ENGLISH

22 އޭޕްރީލު 2026

Advertisement

ފެންނަ ނުފެންނަ ވޯޓު ނެގީ ރައީސަށް އޮތް ތާއިދު ބަލާކަށް ނޫން: ރިޔާޒް

22 އޭޕްރީލު 2026

|

އައިމިނަތު ޝަފާ

ރިޔާޒު ރަޝީދު. ފޮޓޯ؛މަޖިލިސް

ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމާ ގުޅޭގޮތުން އޭޕްރީލް ހަތަރު ވަނަ ދުވަހު ނެގި އާއްމުންގެ ޚިޔާލު ހޯދުމުގެ ވޯޓަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒަށް އޮތް ތާއީދު ދައްކުވައިދިނުމަށް ނެގުނު ވޯޓެއް ނޫންކަމަށް ވިލުފުށީ ދާއިރާގެ ކުރީގެ މެމްބަރު ރިޔާޒު ރަޝީދު ވިދާޅުވެއްޖެ އެވެ.

ސޯޝަލް މީޑިއާގެ "އެކްސް" ޕްލެޓްފޯމުގައި ކުރެއްވި ދިގު ޕޯސްޓެއްގައި ރިޔާޒު ވިދާޅުވީ ނިމިދިޔަ ލޯކަލް ކައުންސިލް އިންތިޚާބު ކާމިޔާބު ކުރުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކުރެއްވި ފަދަ ވަރުގަދަ އަދި މިންނެތް މަސައްކަތެއް ކުރެއްވި ރައީސަކު އޭނާގެ ހަޔާތްޕުޅުގައި ފެނިފައި ނުވާކަމަށެވެ. އެއީ ހަމައެކަނި ސިޔާސީ ވާދަވެރިކަމެއް ނޫންކަމަށް ވިދާޅުވެ ރިޔާޒުވަނީ ރައީސްގެ ފަރާތްޕުޅުން ފެނިގެންދިޔައީ ރައްޔިތުންނަށްޓަކައި ވީ ގުރުބާނީ ކަމަށް ވިދާޅުވެފަ އެވެ. 

"ރަމަޟާން މަހުގެ ބަރަކާތްތެރި ދުވަސްތަކާއި، ޝައްވާލު މަހުގެ ހަ ރޯދަ ހިއްޕަވައިގެން ހުންނަވައި، ގަދަ އަވީގައި ކެތްތެރިކަމާއެކު ރައީސް ކުރެއްވި މަސައްކަތްޕުޅަކީ އާދައިގެ ކަމެއް ނޫނެވެ. މާލެ، ހުޅުމާލެ، އަދި ވިލިގިލީގެ ގޭގެއަށް ވަޑައިގެން، ރައްޔިތުންގެ ހާލު ބައްލަވައި، "ޑޯޓުޑޯ" (ދޮރުންދޮރަށް) ޙަރަކާތްތަކުގައި އެމަނިކުފާނު އަމަލީގޮތުން އުޅުއްވި މަންޒަރު އަޅުގަނޑު ދުށީމެވެ. އެއީ އިޚުލާޞްތެރިކަމުގެ އިންތިހާއެވެ،." ސިޔާސީ ތަޖުރިބާ ލިބިވަޑައިގެން މިހާރު ޖުމްހޫރީ ޕާޓީގައި ހުންނެވި ރިޔާޒު ވިދާޅުވި އެވެ.  

ރައީސް މިފަދަ ހިތްވަރުފުޅެއް ދެއްކެވި ނަމަވެސް އެމަނިކުފާނުގެ އަރިހުގައި ތިއްބެވި ބައެއް ވަޒީރުންނާއި ރައްޔިތުންގެ މަޖިލިސް މެންބަރުންގެ ފަރާތުން އެފަދަ ހިތްވަރެއް ނުފެނުކަމަށް ވިދާޅުވެ ސޯޝަލް މީޑިއާއިން ބަލާލި ކަމުގައިވިޔަސް، ރައީސް ކުރެއްވި ވަރުގެ މަސައްކަތެއް ކުރި އެއްވެސް މެންބަރަކު ނުވަތަ ވަޒީރަކު ފެންނަން ނެތްކަމަށް ރިޔާޒް ވިދާޅުވި އެވެ.

