ENGLISH
15 އޭޕްރީލު 2026
ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަނުގައި ވާދަކުރައްވާނެކަން ސިނާން އިއުލާނުކުރައްވައިފި
15 އޭޕްރީލު 2026
|
ސިނާން . އޭނާގެ ގޮނޑި ގެއްލުނުކަމަށް ވަނީ ކަނޑައަޅާފައި
އެންމެ މަޤްބޫލު
ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަނުގައި ވާދަކުރައްވާނެކަން އެ ދާއިރާ ކުރިން ތަމްސީލު ކުރެއްވި މެމްބަރު މުޙައްމަދު ސިނާން އިއުލާނުކުރައްވައިފި އެވެ.
ސިނާނުގެ ގޮނޑި ގެއްލުުނު ކަމަށް ސްޕްރީމް ކޯޓުން ކަނޑައެޅީ މިދިޔަ އާދިއްތަ ދުވަހު އެވެ.
ސިނާންގެ ގޮނޑި ގެއްލުނު ކަމަށް ކަނޑައަޅަން ޣާލިބް ސަލީމް ކިޔާ މީހަކު ސުޕްރީމް ކޯޓަށް މައްސަލަ ހުށަހެޅީ ސިނާނާއި އިތުރު މީހަކު ބައިވެރިވެގެން މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން ނެގި ލޯނަކަށް 3.8 މިލިއަން ރުފިޔާ ދައްކަން މިދިިޔަ އަހަރުގެ އޮކްޓޫބަރު މަހު ސ. ހިތަދޫ ކޯޓުން ކުރި ހުކުމާ އެއްގޮތަށް އޭނާ ފައިސާ ނުދައްކާ ކަމަށް ބުނެ އެވެ.
މި މައްސަލަ ރައްދުވާ ދެ މީހުންނަކީ ސިނާނުގެ އިތުރުން ސ. ހިތަދޫ، ވާދޫގެ، އަހުމަދު ވަހީދާއި އެ ރަށު، ވިހަލަގޮޑިމާގެ، މުހައްމަދު ސަލީމުގެ މައްޗަށެވެ.
މި ތިން މީހުންނާ ދެކޮޅަށް ހިތަދޫ މެޖިސްޓްރޭޓް ކޯޓުގައި އެމްއައިބީން ކުރި ދައުވާ ނިމުނީ އެމްއައިބީ ކޮޅަށެވެ.
ކޯޓުން ވަނީ ނުދެއްކި ހުރި ލޯނު ދެއްކުމާއި ޖޫރިމަނާގެ ފައިސާ ހަ މަސް ދުވަހުގެ ތެރޭގައި އެމްއައިބީއަށް ދެއްކުމަށް ހުކުމް ކޮށްފަ އެވެ.
ގާލިބް ސަލީމް ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލާގައި އެދިފައިވަނީ ހުކުމާއި އެއްގޮތަށް ދަރަނި ނުދައްކާތީ މަޖިލިސް މެމްބަރުކަމުގެ ޝަރުތެއް އުނިވެފައިވާކަމަށް ކަނޑައަޅާ ގޮނޑި ގެއްލިއްޖެކަމަށް ކަނޑައަޅާ ދިނުމަށެވެ.
ސިނާނުގެ ގޮނޑި ގެއްލިފައިވާތީ ކޮންގްރެސް ޕާޓީގެ ޓިކެޓުގައި ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ބައި އިލެކްޝަން ގައި ވާދަކުރުމަށް ޝައުޤުވެރިވާ ފަރާތްތަކަށް އެ ފުރުޞަތު އެ ޕާޓީން ހުޅުވާލާފައިވާއިރު ސިނާން ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި އަލުން އެ ގޮނޑިއަށް ވާދަކުރައްވާނެކަން ވަނީ ހާމަކުރައްވާފަ އެވެ.
ހިތަދޫ އުތުރު ދާއިރާގެ ބައި އިލެކްޝަންގައި ކޮންގްރެސް ޕާޓީގެ ޕްރައިމަރީ ބޭއްވުމަށް ހަމަޖެހިފައިވަނީ، 25 އޭޕްރިލް ވާ ހޮނިހިރު ދުވަހުގެ ހެނދުނު 09:00 އިން ހަވީރު 04:00 އަށެވެ.
ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން ބާއްވަން އިލެކްޝަން ކޮމިޝަނުން ކަނޑަައަޅާފައިވާ ތާރީހަކީ ޖޫން ހައެކެވެ.