ENGLISH

22 އޭޕްރީލު 2026

Advertisement

ވަތަނީ ހިދުމަތުގެ ބިލަށް އާންމުންގެ ހިޔާލު ހޯދަނީ

22 އޭޕްރީލު 2026

|

އައިމިނަތު ޝަފާ

ރައީސް ސިފައިންނާއެކު. ފޮޓޯ؛ ރައީސް އޮފީސް

ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާބެހޭ ކޮމިޓީން ދިރާސާކުރަމުންދާ ވަތަނީ ހިދުމަތުގެ ބިލަށް އާންމުންގެ ހިޔާލު ހޯދުމަށް މިއަދު ހުޅުވާލައިފި އެވެ. 

މި ބިލު ހުށަހެޅުއްވީ ސަރުކާރުގެ ފަރާތުން ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެމްބަރު ފަރުޙަތު މުޙައްމަދެވެ.

މި ބިލު މަޖިލީހަށް ބަލައިގަތުމަށް 50 މެމްބަރުން ވޯޓު ދެއްވާފައި ވެއެވެ.

ރައްޔިތުންގެ މަޖިލީހުން މިއަދު ކުރި އިއުލާނެއްގައި ބުނެފައިވަނީ، ސަލާމަތީ ހިދުމަތްތަކާބެހޭ ކޮމިޓީން ދިރާސާކުރަމުންދާ މި ބިލަށް އެއްވެސް ހިޔާލެއް ނުވަތަ ކޮމެންޓެއް އޮތްނަމަ، އެކަމުގެ ފުރުސަތު ހުޅުވާލެވިފައި ވާކަމަށެވެ. 

މިކަމަކީ ބިލު އިތުރަށް ފުރިހަމަކުރުމަށްޓަކައި ކަމާބެހޭ ފަރާތްތަކާއި އާންމުންގެ ބައިވެރިވުން ހޯދުމުގެ މަގުސަދުގައި ކުރިއަށްގެންދާ މަސައްކަތެއް ކަމަށް މަޖިލީހުގެ އިދާރާއިން ވަނީ ބުނެފަ އެވެ. ބިލަށް ހިޔާލު ހުށަހަޅަން ބޭނުންވާ ފަރާތްތަކުން 21 މެއި 2026 ވާ ދުވަހުގެ މެންދުރުފަހު 14:00 ގެ ކުރިން ލިޔުމުން ހިޔާލު ފޮނުވަންޖެހެއެވެ. ޚިޔާލުތައް ފޮނުވަންޖެހެނީ ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާބެހޭ ކޮމިޓީގެ އީމެއިލް އެޑްރެސް [email protected] އަށެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިދިޔަ އަހަރު ފެއްޓެވި ދިވެހި ވަތަނީ ހިދުމަތަށް ގާނޫނީ ބާރު ދިނުމަށް ރައްޔިތުންގެ މަޖިލީހަށް ސަރުކާރުގެ ފަރާތުން ހުށަހެޅި ބިލުގެ މަގުސަދަކީ ދައުލަތުގެ ޔުނިފޯމް އެޅި ޚިދުމަތްތަކުގައި، ޚާއްޞަކޮށް އަދި އެނޫންވެސް މަސައްކަތުގެ އެކި ދާއިރާތަކުގައި ޚިދުމަތްކުރަން އެދޭ ޒުވާނުންނަށް އެ ފުރުޞަތު ފަހިކޮށްދީ، ޒުވާނުން ބާރުވެރިކުރުވައި ޤައުމަށާއި މުޖުތަމަޢަށް ފައިދާހުރި ޒުވާން ޖީލެއް ބިނާކުރުމުގެ ގޮތުން، މަސައްކަތުގެ ދާއިރާތަކުގައި ޚިދުމަތްކުރުމަށް ބޭނުންވާ ޒުވާނުންގެ ކިބައިގައި ޖިސްމާނީ، ފަންނީ އަދި ފިކުރީ ޤާބިލުކަން އަށަގެންނެވުމަށްޓަކައި، ވަތަނީ ޚިދުމަތުގެ ޕްރޮގްރާމެއް ތަޢާރުފުކޮށް ހަރުދަނާ ޤާނޫނީ އޮނިގަނޑެއްގެ ދަށުން އެ ޕްރޮގްރާމް ފަރުމާކޮށް ހިންގުމެވެ. 