"މާލެއާއި، ހުޅުމާލެ، ވިލިމާލެ އަދި މާލޭގެ އެކި އަވަށްތަކުގެ ރައްޔިތުންނާ ބައްދަލުކުރައްވައި، ރައްޔިތުންގެ އިހުސާސްތައް އެމަނިކުފާނު ގާތުން ބެއްލެވިއެވެ. ތަހުޒީބު މުޖުތަމަޢުއެއްގައި ބޭނުންކުރުން އެކަށީގެންނުވާ ފަދަ ބަސްމަގުން ބައެއް ފަރާތްތަކުން މުޚާތަބުކުރި ހިނދުވެސް، ގައުމުގެ އެންމެ މަތީ ވެރިޔާގެ ހައިސިއްޔަތުން ނުހަނު ކެތްތެރިކަމާއެކު އެ ކަންބޮޑުވުންތައް އެއްސެވީ ވަރުބަލިކަމެއް ނެތިއެވެ،". ރިޔާޒު ވިދާޅުވި އެވެ. 

ބޯހިޔާވަހިކަމުގެ ދަތިކަމުގައި ތިބި އެތައް ރައްޔިތުންނަކަށް ވަގުތުން ހައްލު ހޯއްދަވައިދެއްވުމަށް އެމަނިކުފާނު މަސައްކަތްޕުޅު ކުރެއްވިކަމަށާއި ވަކިން ހާއްސަކޮށް، ގޯއްޗާއި ފްލެޓަށް ކުރިމަތިލުމުގައި ކުރިން ކަނޑައަޅާފައިވާ ހަރުކަށި އަދި ބައެއް ޙާލަތްތަކުގައި އިންސާފުވެރި ނޫން އުސޫލުތައް މުރާޖަޢާކުރައްވައި، ރައްޔިތުންނަށް އެންމެ ފައިދާހުރި ގޮތަށް އެ ޝަރުތުތަކަށް ވަގުތުން ލުއި ދެއްވިކަމަށް ރިޔާޒު ވިދާޅުވި އެވެ. 

މީގެ އިތުރުން، ދިރިއުޅުމުގެ ހާލަތު ހުރިގޮތުން ކުލި ނުދެއްކި ތިބި އެތައް ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދެއްވައި، ދިރިއުޅުމުގެ ޚަރަދުތައް ކުޑަކުރުމުގެ ގޮތުން އަސާސީ އެތައް ޚިދުމަތްތަކެއްގެ އަގުތައް ހެޔޮކޮށްދެއްވުމަކީ ރައްޔިތުންގެ ލާބައަށް އެމަނިކުފާނު ކުރެއްވި މުހިންމު މަސައްކަތްޕުޅުތަކެއްގެ ގޮތުގައި ރިޔާޒު ސިފަކުރެއްވި އެވެ. 

އިންތިޚާބެއްގެ ނަތީޖާ ބަދަލުކޮށްލަނީ ހަމައެކަނި ފައިސާއަކުން ނުވަތަ ދޭ ވަޒީފާއަކުންނެއް ނޫންކަމަށާއި އިންތިޚާބުތަކުން ބައެއް ދާއިރާތައް ނާކާމިޔާބުވަނީ އެ ދާއިރާތަކާ ޙަވާލުވެ ތިއްބެވި އިސް ބޭފުޅުންނާއި މެންބަރުން ރައްޔިތުންނާ ދެމެދު ބޭއްވޭ ގުޅުން ކުޑަވުމުންކަމަށް ވިދާޅުވި އެވެ. 

"ރައްޔިތުން ބޭނުންވަނީ ކޮންމެ ފިކުރެއްގެ މީހަކަށްވިޔަސް، ދަތިކަމެއް ޖެހިގެން ގުޅާލުމުން ފޯނު ނަގާނެ، އަޅާލާނެ ވެރިއެކެވެ. މިއަދު ބައެއް ވެރިންގެ ފޯނުތައް ހުންނަނީ "ވަންވޭ" ކޮށްފައި ކަމަށް ރައްޔިތުން ޝަކުވާ ކުރެއެވެ. ޚަބަރު ފަތުރާ ވަސީލަތްތަކާއި ނޫސްވެރިންގެ ބައްދަލުވުންތަކުގައި ދައްކާ ވާހަކައަށްވުރެ، ރައްޔިތުން މިއަދު ބަލަނީ ޢަމަލީ ގޮތުން ގާތްކަން ބަހައްޓާ މިންވަރަށެވެ،". ރިޔާޒު ވިދާޅުވި އެވެ.

އިންތިޚާބުގެ ނަތީޖާއާއެކު ރައްޔިތުން ދެއްވި މެސެޖުތަކަށް އިޙްތިރާމްކުރައްވައި، ސަރުކާރު ހިންގުމުގެ ނިޒާމަށް ހެޔޮ ބަދަލުތަކެއް ގެންނަވަން ފަށްޓަވާފައިވާކަމަށް ވިދާޅުވެ އެކަމަށް ރިޔާޒު ވަނީ ތާއީދުކުރައްވާފަ އެވެ. ވަޒީފާގެ މަސްއޫލިއްޔަތު އަދާކުރުމުގައި ފަސްޖެހޭ އަދި ޤާބިލުކަން ކުޑަ ވަޒީރުންނާއި ކުންފުނިތަކުގެ އިސްވެރިން މަޤާމުތަކުން ވަކިކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމެވި ނިންމެވުމަކީ، އެމަނިކުފާނުގެ ސާބިތުކަން ހާމަކޮށްދޭ މުހިންމު ފިޔަވަޅެއްކަމަށް ވިދާޅުވެފައި ވެއެވެ.

މީގެ އިތުރުން، ސަރުކާރުގެ ސިޔާސީ މަޤާމުތަކަށް އައްޔަނު ކުރައްވާ ބޭފުޅުންގެ ތަޢުލީމީ ފެންވަރު ވަޒަންކުރެއްވުމަށް، ސްޓޭޓް މިނިސްޓަރުންނަށް މާސްޓާސް ޑިގްރީ އަދި ޑެޕިއުޓީ މިނިސްޓަރުންނަށް ފުރަތަމަ ޑިގްރީ އޮތުން ލާޒިމުކުރެއްވުމަކީ، ރައީސް އެއްވެސް ނުފޫޒެއްގެ ދަށުނުވެ ހުންނެވިކަމުގެ އަލިގަދަ ހެއްކެއްކަމަށް ރިޔާޒު ވިދާޅުވި އެވެ.

"މި ނިންމުންތަކުން ސާބިތުކޮށްދެނީ، ނޭދެވޭ އެއްވެސް ކަމަކަށް ފުރުޞަތު ނުދެއްވައި، ރައްޔިތުންގެ މަތިވެރި މަޞްލަޙަތު އިސްކުރައްވައިގެން މަސައްކަތްކުރައްވާނެ ވަރުގަދަ ޝަޚްޞިއްޔަތެއް އެމަނިކުފާނުގެ ކިބައިގައި ހުރިކަމެވެ،". ރިޔާޒު ވިދާޅުވި އެވެ.

ގާނޫނު އަސާސީއަށް އިސްލާހު ގެނައުމަށްޓަކައި ނެގިގެންދިޔަ ފެންނަ ނުފެން ވޯޓަކީ ރައީސް ޑރ މުޙައްމަދު މުޢިއްޒު އޮތް ތާއިދު ދައްކުވާދިން އިންތިޚާބެއް ނޫންކަމަށް ވިދާޅުވެ ރިޔާޒު ވިދާޅުވީ އެ އިންތިޚާބަކީ ހަމައެކަނި ރައްޔިތުންގެ ހިޔާލު ހޯދުމަށް ނެގި ވޯޓެއްކަމަށެވެ. 

ކިޔުންތެރިންގެ ހިޔާލު