ENGLISH

18 އޭޕްރީލު 2026

Advertisement

އެފްއޭ ކަޕް: ޗެމްޕިއަން މާޒިޔާ ކަޓުވާލައި، ބުރު ސެމީ އަށް

12 އޭޕްރީލު 2026

|

މުޙައްމަދު އަދުހަމް

މެޗަށްފަހު ބުރު ސްޕޯޓްސް ކްލަބުގެ ކުޅުންތެރިން އުފާ ފާޅުކުރަނީ. ފޮޓޯ: އެފްއޭއެމް

މިހާރު ކުރިއަށްދާ އެފްއޭ ކަޕްގެ ކުއާޓާ ފައިނަލުގައި ރޭ ކުޅުނު މެޗުގައި ޕެނަލްޓީ ޖަހައިގެން އެންމެ ފަހުގެ ޗެމްޕިއަން، މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން 6-5 އިން ބަލިކޮށް، ބުރު ސްޕޯޓްސް ކްލަބުން އެ މުބާރާތުގެ ސެމީ ފައިނަލުގެ ފަހު ޖާގަ ހޯދައިފިއެވެ.

މިއީ މި ފަހަރުގެ ސީޒަނުގައި ޕެނަލްޓީ ޖަހައިގެން މާޒިޔާ އަށް ނާކާމިޔާބީއާ ކުރިމަތިލާން ޖެހުނު ދެވަނަ ފަހަރެވެ. މީގެކުރީން، އެންމެ ފަހުގެ ޕްރެޒިޑެންޓްސް ކަޕްގެ ފައިނަލުގައި އޮޑި ސްޕޯޓްސް ކްލަބު އަތުން ޕެނަލްޓީ ޖަހައިގެން ވަނީ ބަލިވެފައެވެ.

ގަލޮޅު ރަސްމީ ދަނޑުގައި ރޭ ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި ދެ ޓީމަށް ވެސް ގޯލެއް ޖެހޭގޮތްނުވިއިރު، މި މެޗުގައި ފެނިގެންދިޔަ ހުރިހާ ގޯލެއް ވެސް ކާމިޔާބުކުރީ ފަހު ހާފުގައެވެ.

މެޗުގެ ދެވަނަ ހާފުގެ ކުޅުން ފެށިތާ ހަވަނަ މިނެޓުގައި މާޒިޔާ އަށް ލިބުނު ޕެނަލްޓީއަކުން ލީޑުނަގައިދިނީ ހަމްޒާ މުޙައްމަދު (ހަމްޕު) އެވެ. މިއީ ޕެނަލްޓީ އޭރިޔާ ތެރެއިން މާޒިޔާގެ ހައިޝަމް ހަސަން އަށް ބުރުގެ ކުޅުންތެރިއަކު ކުރި ފައުލަކަށް ރެފްރީ ދިން ޕެނަލްޓީއެކެވެ.

އޭގެފަހުން، މެޗުގެ 62 ވަނަ މިނެޓުގައި މާޒިޔާގެ ދެވަނަ ލަނޑުޖަހައިދިނީ ރާއްޖޭގެ ޒުވާން ޓީމުގެ ކެޕްޓަން، މުޙައްމަދު އިލާން އިމްރާން އެވެ.

ބުރުން މެޗުގެ ނަތީޖާ އަނބުރާލީ ގާތްގާތުގައި ޖެހި ދެ ލަނޑުންނެވެ. އެ ޓީމުން ޖެހި ފުރަތަމަ ލަނޑު، 70 ވަނަ މިނެޓުގައި ތޯއިފް ޤާސިމް ކާމިޔާބުކޮށްދިންއިރު، އޭގެ ދެ މިނެޓުފަހުން ނަތީޖާ ހަމަހަމަކޮށްދިނީ ބިދޭސީ މިޑްފީލްޑަރު، ޑިއަވަންޑޫ ޑިއާނޭ އެވެ.