ޕްރޮގްރާމުގެ މައިގަނޑު އަސާސްތައް ކަނޑައަޅައި، ޕްރޮގްރާމުގައި ބައިވެރިވުމާއި ޕްރޮގްރާމުގެ ދަށުން ތަޢުލީމާއި، ތަމްރީނާއި، ތަޖުރިބާ ފޯރުކޮށްދިނުމުގެ އުސޫލުތަކާއި ޕްރޮގްރާމް ފުރިހަމަކުރާ ބައިވެރިންނަށް ލިބިގެންދާނޭ ފުރުޞަތުތައް ބަޔާންކޮށް، އެނޫންވެސް ޕްރޮގްރާމް ހިންގައި ތަންފީޛުކުރުމުގެ ހަމަތައް ބަޔާންކުރުމަކީ މި ބިލުގެ މަގުސަދުކަމަށް ބަޔާންކޮށްފައިވެއެވެ. 

ދިވެހި ވަޠަނީ ޚިދުމަތް ނުވަތަ ނޭޝަނަލް ސަރވިސް އިނީޝިއަލް ޓްރެއިނިން އަކީ، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ދިވެހިރާއްޖޭގެ ވެރިކަމާ ޙަވާލުވެވަޑައިގަތުމަށް ފަހު ދެއްވި އިފުތިތާޙީ ތަޤްރީރުގައި ވިދާޅުވި، އިންސާނުން ބިނާކުރުމާއި ޤައުމުގެ ސިނކުޑިތައް ބިނާކުރުމުގެ ސިޔާސަތުގެ އެންމެ މުހިންމު އެއް ތަނބެވެ. އަދި، އެއީ ޒުވާނުން ތަރައްޤީކޮށް، ޒުވާނުން ބާރުވެރިކޮށް، ޤައުމަށް ފައިދާހުރި މަސައްކަތްތަކުގައި އިސްނަގައި ހަރަކާތްތެރިވާނެ ބަޔަކަށް ދިވެހި ޒުވާނުން ހެދުމަށާއި، ޒުވާނުންނަށް ބޭނުންވާނޭ މަސައްކަތުގެ އަޚުލާޤާއި ސުލޫކާއި ހުނަރު އަށަގެންނެވުމުގެ ސިޔާސަތެކެވެ.

މި ތަމްރީނުގައި، ދިވެހި ޤައުމިއްޔަތާއި، ޒިންމާދާރު ރައްޔިތުކަމާއި، ދީނީ ތަޢުލީމާއި، ލީޑަރޝިޕް، އަދި ލޭންގުއޭޖް ޕްރޮފިޝެންސީ އުނގަންނައިދެވޭނެއެވެ. ހަށިހެޔޮކަމާއި ދުޅަހެޔޮކަން އިތުރުކޮށް އަށަގެންނެވުމަށް ކަސްރަތާއި ހަށިހެޔޮކަމުގެ ތަމްރީނުތައް ހިމެނޭ އިރު، އަޚްލާޤާއި ސުލޫކު ހަރުދަނާކޮށް ކުރިއެރުވުމަށް އަމާޒުކޮށް ހެވިކަމުގެ ތަމްރީނު ޙަރަކާތްތައް ކުރިއަށް ގެންދެވޭނެއެވެ. ހަމައެއާއެކު، ފަސްޓް އެއިޑާއި ފަޔަރ ފައިޓިންގ އަދި ސެލްފް ޑިފެންސްގެ އިތުރުން ކޭމްޕް ޙަރަކާތްތައް ދަސްކޮށްދެވޭނެއެވެ. އަދި އަސްކަރީ ތަމްރީނުގެ ޙަރަކާތް ތަޢާރަފުކޮށްދިނުން ވެސް މި ތަމްރީނުގައި ހިމެނިފައިވެއެވެ.

ބިލުގައިވަނީ އުމުރުން 16 އަހަރާއި 28 އަހަރާ ދެމެދުގެ ކޮންމެ ދިވެހިރައްޔިތަކަށް، ވަތަނީ ޚިދުމަތުގެ ޕްރޮގްރާމުގައި ބައިވެރިވުމަށް އެދި މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައިވާ ގޮތުގެމަތިން ހުށަހެޅިދާނެކަމަށެވެ. ޢުމުރުން 16 އަހަރު ފުރި 18 އަހަރު ނުފުރޭ ކުޑަކުދިންގެ ފަރާތުން ވަތަނީ ޚިދުމަތުގެ ޕްރޮގްރާމުގައި ބައިވެރިވުމަށް އެދި ހުށަހެޅޭނީ ކުއްޖާ އަމިއްލައަށް އެކަމަށް އެދުމުގެ އިތުރުން އެ ކުއްޖާގެ ބެލެނިވެރިންގެ ހުއްދައާއެކުއެގައި ކަމަސް ވަނި ބަޔާންކޮށްފައެވެ.

