ENGLISH

19 އޭޕްރީލު 2026

Advertisement

ޓޫރިޒަމަށް 2.2 އިންސައްތައިގެ ކުރިއެރުމެއް، މިދިޔަ ހަފްތާގައި 35،000 ފަތުރުވެރީން

19 އޭޕްރީލު 2026

|

އަޙުމަދު ޙަމީދު

ނޫސްވެރީންގެ ބައްދަލްވުމުގައި މިނިސްޓަރު އަމީން މައުލޫމާތު ދެއްވަނީ --

މެދުއިރުމަތީގައި ނުރައްކާތެރި ހަނގުރާމައެއް ފެށި ދަތުރުފަތުރަށް ބުރޫއެރުމާއި ގުޅިގެން ފަތުރުވެރިކަމަށް އޭގެ ނޭދެވޭ އަސަރު ކުރިނަމަވެސް ކަމާގުޅޭ އިދާރާތަކާއެކު ކުރެވުނު މަސައްކަތުން ފަތުރުވެރިކަމަށް 2.2 އިންސައްތައިގެ ކުރިއެރުމެއް ލިބިފައިވާ ކަމަށް މިނިސްޓަރ އޮފް ޓޫރިޒަމް އެންޑް ސިވިލް އޭވިއޭޝަން މުޙައްމަދު އަމީން ވިދާޅުވެއްޖެ އެވެ.

މެދުއިރުމަތީގެ ހަމަނުޖެހުންތަކާ ގުޅިގެން، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އުފެއްދެވި ވަޒީރުންގެ ޚާއްޞަ ކޮމިޓީން މިއަދު ބޭއްވި ނޫސްވެރީންގެ ބައްދަލްވުމުގައި މިނިސްޓަރު ވިދާޅުވީ މި އަހަރުގެ މިހާތަނަށް 740,364 ފަތުރުވެރީން ރާއްޖެ އައިސްފައިވާ ކަމަށެވެ. އަދި މިހާރު ދުވާލަކު އަންނަ ފަތުރުވެރީންގެ ނިސްބަތް ހުރީ 6,885 ގައި ކަމަށް ވިދާޅުވި އެވެ.

މި އަހަރުގެ މިހާތަނަށް އެންމެ ގިނަ ފަތުރުވެރީން ރާއްޖެ އައިސްފައިވަނީ ޗައިނާ އެވެ. އެ ޤައުމުން ވަނީ 108,656 ފަތުރުވެރީން ރާއްޖެ އައިސްފަ އެވެ. ދެން އެންމެ ގިނައިން ރާއްޖެ އައީ ރަޝިޔާ ފަތުރުވެރީންނެވެ. އެ ޤައުމުން 92,000 ވުރެ ގިނަ ފަތުރުވެރީން އައިސްފައިވެ އެވެ. އިނގިރޭސިވިލާތުން 69,000 ވުރެ ގިނަ ފަތުރުވެރީން އަދި އިޓަލީވިލާތުން 62,000 ވުރެ ގިނަ ފަތުރުވެރީން ވަނީ ރާއްޖެ އައިސްފަ އެވެ.

އެ ލިސްޓްގައި ދެން ހިމެނެނީ ޖަރުމަނާއި އިންޑިއާ އަދި ފްރާންސް އެވެ.

ހަނގުރާމައާ ގުޅިގެން ފުރަތަަމަ ދުވަސްކޮޅު ދުވާލަކު 20 ފްލައިޓް ދިޔައީ ކެންސަލް ވަމުންނެވެ. ފަހުން އެ އަދަދު ވަނީ 16 އަށް މަދުވެފަ އެވެ. އަދި މިހާރު އެ އަދަދު އެއަށްވުރެ ވެސް ދަށް ކުުރެވިފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ކަމާގުޅޭ އިދާރާތަކާއި ގުޅިގެން ކުރެވުނު މަސައްކަތުން ފަތުރުވެރިކަމަށް 2.2 އިންސައްތައިގެ ކުރިއެރުމެއް ލިބިފައިވާ ކަމަށެވެ. އަދި ބައެއް އެއާލައިންތަކުން މިހާރު ދަތުރުތައް ފެށިފައިވާ ކަމަށެވެ. 

ކިޔުންތެރިންގެ ހިޔާލު