ENGLISH

21 އޭޕްރީލު 2026

Advertisement

ހަފްތާއެއްތެރޭ މާލެ ސަރަހައްދުން މަގުމަތީ އެކްސިޑެންޓުގެ 50 މައްސަލަ ފުލުހުންނަށް ރިޕޯޓްކޮށްފި

21 އޭޕްރީލު 2026

|

ފާތުމަތު އަދާ

ފުލުހުން މަގުމަތީ ހަރަކާތްތެރި ވަނީ. ފޮޓޯ: ފުލުހުންގެ އިދާރާ

މާލެ ސަރަހައްދުގައި މިދިޔަ ހަފްތާގައި 50 އެކްސިޑެންޓެއް ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށް ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ. 

މާލެ ސަރަޙައްދުގެ ތަފާސްހިސާބުތައް ފުލުހުން ގަވާއިދުން ހާމަކުރަމުންދާއިރު، އެންމެ ބޮޑަށް ފާހަގަކުރެވެނީ ކޮންމެ ދުވަހަކުވެސް އެކްސިޑެންޓުގެ ގިނަ މައްސަލަތަކެއް ރިޕޯޓްވާކަމެވެ. 

ފުލުހުންގެ އިދާރާއިން ވަނީ މި މަހުގެ 12 އިން 18 ދުވަހާ ހަމައަށް މާލެ ސަރަހައްދުގައި ރިޕޯޓުކޮށްފައިވާ އެކްސިޑެންޓުތަކުގެ ތަފާސް ހިސާބުތައް ސޯޝަލް މީޑިއާގައި އާންމުކޮށްފައެވެ. މިގޮތުން ބުރިޖު އަދި ހައިވޭގައި ހިނގާފައިވަނީ ޖުމްލަ 50 އެކްސިޑެންޓެވެ. މީގެ ތެރެއިން އެންމެ ގިނަ އެކްސިޑެންޓް ހިނގާފައިވަނީ މާލެގައެވެ. އެއީ ޖުމްލަ 36 އެކްސިޑެންޓެވެ.

ފުލުހުންގެ ތަފާސްހިސާބުތްކުން ދައްކާގޮތުގައި އެންމެ ގިނަ އެކްސިޑެންޓް ހިނގާފައިވަނީ އެޕްރީލް 14 ވަނަ ދުވަހުއެވެ. އެދުވަހު އެކަނިވެސް 12 އެކްސިޑެންޓު ހިނގާފައިވެއެވެ. 

ފުލުހުން ބުނީ އެންމެ ގިނަ އެކްސިޑެންޓު ހިނގާފައިވަނީ ސައިކަލު ޖެހިގެން ކަމަށެވެ. އޭގެތެރޭގައި ސައިކަލާއި ސައިކަލު ޖެހިގެން ހިނގީ 19 އެކްސިޑެންޓެވެ. އަދި ސައިކަލާއި ކާރު ޖެހިގެން ހިނގާފައިވަނީ 13 އެކްސިޑެންޓެވެ.

ވޭތުވެދިޔަ ހަފްތާގައި ހިނގި އެކްސިޑެންޓުތަކުގެ ތެރެއިން 49 މީހަކަށް ކުދި އަނިޔާތައް ލިބިފައިވާއިރު އެކަކަށް ސީރިއަސް އަނިޔާތައް ލިބިފައިވާކަމަށް ފުލުހުން ބުނެފައިވެއެވެ. 

މާލެ ސަރަޙައްދުގައި އެކްސިޑެންޓްތައް އިތުރުވުމުގެ ސަބަބުން އާންމުންނަށާއި އުޅަނދުތަކަށް ބޮޑެތި ގެއްލުންތަކެއް ދަނީ ލިބެމުންނެވެ. މިކަން ހައްލުކުރުމަށްޓަކައި ފުލުހުން އަންނަނީ ހޭލުންތެރިކުރުވުމުގެ ތަފާތު ޕްރޮގްރާމްތަކާއި، އުޅަނދުތައް ބަލައި ފާސްކުރުމުގެ ޚާއްޞަ އޮޕަރޭޝަންތައް ހިންގަމުންނެވެ.

މަގުމަތީގެ އަމާންކަން ދެމެހެއްޓުމަށްޓަކައި، ހުރިހާ ދަތުރުވެރިންވެސް ޓްރެފިކް ގަވާއިދުތަކަށް ފުރިހަމައަށް ބޯލެނބުމަށް ފުލުހުން އިލްތިމާސްކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު