް ނަޝީދު ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.