ENGLISH
15 އޭޕްރީލު 2026
ސުނާމީ ބިނާ ސަރަޙައްދު މަރަމާތުކުރުމުގެ އަމަލީ މަސައްކަތް ނިމިއްޖެ
15 އޭޕްރީލު 2026
|
ސުނާމީ ބިނާ ސަރަހައްދުގެ އަމަލީ މަސައްކަތް ނިމިފައި-- ފޮޓޯ: އެމްޓީސީސީ
އެންމެ މަޤްބޫލު
ސުނާމީ ބިނާ ހުރި ސަރަޙައްދު ހިތްފަސޭހަ މައިދާނަކަށް ހެދުމުގެ އަމަލީ މަސައްކަތް ނިމިފައިވާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފި އެވެ.
ސުނާމީ ބިނާ ހުރި ސަރަޙައްދުގެ ހުޅަނގު ފަރާތުގައި ޖަހާފައިވާ ޝީޓްފައިލްތައް ހަލާކުވެ، ވެލިގަނޑު ދަމައިގަންނަމުންދާތީ އެ ސަރަޙައްދުގެ ޝީޓް ޕައިލްތައް އާކޮށް، ކީވޯލް މަރާމާތު ކުރުމުގެ މަސައްކަތާއި، އެ ސަރަޙައްދަކީ ހިތްފަސޭހަ މައިދާނަކަށް ހެދުމުގެ މަސައްކަތް ފަށާފައިވަނީ މިއަހަރު ފެބްރުއަރީ މަހުގެ 26 ވަނަ ދުވަހު އެވެ.
ސުނާމީ ބިނާ ސަރަހައްދުގެ އަމަލީ މަސައްކަތް ނިމިފައި-- ފޮޓޯ: އެމްޓީސީސީ
ދެހާސް ހަތަރު ވަނަ އަހަރުގެ ސުނާމީ ކާރިސާގެ ހަނދާނުގައި ބިނާކުރި މި ބިނާ އެންމެ ފުރަތަމަ ހުރީ ލޮނުޒިޔާރަތްކޮޅުގަ އެވެ. ނަމަވެސް ސިނަމާލެ ބްރިޖްގެ މަސައްކަތް ފެށުމާ ގުޅިގެން، މިހާރު އެހުރި ސަރަހައްދަށް ބިނާ ބަދަލުކުރީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ހައުސިން މިނިސްޓަރުގެ މަގާމުގައި ހުންނެވި ދުވަސްވަރުގަ އެވެ.
އެ ދުވަސްވަރު "ސުނާމީ ބިނާ މައިޒާން" ގެ ނަމުގައި އެ ސަރަހައްދު ވަރަށް ފުރިހަމައަށް ތަރައްގީކޮށް ހުޅުވި ނަމަވެސް، ފާއިތުވި އަހަރުތަކުގައި މަރާމާތު ނުކުރެވި އޮތުމުގެ ސަބަބުން އެ ތަން ވަނީ ވަރަށް ބޮޑަށް ވީރާނާވެފަ އެވެ. ވަކިން ހާއްސަކޮށް ތޮށިގަނޑާވީ ދިމާލުން ވޯކްވޭތައް ހަލާކުވެ، ބިނާގައި ދަބަރު ޖަހައި، މުޅި ސަރަހައްދުގެ ރީތިކަން ވަނީ ގެއްލިފަ އެވެ.
ސުނާމީ ބިނާ ސަރަހައްދުގެ އަމަލީ މަސައްކަތް ނިމިފައި-- ފޮޓޯ: އެމްޓީސީސީ
މި ސަރަހައްދު އަލުން މަރާމާތުކޮށް ތަރައްގީކުރުމަށް އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 28 ވަނަ ދުވަހު އެވެ. މިއީ މާލޭގައި ހުރި ޕާކުތަކާއި މައިދާންތަކަކީ ރައްޔިތުންނަށް ބޭނުންތެރި، ހިތްފަސޭހަ ތަންތަނަށް ހެދުމަށް ސަރުކާރުން ގެންގުޅޭ ތަސައްވުރުގެ ދަށުން ކުރިއަށްގެންދާ މުހިންމު މަޝްރޫއެކެވެ.