މި ޤާނޫނުގެ ފަސް ވަނަ މާއްދާގެ ދަށުން ޤައުމީ ޚިދުމަތުގެ ޕްރޮގްރާމުގައި ބައިވެރިވުމަށް އެދި ހުށަހަޅާ ޒުވާނުން އެ ޕްރޮގްރާމުގައި ބައިވެރިކުރެވޭނީ، މި ޤާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ކަނޑައަޅާ މިންގަނޑުތަކާ އެއްގޮތްވާ ގޮތުގެމަތިން ހަދާ މެޑިކަލް އެސެސްމަންޓް ފުރިހަމަކޮށް، އެ އެސެސްމަންޓުން ފާސްވުމުންކަމަށް ވަނީ ބަޔާންކޮށްފައެވެ. 

ވަޠަނީ ޚިދުމަތުގެ ޕްރޮގްރާމުގައި އެންރޯލްކުރެވި، އެ ޕްރޮގްރާމް ފުރިހަމަކުރަމުންދާ ޒުވާނުން ޕްރޮގްރާމް ފުރިހަމަކުރުމުގެ ޖިސްމާނީ ނުވަތަ ނަފްސާނީ ޤާބިލުކަން އެ ޒުވާނެއްގެ ކިބައިގައި ނެތްކަމަށް ކަނޑައެޅިއްޖެނަމަ، މި ޤާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ކަނޑައަޅާ ގޮތުގެމަތިން، އެ މީހުން ޕްރޮގްރާމުން ވަކިކުރަންވާނެކަމަށް ވެސް ވަނީ ބަޔާންކޮށްފައެވެ.

މި ޕްރޮގްރާމުގައި ބައިވެރިވާ ޒުވާނުންގެ އަސާސީ ތަޢުލީމާއި ތަމްރީނުގެ މުއްދަތުގައި ހުރުމާއި ކެއުމާއި ބޭސްފަރުވާ އަދި ދަތުރުފަތުރުގެ ޚަރަދު ދިފާޢީ ވުޒާރާއިން ހަމަޖައްސައިދޭންޖެހޭނެކަމަށް ބިލުގައި ބަޔާންކޮށްފައިވާއިރު އެކަށީގެންވާ އިނާޔަތެއްވެސް ދޭންވާނެ ކަމަށް ވަނީ ބަޔާންކޮށްފައެވެ. ވަޠަނީ ޚިދުމަތުގެ ޕްރޮގްރާމުގެ އަސާސީ ތަޢުލީމާއި ތަމްރީން ފުރިހަމަ ކުރާ ޒުވާނުން ޔުނިފޯމް އެޅި ޚިދުމަތެއްގައި މަސައްކަތް ކުރަންޖެހޭނެއެވެ. މި މަސައްކަތުގެ މުއްދަތު އެއް އަހަރަށްވުރެ ދިގުނުވާ ގޮތަށް ވަކި ޚިދުމަތެއް ކަނޑައަޅާނީ އެކަމަށް ޚާއްސަކޮށް އެކުލަވާލާ ގަވަރނިން ކައުންސިލުން ކަމަށްވެސް ވަނީ ބަޔާންކޮށްފައެވެ. އަދި މަސައްކަތުގެ މުއްދަތު ހަމަވުމުން ޔުނިފޯމު އެޅި ޚިދުމަތްތަކަށް އެ ޒުވާނުންނަށް ވަޒީފާ ހުށަހެޅުމުގެ ފުރުސަތު ފަހިކޮށްދެވޭނެއެވެ.

މި ބިލު ޤާނޫނަކަށްވުމުން އެކުލަވާލާ ގަވަރނިން ކައުންސިލަކީ ދިފާޢީ ވަޒީރާއި ދާޚިލީ ސިޔާސަތު ތަންފީޒުކުރުމަށް އެއިރެއްގައި ހަވާލުވެގެން ހުންނަ ވަޒީރާއި މާލީ ވަޒީރާއި ޗީފް އޮފް ޑިފެންސް ފޯސް އަދި ކޮމިޝަނަރ އޮފް ޕޮލިސް ހިމެނޭހެން އެކުލަވާލާ ކައުންސިލެކެވެ. މި ކައުންސިލްގެ ރައީސަކީ ރައީސުލްޖުމްހޫރިއްޔާ ކަމަށާއި ނައިބު ރައީސަކީ ދިފާޢީ ވަޒީރު ކަމަށް ބިލުގައިވެއެވެ.  

ކިޔުންތެރިންގެ ހިޔާލު