މި މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު ދެ ޓީމު 2-2 އިން އެއްވަރުވުމުން ނަތީޖާ ނެރެން ޖެހުނީ ޕެނަލްޓީ ޝޫޓްއައުޓްއަކަށް ދާށެވެ.

ޕެނަލްޓީގައި މާޒިޔާ އިން ފޮނުވާލި އަށް ޕެނަލްޓީގެ ތެރެއިން ކާމިޔާބުކުރެވުނީ ފަސް ޕެނަލްޓީއެވެ. އެ ޓީމުގެ ފުރަތަމަ ޕެނަލްޓީ ކެޕްޓަން ސަމޫހު އަލީ ފޮނުވާލުމުން ދިޔައީ ހުރަސްދަނޑިމަތިންނެވެ. އޭގެފަހުން، ދެން ފޮނުވާލި ހަތަރު ޕެނަލްޓީ ކާމިޔާބުކުރިއެވެ. އެއަށްފަހު، އެ ޓީމުގެ ބިދޭސީ ޑިފެންޑަރު، ލުއިސް އަލްމައިޑާ ފޮނުވާލި ޕެނަލްޓީ ބުރުގެ ކީޕަރު، ޢަބްދުﷲ އަރުޝަން މަތަކުރިއެވެ. ޝޫޓްއައުޓްގައި ހަތްވަނަ ޕެނަލްޓީ ކާމިޔާބުކުރިނަމަވެސް، އެންމެ ފަހުން ފޮނުވާލި ޕެނަލްޓީ ހުސައިން ސިފާއު ޔޫސުފް އަތުން ވަނީ ބޭކާރުވެފައެވެ. އެ ޓީމަށް ޕެނަލްޓީތައް ކާމިޔާބުކޮށްދިނީ އިލާން، އައިހަމް، ހަމްޕުގެ އިތުރުން ހައިޝަމް އާއި އައިސަމް އެވެ.

ބުރުން ފޮނުވާލި އަށް ޕެނަލްޓީގެ ތެރެއިން ހަ ޕެނަލްޓީ ކާމިޔާބުކުރިއެވެ. އެ ޓީމަށް ޕެނަލްޓީތައް ކާމިޔާބުކޮށްދިނީ އަލާ ނާސިރު، އަހުމަދު ޢަބްދުﷲ، ޢަބްދުﷲ ޔާމީން، ހަޑްސަން ޑިއާޒްގެ އިތުރުން ޑިއާނޭ އާއި ނައިސަމް އެވެ. މީގެތެރެއިން ނައިސަމް ފޮނުވާލީ އެ ޓީމުގެ އަށްވަނަ ޕެނަލްޓީ އެވެ. ބުރަށް ނާކާމިޔާބުވީ އަލީ ހަމްދާން އާއި ޝަމްވީލް މުޙައްމަދު ފޮނުވާލި ޕެނަލްޓީއެވެ. މި ދެ ޕެނަލްޓީ ވެސް މާޒިޔާގެ ކީޕަރު، ހުސައިން ޝަރީފް މަތަކުރިއެވެ.

މި މުބާރާތުގެ ސެމީ ފައިނަލު ފުރަތަމަ މެޗުގައި، ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބު ނިކުންނާނީ ތިންވަނަ ޑިވިޝަނުގެ ބްލޫ ސްޕޯޓްސް ކްލަބާ ދެކޮޅަށެވެ. ދެވަނަ ސެމީގައި ބުރު ބައްދަލުކުރާނީ ޓީސީ ސްޕޯޓްސް ކްލަބާ އެވެ.

މުބާރާތުގެ ސެމީ ފައިނަލުގެ މެޗުތައް އޭޕްރީލް 15 ގައި ކުޅުމަށް ހަމަޖެހިފައިވާއިރު، ފައިނަލް މެޗު އޮންނާނީ އޭޕްރީލް މަހުގެ 18 ގައެވެ.

ކިޔުންތެރިންގެ ހިޔާލު