ENGLISH

21 އޭޕްރީލު 2026

Advertisement

ބެންކުގެ އުސޫލާއި ޚިލާފަށް 30 އިންސައްތަ ފީއެއް ނަގާކަމަށް ބުނެ ފަތުރަނީ ދޮގެއް

21 އޭޕްރީލު 2026

|

އަޙުމަދު ޙަމީދު

ބީއެމްއެލް --

ބޭންކް އޮފް މޯލްޑިވްސް އިން އާންމުކޮށްފައިވާ ގޮތާ ޚިލާފަށް ކާޑުން ކުރާ މުއާމަލާތްތަކުން %30 ގެ ފީ އެއް ނަގަމުންދާ ކަމަށް ބުނެ ކާކު ކަން ނޭގޭ މީހަކު ސޯޝަލްމީޑިއާގައި ހާމަކޮށްފައިވަނީ އެއްވެސް އަސާސެއް ނެތް، ކަނޑައެޅިގެން ދޮގު މައުލޫމާތު ހިމެނޭ ވާހަކަތަކެއް ކަމަށް ޤައުމީ ބެންކުން ބުނެފި އެވެ.

އެ ބެންކުގެ ސްޕޯކްސްޕާސަން މުޙައްމަދު ސަޢީދު ވިދާޅުވީ ބޭންކް އޮފް މޯލްޑިވްސްގެ ރަސްމީކޮށް މީގެ ކުރިން ހާމަކޮށްފައިވާ ގޮތަށް، 1 ޖުލައި 2025 އިން ފެށިގެން، ވަކި އީ-ކޮމާސް ސައިޓްތަކަކުން (ޓީމޫ، ޝީއިން، އަލީބާބާ، އަލީއެކްސްޕްރެސް، ލަޒާޑާ އަދި އީބޭ) ފިޔަވައި އެއްވެސް އިތުރު ސައިޓަކުން ދިވެހި ރުފިޔާ ޑެބިޓް ކާޑުން ކުރާ މުޢާމަލާތްތަކުން %30 އާ ހަމައަށް ފީއެއް ނުނަގާ ކަމަށެވެ. އެހެންކަމުން ސިއްހީ ހިދުމަތާއި، ތަޢުލީމާއި އަދި ދަތުރުފަތުރުގެ ދާއިރާގެ އިތުރު އެތައް ސަތޭކަ މާރޗަންޓުންނަކަށް މިފަދަ ފީއެއް ސިއްރިއްޔާތުގައި އިތުރުކޮށްފައިވާ ކަމަށް ބުނެ ދެކެވޭ ވާހަކައަކީ އެއްވެސް އަސާސެއް ނެތް ދޮގު ވާހަކައެއް ކަމަށް ވިދާޅުވި އެވެ.

ބޭންކުގެ "ޝެޑިއުލް އޮފް ޗަރޖަސް" ގައިވާ ގޮތުން، ރާއްޖޭން ބޭރުގެ މުޢާމަލާތްތަކަށް ދިވެހި ރުފިޔާ އެކައުންޓަށް ދޫކޮށްފައިވާ ޑެބިޓް ކާޑު ބޭނުންކުރުމުން %30 އާ ހަމައަށް ބޭންކަށް ފީއެއް ނެގިދާނެ ކަމަށާ މި ގޮތަށް ކްރޮސްބޯޑަރ ފީއެއް ނެގުމަކީ ދުނިޔޭގެ ބެންކުތަކުން އަމަލުކުރަމުންދާ އުސޫލެއް ކަމަށް ސަޢީދު ވިދާޅުވި އެވެ. މިއީ ވަކި ލިސްޓެއް ނުވަތަ ވަކި ބަޔަކަށް ދީފައިވާ ލުޔެއް، ނުވަތަ މަތީ ރޭޓެއް ދިނުމަށް އަމާޒުކޮށްގެން ނިންމާފައިވާ ނިންމުމެއްވެސް ނޫން ކަމުގައި ވިދާޅުވި އެވެ.

ދިވެހިރާއްޖޭގެ ހުރިހާ ފަންތިއަކާއި ގިންތިއެއްގެ އާންމު ފަރުދުންނާއި ވިޔަފާރިތައް ބޭންކަށް ބަރޯސާވެފައިވާ މިންވަރަށް ބަލާއިރު، މިގޮތަށް ފަތުރާ އެއްވެސް އަސާސެއް ނެތް ދޮގު ވާހަކަތަކަކީ މި ބޭންކުގެ އިތުބާރު ގެއްލޭ ގޮތަށް، ހިޔާލުފާޅުކުރުމުގެ މިނިވަން ނަހަމަ ގޮތުގައި ބޭނުންކޮށް، ގައުމުގެ އިގްތިސާދީ ހަމަޖެހުން ނަގާލައި، މާލީ ރައްކާތެރިކަމާއި ހަމަޖެހުމަށް ސީދާ ނުރައްކަލާ ކުރިމަތިކުރުވަން ފަތުރާ ވާހަކަތަކެއް ކަމަށް ވެސް ބެންކުން ބުނެފައިވެ އެވެ.

މިފަދަ ދޮގު މަޢުލޫމާތުތަކަށް ސަމާލުކަން ނުދިނުމަށާއި، ހަމައެކަނި ބޭންކް އޮފް މޯލްޑިވްސްގެ ރަސްމީ ވަސީލަތްތަކުން ހާމަ ކުރާ މައުލޫމާތުތަކަށް ރިއާޔަތްކުރުމަށް ބޭންކުގެ އެންމެހާ ކަސްޓަމަރުންނަށް ވެސް އެ ބެންކުން ވަނީ އިލްތިމާސް ކޮށްފަ އެވެ.

ކިޔުންތެރިންގެ ހިޔާލު