ENGLISH

13 އޭޕްރީލު 2026

Advertisement

މެނޭޖްމަންޓް ކޯޕަރޭޝަންތައް އެކުލަވާލުމުގެ މަސައްކަތް އެޗްޑީސީން ފަށައިފި

13 އޭޕްރީލު 2026

|

އަޙުމަދު ޙަމީދު

ވިނަރެސް ޓަވަރުތަކެއް --

އެއްމެދު އިމާރާތުގެ ގާނޫނުގެ ދަށުން އެކުލަވާލާފައިވާ "އެއްމެދު އިމާރާތުގެ މެނޭޖްމަންޓް ހިންގުމުގެ ގަވާއިދު" ގައި ބަޔަންކޮށްފައިވާ ގޮތުގެ މަތިން، އެއްމެދު އިމާރާތްތައް ހިންގައި ބެލެހެއްޓުމަށްޓަކައި މެނޭޖްމަންޓް ކޯޕަރޭޝަންތައް އެކުލަވާލުމުގެ މަސައްކަތް އެޗްޑީސީން ފަށައިފި އެވެ.

އެގޮތުން، ހުޅުމާލޭގައި އިމާރާތްކޮށްފައިވާ އެކިއެކި އެއްމެދު އިމާރާތްތައް (ސްޓްރާތައް) ބެހިފައިވާ ގޮތުގެ މަތިން، ވިނަރެސް ފްލެޓުތައް ހިމެނޭ ސްޓްރާޓާ އެކެއް، ދޭއް އަދި ތިނެއްގެ ފުރަތަމަ އަހަރީ އާންމު ޖަލްސާތައް މި މަހުގެ 26، 27 އަދި 28 ގައި ބޭއްވުމަށް ވަނީ ނިންމާފަ އެވެ. 

މި އަހަރީ އާންމު ޖަލްސާތަކުގެ ބޭނުމަކީ، ވިނަރެސްގެ އެއްމެދު އިމާރާތްތަކުގެ ކަންކަން ބެލެހެއްޓުން ފަސޭހަ ކުރުމަށްޓަކައި، މެނޭޖްމަންޓް ކޯޕަރޭޝަންތައްއެކުލަވާލައި އެ ކޯޕަރޭޝަންތައް ހިންގާނެ ކައުންސިލެއް އިންތިހާބުކުރުން ކަމަށް އެޗްޑީސީން ބުނެ އެވެ. އަހަރީ އާންމު ޖަލްސާގައި އިންތިހާބުކުރެވޭ މެނޭޖްމަންޓް ކޯޕަރޭޝަންގެ ކައުންސިލާ، އެ ސްޓްރާޓާއެއްގައި ހިމެނޭ އިމާރާތްތައް ބެލެހެއްޓުމުގެ ޒިންމާތައް ހަވާލުކުރެވޭނެ އެވެ.

ކޮންމެ ސްޓްރާޓާއެއް ވަކިން އިންތިހާބުކުރާ މި ކައުންސިލްގައި ހިމެނޭނީ ކައުންސިލްގެ ރައީސް، ހަޒާންދާރު، ސެކްރެޓަރީ އަދި އެއް އާންމު މެންބަރެވެ. 

އެގޮތުން ބާއްވާ ފުރަތަމަ އަހަރީ އާންމު ޖަލްސާގައި އެ އިމާރާތުގައި ހިމެނޭ ޔުނިޓުތަކުގެ ވެރިންގެ އިތުރުން، އެޗްޑީސީ އަދި ހައުސިންގ މިނިސްޓްރީގެ ބޭފުޅުން ބައިވެރިވާނެ އެވެ. ފުރަތަމަ އަހަރީ ޖަލްސާއަށް ފަހު، ކޮންމެ އަހަރަކު އެއްފަހަރު ޖަލްސާ ބޭއްވުމަށް ގާނޫނުން ލާޒިމް ކުރެއެވެ. އަދި އެ ސްޓްރާޓާއެއްގެ މެނޭޖްމަންޓް ކޯޕަރޭޝަން ކައުންސިލް އިންތިހާބުވުމަށްފަހު ޖެހިގެން އަންނަ އަހަރުތަކުގައި އަހަރީ އާންމު ޖަލްސާ ބޭއްވުމަކީ އިންތިހާބުވާ ކައުންސިލްގެ ޒިންމާއެކެވެ. 

ވިނަރެސްގައި ހިމެނޭ ޓަވަރުތައް ބެހިފައިވަނީ ތިން ސްޓްރާޓާކަށެވެ. އެއީ: 

* ސްޓްރާޓާ 1 (ވިނަރެސް ޓަވަރު 1 އިން 4): 564 ރެސިޑެންޝަލް ޔުނިޓް

​* ސްޓްރާޓާ 2 (ވިނަރެސް ޓަވަރު 5 އިން 8): 492 ރެސިޑެންޝަލް ޔުނިޓް

​* ސްޓްރާޓާ 3 (ވިނަރެސް ޓަވަރު 9 އަދި 10): 288 ރެސިޑެންޝަލް ޔުނިޓް

ވިނަރެސް ފްލެޓުތަކުގެ މެނޭޖްމަންޓް ކޯޕަރޭޝަންތައް އެކުލަވާލައި ނިމުމާއެކު، ހުޅުމާލޭގެ އިތުރު ސްޓްރާޓާ (އެއްމެދު އިމާރާތްތަ) ކުގެ މެނޭޖްމަންޓު ކޯޕަރޭޝަންތައް އެކުލަވާލުމުގެ މަސައްކަތް ވެސް އެ ކޯޕަރޭޝަނުން ކުރިއަށް ގެންދާނެ ކަމަށް ބުންޏެވެ. މިއީ، އެއްމެދު އިމާރާތްތަކުގެ އާންމު ހިދުމަތްތައް މެދުނުކެނޑި ފޯރުކޮށްދިނުމަށާއި، ދިގުމުއްދަތަކަށް އިމާރާތްތައް ބެލެހެއްޓުން ފަސޭހަކުރުމަށްޓަކައި އެކުލަވާލެވޭ މުހިންމު ކައުންސިލްތަކެކެވެ.

ކިޔުންތެރިންގެ ހިޔާލު