ENGLISH
11 އޭޕްރީލު 2026
އެފްއޭ ކަޕް: ފަހަތުންއަރައި ވިކްޓްރީ ބަލިކޮށް، ޓީސީ ސެމީ އަށް
11 އޭޕްރީލު 2026
|
ވިކްޓްރީ ކޮޅަށް ލަނޑުޖެހުމަށްފަހު ޓީސީގެ ކުޅުންތެރިން އުފާ ފާޅުކުރަނީ. --ފޮޓޯ: އެފްއޭއެމް
އެންމެ މަޤްބޫލު
މިހާރު ކުރިއަށްދާ އެފްއޭ ކަޕްގައި މިއަދު ކުޅުނު މެޗުގައި ފަހަތުންއަރައި 3-1 އިން ވިކްޓްރީ ސްޕޯޓްސް ކްލަބު ބަލިކޮށް، ޓީސީ ސްޕޯޓްސް ކްލަބުން އެ މުބާރާތުގެ ސެމީ ފައިނަލަށް ދަތުރުކޮށްފިއެވެ.
މުބާރާތުގެ ސެމީގައި ޓީސީ ބައްދަލުކުރަން ޖެހެނީ ކުއާޓާ ފައިނަލުގައި މިރޭ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަންއާ ބުރު ސްޕޯޓްސް ކްލަބު މެޗުން މޮޅުވާ ޓީމަކާ ދެކޮޅަށެވެ.
ގަލޮޅު ރަސްމީ ދަނޑުގައި މިއަދު ހަވީރު ކުޅުނު މެޗު ފަށައިގެން ދެ ޓީމުގެ ފަރާތުން ހަމަހަމަ ކުޅުމެއް ފެނިގެންގޮސްފައިވާއިރު، މި ހާފު ނިމެންދަނިކޮށް ވިކްޓްރީން ވަނީ ލަނޑެއްޖަހައިފައެވެ.
ފުރަތަމަ ހާފުގެ އިތުރުވަގުތުގެ ތެރޭގައި ވިކްޓްރީ އަށް ލީޑުނަގައިދިނީ އަހުމަދު ރިޒުވާން (ރިޒޭ) އެވެ. މިއީ ޓީސީގެ ޑިފެންސަށް ހެދުނު ގޯހެއްގެ ފައިދާނަގައި، ރިޒޭ ކާމިޔާބުކުރި ގޯލެކެވެ.
ވިކްޓްރީ އަށް ލަނޑުޖަހައިދިނުމަށްފަހު ރިޒޭ އުފާ ފާޅުކުރަނީ. --ފޮޓޯ: ޕީއެސްއެމް
މެޗުގެ ދެވަނަ ހާފުގެ ކުޅުން ފެށިތާ ހަތަރުވަނަ މިނެޓުގައި ޓީސީ އިން ވަނީ އެއްވަރުކޮށްފައެވެ. މިއީ ވިކްޓްރީގެ ޑިފެންޑަރު، އަލީ ޝާމިސް (ތޮއްޕޭ) އަތުން ބައިކޮޅަށް ވަތް ގޯލެކެވެ.
އޭގެފަހުން، މެޗު ނިމެން ދެ މިނެޓަށްވެފައިވަނިކޮށް އައިހަމް ހަމްދޫންގެ ގޯލުން ޓީސީން ފުރަތަމަ ފަހަރަށް ވަނީ ލީޑުނަގައިފައެވެ. އަދި އޭގެފަހުން، މެޗުގެ އިތުރުވަގުތުގެ ތެރޭގައި މުޙައްމަދު ދާނިޝް އިބްރާހިމް ވަނީ އިތުރު ލަނޑެއްޖަހައި، ޓީސީ އަށް މޮޅު ކަށަވަރުކޮށްދީފައެވެ.
މުބާރާތުގެ ސެމީ ފައިނަލުގެ މެޗުތައް އޭޕްރީލް 15 ގައި ކުޅުމަށް ހަމަޖެހިފައިވާއިރު، ފައިނަލް މެޗު އޮންނާނީ އޭޕްރީލް މަހުގެ 18 ގައެވެ.
އެންމެ ފަހުން އެފްއޭ ކަޕް ބޭއްވީ 2022 ވަނަ އަހަރު އެވެ. އެ ފަހަރުގެ މުބާރާތުގެ ޗެމްޕިއަންކަން މާޒިޔާ އިން ހޯދީ ފައިނަލުގައި ކްލަބް ވެލެންސިއާ ބަލިކޮށްގެންނެވެ. އޭގެކުރީން ބޭއްވީ 2017 ވަނަ އަހަރުގެ ޗެމްޕިއަނުންނަކީ ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބެވެ.