ENGLISH

16 އޭޕްރީލު 2026

Advertisement

ޑެންގީ އިތުރުވާތީ ސަމާލުވުމަށް އެޗް.ޕީ.އޭ އިން އިލްތިމާސްކޮށްފި

16 އޭޕްރީލު 2026

|

ފާތުމަތު އަދާ

ޑެންގީ ފެތުރުން ހުއްޓުވުމަށް އެޗްޑީސީން ކުރިއަށް ގެންދިޔަ ހަރަކާތުގެ ތެރެއިން. ފޮޓީ: ޕީއެސްއެމް

ދިވެހިރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޑެންގީ ހުން ޖެހިގެން ރިޕޯޓްކުރާ މިންވަރު މި ދުވަސްވަރު އިތުރުވަމުންދާތީ، އެކަމަށް ޚާއްޞަ ސަމާލުކަމެއް ދިނުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗް.ޕީ.އޭ) އިން އިލްތިމާސްކޮށްފިއެވެ. 

އެޗް.ޕީ.އޭ އިން ހާމަކޮށްފައިވާ ގޮތުގައި، މިހާރު ކުރަމުންދާ ވިއްސާރައާ ގުޅިގެން މަދިރީގެ ޒަރީއާއިން ފެތުރޭ ބަލިތައް ކަމަށްވާ ޑެންގީ އާއި ޗިކުންގުންޔާ ފަދަ ބަލިތައް ކުރިއަށް އޮތް މަސްތަކުގައި، ޚާއްޞަކޮށް އޭޕްރީލް މަހުން ފެށިގެން ޖުލައި މަހުގެ ނިޔަލަށް އިތުރުވުމުގެ ފުރުސަތު ބޮޑެވެ. އެހެންކަމުން، މިފަދަ ބަލިތަކުން ރައްކާތެރިވުމަށްޓަކައި ދައުލަތުގެ މުއައްސަސާތަކާއި، ރަށު ކައުންސިލްތަކާއި، ކުންފުނިތަކުގެ އިތުރުން ޖަމިއްޔާ ޖަމާޢަތްތަކާއި ވަކިވަކި ފަރުދުން ގުޅިގެން މަސައްކަތްކުރުމަކީ ނުހަނު މުހިންމު ކަމެއްގެ ގޮތުގައި އެ އެޖެންސީން ވަނީ ފާހަގަކޮށްފައެވެ.

މީގެ އިތުރުން، ޞިއްޙީ މަރުކަޒުތަކާއި ހޮސްޕިޓަލްތަކުން ޑެންގީގެ އަލާމާތްތައް އަވަހަށް ދެނެގަނެ ފަރުވާދިނުމަށާއި، ބަލިމީހުންގެ ހާލަތު ގާތުން ބަލައި ފޮލޯ-އަޕް ހެދުމަށް އެޗް.ޕީ.އޭ އިން ވަނީ އަންގާފައެވެ. އަދި ރަށްރަށުގައި ބަލި ފެތުރޭ މިންވަރު މޮނިޓަރކޮށް، އެ މަޢުލޫމާތު ގަވާއިދުން ހިއްސާކުރުމަށްވެސް އިރުޝާދު ދީފައިވެއެވެ.

ކައުންސިލްތަކުގެ ދައުރާ ގުޅޭގޮތުން އެޗް.ޕީ.އޭ އިން ބުނެފައިވަނީ، ޑެންގީ ކޮންޓްރޯލް ކުރުމަށްޓަކައި ޓާސްކްފޯސްތައް އެކުލަވާލައި، ރަށްތައް ސާފުކުރުމާއި އާންމުން ހޭލުންތެރިކުރުމުގެ ހަރަކާތްތައް ހިންގުމަކީ ބޭނުންތެރި ކަމެއް ކަމަށެވެ. ހަމައެއާއެކު، އާންމު ފަރުދުންވެސް ގޯތިގެދޮރާއި ތިމާވެށީގައި ފެން ހަރުލާފައި ހުންނަ ތަންތަން ނައްތާލައި، މަދިރި އާލާވިޔަ ނުދިނުމަށް ސަމާލުކަން ދިނުމަށް ވަނީ އެދިފައެވެ. މަދިރި ހެފުމުން ރައްކާތެރިވުމަށް ފިޔަވަޅު އެޅުމަށާއި، ބަލީގެ އަލާމާތެއް ފެނިއްޖެނަމަ ލަސްނުކޮށް ޞިއްޙީ ފަރުވާ ހޯދުމަށްވެސް ވަނީ އިލްތިމާސްކޮށްފައެވެ. ސްކޫލް މާޙައުލަކީ މަދިރިން ސަލާމަތްވެފައިވާ ތަނަކަށް ހެދުމަށާއި، ދަރިވަރުން ހޭލުންތެރިކުރުވުމަށްވެސް އެޗް.ޕީ.އޭ އިން ވަނީ ބާރުއަޅާފައެވެ.

ރިސޯޓުތަކާއި، ކޮންސްޓްރަކްޝަން ސައިޓުތައް އަދި ސިނާޢީ ރަށްރަށުގައި މަދިރި އާލާވާ ތަންތަން ނައްތާލައި، ސާފުތާހިރުކަން ދެމެހެއްޓުމަށްވެސް އެޗްޕީއޭއިން އިލްތިމާސްކޮށްފައިވެއެވެ. 

އެޗް.ޕީ.އޭ އިން އިތުރަށް ބުނެފައިވަނީ، ޑެންގީ ކޮންޓްރޯލް ކުރުމަށް ކަމާގުޅުންހުރި އެންމެހާ އިދާރާތަކާ ގުޅިގެން މަސައްކަތް ކުރަމުންދާ ކަމަށެވެ. ބަލިން ރައްކާތެރިވުމަށްޓަކައި އެންމެ މުހިންމު ކަމަކީ މަދިރި އުފެދޭ ތަންތަން ނައްތާލުމާއި، މަދިރިން ރައްކާތެރިވުން ކަމަށްވާތީ، އަދި ބަލި ޖެހިއްޖެ ހާލަތެއްގައި ޞިއްޙީ އެހީތެރިންގެ އިރުޝާދާ އެއްގޮތަށް އަވަހަށް ފަރުވާ ހޯދުމަށް އެ އެޖެންސީން ވަނީ ހަނދާންކޮށްދީފައެވެ.

ކިޔުންތެރިންގެ ހިޔާލު