ENGLISH
26 އޭޕްރީލު 2026
ގަސްތައް ނުކަނޑަން ނިންމައި ވިލިމާލޭގައި އިމާރާތްކުރާ އެއް ޓަވަރު އެހެން ތަނަކަށް ބަދަލުކުރަނީ
26 އޭޕްރީލު 2026
|
ވިލިމާލޭގައި ތަރައްޤީކުރާ 300 ހައުސިންގ ޔުނިޓުގެ މަޝްރޫޢު އިފްތިތާހުކުރުން. --
އެންމެ މަޤްބޫލު
ބީއެމްއެލް އިން ވިލިމާލޭގައި ތަރައްގީކުރާ 300 ހައުސިންގ ޔުނިޓުގެ މަޝްރޫޢުގެ މަސައްކަތުގައި އެޅުމަށް ހަމަޖެހިފައިވާ ތިން ޓަވަރުގެ ތެރެއިން އެއް ޓަވަރު އަޅަން ކަނޑައެޅި ތަނުގައި ހުރި ގަސްތައް ނަގަންޖެހޭތީއާއި، ބައެއް ބޮޑެތި ގަސްތަކުގެ ގޮފިތައް ކަނޑަންޖެހޭތީ އެ ޓަވަރު އެހެން ސަރަހައްދަކަށް ބަދަލުކުރުމަށް ނިންމާފައިވާ ކަމަށް ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބު ވިދާޅުވެއްޖެއެވެ.
ވިލިމާލޭގެ ދުވަސްވީ ފުނަވަލާއި ފެހި ގަސްކަރައިގެ ބޮޑު ސަރަހައްދެއް އޮތްއިރު އޭގެއިން ސަރަހައްދެއްގައި ސަރުކާރުން ހިންގާ މަޝްރޫޢުތަކުގެ ތެރެއިން 300 ހައުސިންގ ޔުނިޓް އެޅުމަށް ނިންމުމާ ގުޅިގެން، މި މަޝްރޫއުތަކުގެ ސަބަބުން ވިލިމާލޭގެ ފެހިކަން ގެއްލިގެންދާނެތީ ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކުރުމާއެކު ސަރުކާރުން މިވަނީ އެ ނިންމުން ބަދަލުކޮށްފައެވެ.
ވަޒީރު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ، މާލެ ސަރަޙައްދުގައި އެކަށީގެންވާ ވަރަށް ޕާކުތަކާއި ހުސްޖާގަ ނެތްކަމީ ޝައްކެއް އޮތް ކަމެއް ނޫން ކަމަށާއި، ހަމައެހެންމެ އެތައް ހާސް އާއިލާއަކުން ދިރިއުޅެމުންދަނީ ހަމަޖެހިލައިގެން ދިރިއުޅެވޭ ވަރަށް ވުރެ ދަތި ތަންތަނުގައި ކަމީވެސް ދެބަސްނުވެވޭނެ ޙަޤީޤަތެއް ކަމަށް ވިދާޅުވެފައެވެ.
އެހެންކަމުން އެ އާއިލާތަކަށް އެކަށީގެންވާ ބޯހިޔާވަހިކަމެއް ފޯރުކޮށްދިނުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށާއި، މާލެ ސަރަޙައްދުގައި ހިއްކާފައިވާ އަދި ހިއްކަމުންދާ ބިންތަކަކީ ރައްޔިތުންނަށް ގޯތި ދީފައިވާ ބިންތައް ކަމަށްވުމާއެކު ރައްޔިތުންގެ ތެރެއިން ބޯހިޔާވަހިކަމުގެ ދަތިކަމުގައި އުޅެމުންދާ އާއިލާތަކަށް ބޭނުންވާ ފުލެޓު ޢިމާރާތްކުރުމުގައި ލިބެން ހުރި ބިންތައް މަދުވުމަކީ މިކަމަށް އޮތް އެންމެ ބޮޑު ގޮންޖެހުންގެ ގޮތުގައި ވަޒީރު ފާހަގަކުރައްވާފައިވެއެވެ.
"ވިލިމާލޭގައި ޢިމާރާތްކުރާ 300 ފުލެޓު މަޝްރޫޢު ކުރިއަށް ގެންދިއުމުގައި ސަރުކާރުން އަބަދުވެސް ބަލާފައިވާނީ ބޮޑެތި ފުނަގަސް ނުކަނޑައި ޕްރޮޖެކްޓް ކުރިއަށް ގެންދިއުމަށްވީ ނަމަވެސް 3 ޓަވަރުގެ ތެރެއިން 1 ޓަވަރު އަޅަން ކަނޑައެޅި ތަނުގައި ހުރި ގަސްތައް ނަގަންޖެހޭތީއާއި، ބައެއް ބޮޑެތި ގަސްތަކުގެ ގޮފިތައް ކަނޑަން ޖެހޭތީ އެޓަވަރު އެހެން ސަރަޙައްދަކަށް ބަދަލުކުރުމަށް މިހާރުވަނީ ނިންމާފައެވެ." ވަޒީރުގެ ޕޯސްޓުގައިވެއެވެ.
ވިލިމާލޭގައި ތަރައްޤީ ކުރާ 300 ހައުސިން ޔުނިޓު އެޅުމަށް ޙަވާލުކޮށްފައިވަނީ، ރަޝީދު ކާޕެންޓަރީ އެންޑް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާއެވެ. މި މަޝްރޫޢުގެ ދަށުން އެޅުމަށް ހަމަޖެހިފައިވަނީ 17 ފަންގިފިލާގެ 3 ޓަވަރެވެ.