ENGLISH

17 އޭޕްރީލު 2026

Advertisement

ގާދޫގައި ބަންކަރިންގެ ޚިދުމަތްދިނުމަށް ޝައުގުވެރިވާ ފަރާތްތަކާއެކު މަޝްވަރާ ކުރަނީ

15 އޭޕްރީލު 2026

|

އާމިނަތު ނުޒްލާ

މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް، ޓްރާންސްޕޯޓް އެންޑް ޓްރޭޑް މުޙައްމަދު ސަޢީދު. --ފޮޓޯ: ރައީސް އޮފީސް

ލ. ގާދޫގައި ބަންކަރިންގެ ޚިދުމަތް ދިނުމަށް ޝައުގުވެރިކަން ފާޅުކުރި ފަރާތްތަކާއެކު މަޝްވަރާކުރުމުގެ މަސައްކަތްތައް މިހާރު ކުރަމުން އަންނަ ކަމަށް މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް، ޓްރާންސްޕޯޓް އެންޑް ޓްރޭޑް، މުޙައްމަދު ސަޢީދު ވިދާޅުވެއްޖެ އެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ވިދާޅުވީ، ގާދޫގައި ބަނދަރަކާއި ބަންކަރިންގެ ޚިދުމަތް ދިނުމަކީ ރައީސުލްޖުމްހޫރިއްޔާގެ ވައުދުފުޅެއް ކަމަށެވެ.

"ގާދޫ ސަރަހައްދުގައި ބަނދަރަކާއި ބަންކަރިން ޚިދުމަތް ޤާއިމްކުރުމަށް ޝައުގުވެރިވި ފަރާތްތަކާއެކު މަޝްވަރާކުރުމުގެ މަސައްކަތްތައް މިހާރު މިދަނީ ކުރަމުން" - މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް، ޓްރާންސްޕޯޓް އެންޑް ޓްރޭޑް މުޙައްމަދު ސަޢީދު

ވަޒީރު ވިދާޅުވީ، ސަރުކާރުގެ އަމާޒަކީ މި މަޝްރޫއު ކުރިއަށް ގެންދިއުމަށް ބޭނުންވާ ހުރިހާ ލުއިފަސޭހަތަކެއް ފޯރުކޮށްދިނުން ކަމަށެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ވަޒީރު އިތުރަށް ފާހަގަކުރެއްވީ، ރާއްޖޭގެެ އެހެން ސަރަހައްދީ ބަނދަރުތައް ތަރައްޤީކުރުމުގެ މަސައްކަތް ވެސް ސަރުކާރުން ކުރަމުން އަންނަ ކަމަށެވެ. އެގޮތުން ކުޅުދުއްފުށީ ބަނދަރު ފުންކުރުމާއި، ބަނދަރުގެ ޖާގަ ބޮޑުކުރުމަށް ބިން ހޯދުމުގެ މަސައްކަތް ފަށާފައިވާކަން ފާހަގަކުރެއްވި އެވެ. މީގެ އިތުރުން އައްޑޫ ސިޓީ ހިތަދޫ ވިޔަފާރި ބަނދަރުގެ ޖާގަ ބޮޑުކުރުމާއި، އެ ސިޓީއަށް ސީދާ ކޮންޓޭނަރު ގެންދެވޭނެ އިންތިޒާމުތައް ހަމަޖެއްސުމުގެ މަސައްކަތް ކުރަމުން އަންނަކަން ވަޒީރު ފާހަގަކުރެއްވި އެވެ. 

‏ސަރުކާރާއި ރައްޔިތުން ހިއްސާވާ ވިޔަފާރި ކުންފުނި، ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ) އިން ފާއިތުވި ސެޕްޓެމްބަރު މަހު ފެށި ބަންކަރިން ޚިދުމަތުން ހޯދަމުންދާ ކާމިޔާބަކީ މި ޞިނާއަތުގެ މުސްތަޤްބަލަށް ކުރެވޭ ވަރަށް ބޮޑު އުއްމީދެއް ކަމަށް، ވަޒީރު ސައީދު ކުރިން ވިދާޅުވެފައިވެ އެވެ.

ބަންކަރިންގެ ހިދުމަތް ރާއްޖޭގައި ފެށީ ބައިނަލްއަގްވާމީ ގޮތުން މި ޚިދުމަތް ދިނުމުގެ ތަޖުރިބާ ލިބިފައިވާ ވިޓޯލް ކުންފުންޏާއެކު އެވެ. ސަރުކާރުގެ އަމާޒަކީ މި ޚިދުމަތުން ލިބޭ އާމްދަނީ އިތުރުކޮށް މިހާރަށް ވުރެ ފުޅާކޮށް މި ޚިދުމަތް ދިނުމެވެ.

ކިޔުންތެރިންގެ ހިޔާލު