ENGLISH
13 އޭޕްރީލު 2026
ސަރފިންގ ސްޓޭޑިއަމްގެ މަސައްކަތްތައް ނުފެށި ލަސްވީ ކުރެހުމަށް ބަދަލު ގެންނަން ޖެހުމުން: ވަޒީރު ރާފިޢު
13 އޭޕްރީލު 2026
|
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވަޒީރު ރާފިޢު ވާހަކަފުޅު ދައްކަވަނީ. --ފޮޓޯ: ރައީސް އޮފީސް
އެންމެ މަޤްބޫލު
މާލޭގެ ވަރުނުލާ ރާޅުގަނޑު ސަރަޙައްދުގައި ތަރައްޤީކުރަމުންދާ ބައިނަލްއަގުވާމީ ފެންވަރުގެ ސަރފިންގ ސްޓޭޑިއަމްގެ މަސައްކަތްތައް ނުފެށި ލަސްވީ އެ ތަނުގެ ބޮޑުމިނާއި، ސްޓްރަކްޗަރ ކޮންކްރީޓަށް ބަދަލުކޮށް، ކުރެހުމަށް ބަދަލު ގެންނަން ޖެހުމުން ކަމަށް ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ވަޒީރު ވިދާޅުވީ، މޯލްޑިވްސް ބޮޑީބޯޑިންގ އެސޯސިއޭޝަނާއި ސާރފިންގ އެސޯސިއޭޝަނާ މަޝްވަރާކުރުމަށްފަހު ސަރފިންގ ސްޓޭޑިއަމްގެ މަސައްކަތް ކުރުމަށް އެންމެ ފުރަތަމަ ނިންމީ ޕްރީފެބް ސްޓްރަކްޗަރެއް ބޭނުންކޮށްގެން ކަމަށެވެ.
އެހެންނަމަވެސް، ބިންގަނޑު ސާފުކުރުމަށްފަހު ދެން ކުރަން ހުރި ހުރިހާ ކަމެއް ނިންމުމަށްފަހު ފަހުން އެސޯސިއޭޝަންތަކާ ވާހަކަދެއްކުމަށްފަހު 50 ފޫޓު އިތުރުކުރުމަށްފަހު ކޮންސެޕްޓަށް ބަދަލުގެނެސް ކޮންކްރީޓް ސްޓްރަކްޗަރަކަށް ދާން ނިންމީ ކަމަށް ވަޒީރު ވިދާޅުވިއެވެ.
"ސަބަބަކީ، އެއީ ދެން އެންމެންނަށް ވެސް ފާހަގަކުރެވުނީ މެއިންޓަނަންސް ކޮސްޓް ވަރަށް ހައިވާނެކަން. އެއީ އެތަނުގައި މެޓަލް ސްޓްރަކްޗަރއެއް ނޫނިއްޔާ މި ކަހަލަ ކަމެއް އޮތިއްޔާ. ސީ ސްޕްރޭ ވަރަށް ހައި ވާނެ އެތާނގަ،" ވަޒީރު ވިދާޅުވިއެވެ.
ރާފިޢު ވިދާޅުވީ، ކޮންކްރީޓް ސްޓްރަކްޗަރއަކަށް ދިއުމަކީ އެންމެ ރަނގަޅު ގޮތް ކަމަށް ޓެކްނިކަލް ބޭފުޅުން ވެސް ލަފާ ދެއްވާފައިވާ ކަމަށެވެ.
މިހާރު ގާތްގަނޑަކަށް ކުރެހުން އެއްކޮށް ނިމި، މި މަސްތެރޭގައި މަސައްކަތް ފެށޭ ގޮތަށް ހަމަޖެހިފައިވާ ކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ.
"މިހާރު އެތަން ކުރީގައި ޑިޒައިންކުރި ވަރަށް ވުރެ ބޮޑުކޮށްފަ، އަދި ކޮންކްރީޓް ސްޓްރަކްޗަރއަކަށް ބަދަލުވެގެންދިއުމަށްޓަކައި އެ ކުރަންޖެހޭ މަސައްކަތްތައް ކުރުމަށްޓަކައި ތަންކޮޅެއް އަޅުގަނޑުމެންނަށް ލަސްވީ،" - ވަޒީރު ޢަބްދުﷲ ރާފިޢު
ސަރފިންގ ސްޓޭޑިއަމް ތަރައްޤީކުރުމުގެ މަޝްރޫޢުގެ މަސައްކަތް ކުރުމަށް މިހާރު ކޮންޓްރެކްޓަރާ ހަވާލުކުރެވިފައިވާއިރު، ނިންމަން އޮތް ޓައިމްލައިނަށް ބަދަލެއް ނާންނަކަން ވެސް ވަޒީރު ފާހަގަކުރެއްވިއެވެ.
މި މަސްތެރޭގައި މަސައްކަތްތައް ފެށިގެން ކުރިއަށްދާނެ ކަމަށް އުއްމީދުކުރާ ކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ.
ވަޒީރުގެ ވާހަކަފުޅު ނިންމާލަވަމުން ވިދާޅުވީ، ސަރފިންގ ސްޓޭޑިއަމްގެ މަޝްރޫޢުގަ ހަމައެކަނި ބަދަލުއައީ ކޮންކްރީޓް ސްޓްރަކްޗަރއަކަށް ބަދަލުކުރަން ޖެހުން ކަމަށެވެ. ކުރިން އޮތް ގޮތަށް ޕްރީފެބް ސްޓްރަކްޗަރއެއް އެތަނަށް އަތުވެއްޖެނަމަ އިމާރާތުގެ އުމުރުކުރުވުމާއި، މެއިންޓަނަންސް ކޮސްޓް ބޮޑުވާނެތީވެ ކުރީން އޮތް ގޮތަށް ބަދަލު ގެންނަން ޖެހުނީ ކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ.
ބައިނަލްއަޤުވާމީ ފެންވަރުގެ މި ސްޓޭޑިއަމް ތަރައްޤީކުރަމުންދަނީ، ކުޅިބަލާ ސަރަޙައްދަކާއި، ރޮސްޓްރަމް، މީޑިއާ ސަރަޙައްދު، ކޮމެންޓްރީ ބޮކްސް، ކެމެރާ ޑެކް، އޮބްޒަރވޭޝަން ކޯނަރ، ޖިމް، ޓެރަސް، މަލްޓިޕަރޕަސް ހޯލް އަދި ކޮންފަރަންސް ރޫމާއި ޓެރަސް އަދި އެނޫންވެސް ޒަމާނީ ވަސީލަތްތައް ހިމެނޭގޮތަށެވެ. މި މަސައްކަތް ފުރިހަމަކުރެވުމުން، ރާއްޖޭގައި ބާއްވާ ރާޅާއެޅުމުގެ ބައިނަލްއަޤުވާމީ ފެންވަރުގެ މުބާރާތްތަކަށް ބޭނުންވާ ވަސީލަތްތައް ޤާއިމުވެ، މޫދު ކުޅިވަރުގެ ދާއިރާއިން އިތުރު ކުރިއެރުން ހޯދުމަށް މަގުފަހިވެގެންދާނެއެވެ.