ENGLISH

22 އޭޕްރީލު 2026

Advertisement

ވަޒީފާއާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމަށް އެމްޑީޕީން ހުށަހެޅި ބިލު ބަލައިގެންފި

22 އޭޕްރީލު 2026

|

އައިމިނަތު ޝަފާ

މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން. ފޮޓޯ؛މަޖިލިސް އިދާރާ

ރިސޯޓުތަކުގައި ވަޒީފާ އަދަކުރާ މުވައްޒަފުންގެ ސާވިސް ޗާޖު ޑޮލަރުން ދިނުން ލާޒިމުކޮށް ވަޒީފާއާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމަށް އިދިކޮޅު އެމްޑީޕީން ހުށަހެޅި ބިލު މަޖިލީހަށް ބަލައިގެންފި އެވެ. 

މި ބިލު މަޖިލީހަށް ހުށަހެޅުއްވީ ކެންދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު މައުރޫފް ޒާކިރެވެ.

އެ ބިލު ބަލައިގަތުމަށް މަޖިލީހުގެ މިއަދުގެ ޖަލްސާގައި ފެންނަ ކަމަށް 67 މެމްބަރުންނެވެ. ވޯޓު ދެއްވާފައި ވެއެވެ. ނުފެންނަ ކަމަށް އެއްވެސް މެމްބަރަކު ވޯޓު ދެއްވާފައެއް ނުވެ އެވެ. 

މި ބިލު ހުށަހެޅި ސަބަބެއް ކަމަށް މެމްބަރު ވިދާޅުވީ ވަޒީފާއާބެހޭ ޤާނޫނު ގައި ފަތުރުވެރިކަމުގެ ޞިނާޢަތުގައި ހިންގާ ވިޔަފާރިތަކުން ފޯރުކޮށްދޭ، ކޮންމެ ޚިދުމަތަކުން 10 އިންސައްތަ އަށްވުރެ މަދުނޫން ޢަދަދަކުން ސަރވިސްޗާޖް ނަގަންވާނެކަމަށާއި، އަދި ސަރވިސްޗާޖުގެ ގޮތުގައި ނަގާ ފައިސާ، ވަޒީފާދޭ ފަރާތުގެ ހުރިހާ މުވައްޒަފުންގެ މެދުގައި ހަމަހަމަކަމާއެކު ބަހަންވާނެކަމަށް ބަޔާންކޮށްފައިވީ ނަމަވެސް، ސަރވިސްޗާޖުގެ ގޮތުގައި ނަގާ ފައިސާ ބާވަތުން ބެހުމުގައި އަމަލުކުރާ ގޮތުގެ ސަބަބުން ކަމަށެވެ. ގާނޫނުގައި އެގޮތަށް ބަޔާންވެފައިވިޔަސް އޭގެ ބަދަލުގައި އެ ފައިސާ މާރުކޮށްގެން، ބައެއް ތަންތަނުން، މުވައްޒަފުންނަށް ދިވެހި ރުފިއާއިން ސަރވިސްޗާޖު ދިނުމުގެ ސަބަބުން، ސަރވިސްޗާޖުގެ ގޮތުގައި ނަގާ ފައިސާ، މުވައްޒަފުންގެ މެދުގައި ބެހުމަށް ލާޒިމުކޮށް، މި ޤާނޫނުގައި ކަނޑައަޅައިފައިވާ އުސޫލުގެ މަންފާ އެންމެ ފުރިހަމައަށް މުވައްޒަފުންނަށް ލިބުމަށް ހުރަސްއެޅޭ ކަމަށް ވަނީ ބުނެފަ އެވެ.

ބިލު ހުށަހެޅުމުގެ މައިގަނޑު މަޤްޞަދަކީ، ފަތުރުވެރިކަމުގެ ޞިނާޢަތުގައި މަސައްކަތްކުރާ މުވައްޒަފުންނަށް ވަޒީފާއާބެހޭ ޤާނޫނުން، ކަށަވަރުކޮށްދީފައިވާ ސަރވިސްޗާޖް ލިބުމުގެ ޙައްޤު އެންމެ ފުރިހަމައަށް ތަނަވަސްކޮށްދިނުންކަމަށް ބިލުގައި ވަނީ ބަޔާންކޮށްފަ އެވެ. 

ވަޒީފާއާބެހޭ ޤާނޫނުއަށް ގެންނަން އެމްޑީޕީން ހުށަހެޅި އިޞްލާޙުތައް:

  • ސަރވިސްޗާޖުގެ ގޮތުގައި ނަގާ ފައިސާގެ ތެރެއިން، މުވައްޒަފުންނަށް ބަހަންޖެހޭ ފައިސާ ބާވަތް ބަދަލުކުރުމަށް ވަޒީފާދޭ ފަރާތުން އެ ފައިސާ ދިވެހި ރުފިޔާއަށް މާރުކޮށްގެން ނުވާނެ އެވެ. އަދި، ސަރވިސްޗާޖް ބެހުމުގައި، މުވައްޒަފުންނަށް ދޭންވާނީ، ސަރވިސްޗާޖުގެ ގޮތުގައި އެ ފައިސާއެއް ލިބުނު ބާވަތުންނެވެ.
  • ފަތުރުވެރިކަމުގެ ސިނާޢަތުގައި ހިންގާ ވިޔަފާރިތަކުން، ޚިދުމަތް ފޯރުކޮށްދިނުމުގައި މަސައްކަތްކުރާ މުވައްޒަފަކު ވަޒީފާ އަދާކުރަނީ ވަގުތީ އެއްބަސްވުމެއް ނުވަތަ ތިންވަނަ ފަރާތެއްގެ މުވައްޒަފެއްގެ ގޮތުގައި، ޢާންމުކޮށް ދޭންޖެހޭ ޚިދުމަތެއް ފޯރުކޮށްދިނުމުގައި ސީދާ ގޮތުން، ފަތުރުވެރިންނަށް ޚިދުމަތް ފޯރުކޮށްދިނުމުގައި ކަމަށްވާނަމަ އެފަދަ މުވައްޒަފުންނަށްވެސް ސަރވިސްޗާޖް ދިނުމުގައި، ތަފާތުކޮށްގެން ނުވާނެ އެވެ.

ބިލު މަޖިލީހަށް ބަލައިގަނެ އިތުރަށް ދިރާސާ ކުރުމަށް ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީއަށް މިހާރު ވަނީ ފޮނުވައިފަ އެވެ.

ކިޔުންތެރިންގެ ހިޔާލު