ENGLISH
18 އޭޕްރީލު 2026
އެފްއޭ ކަޕް: ސެންޓޭގެ ހެޓްރިކާއެކު އޮޑި ބަލިކޮށް، ނިއު ސެމީ އަށް
11 އޭޕްރީލު 2026
|
ރޭގެ މެޗުގައި ލަނޑުޖެހުމަށްފަހު ނިއުގެ ސެންޓޭ އުފާ ފާޅުކުރަނީ. ފޮޓޯ: މެންދުރު ޓީވީ
އެންމެ މަޤްބޫލު
މިހާރު ކުރިއަށްދާ އެފްއޭ ކަޕްގައި ރޭ ކުޅުނު މެޗުގައި އަލީ ފާސިރު (ސެންޓޭ) ކާމިޔާބުކުރި ހެޓްރިކާއެކު ފަސޭހަކަމާއެކު 4-0 އިން އޮޑި ސްޕޯޓްސް ކްލަބު ބަލިކޮށް، ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބުން އެ މުބާރާތުގެ ސެމީ ފައިނަލަށް ދަތުރުކޮށްފިއެވެ.
މިއީ 2017 ވަނަ އަހަރުގެ އެފްއޭ ކަޕް ކާމިޔާބުކުރި ފަހުން ނިއު އިން މި މުބާރާތުގައި ކުޅޭ ފުރަތަމަ ފަހަރެވެ. މި މުބާރާތުގެ އެންމެ ކާމިޔާބު ޓީމަކީ ވެސް ނިއު އެވެ. ނިއު އިން ވަނީ އެފްއޭ ކަޕް 12 ފަހަރު ކާމިޔާބުކޮށްފައެވެ.
ގަލޮޅު ރަސްމީ ދަނޑުގައި ރޭ ކުޅުނު މެޗު ފެށިގެން 20 ވަނަ މިނެޓުގައި ނިއު އިން ލީޑު ނެގީ ސެންޓޭ ވައްދާލި ހިލޭޖެހުމަކުންނެވެ. އޭގެފަހުން، މެޗުގެ 30 ވަނަ މިނެޓުގައި ނިއުގެ ދެވަނަ ލަނޑުޖަހައިދިނީ ވެސް ސެންޓޭ އެވެ. މި ގޯލާއެކު މެޗުގެ ފުރަތަމަ ހާފު ނިއު އިން ނިންމާލީ 2-0 އިން ކުރީގަ އޮވެގެންނެވެ.
މެޗުގެ 62 ވަނަ މިނެޓުގައި ނިއުގެ ތިންވަނަ ލަނޑުޖަހައިދީ، ސެންޓޭ ވަނީ ހެޓްރިކް ފުރިހަމަކޮށްފައެވެ.
މެޗު ނިމެން ފަސް މިނެޓަށްވެފައިވަނިކޮށް، ނިއުގެ ހަތަރުވަނަ ލަނޑުޖަހައިދިނީ އެ ޓީމުގެ ނައިޖީރިއާ ފޯވާޑް، އަލް ހާޖީ ގޭރޯ އެވެ. އޭނާ މި ލަނޑުޖެހީ ނިއުގެ ބްރެޒިލް މިޑްފީލްޑަރު، ޑަ ސިލްވާ ހުރަސްކޮށްލި ބޯޅައެއް ގޯލުގެ ތެރެއަށް ފޮނުވާލައިގެންނެވެ.
މިއީ އެންމެ ފަހުގެ ޕްރެޒިޑެންޓްސް ކަޕްގެ ޗެމްޕިއަން، އޮޑި އަތުން މި ފަހަރުގެ ސީޒަނުގައި ނިއު މޮޅުވި ފުރަތަމަ ފަހަރެވެ. މީގެކުރީން، މި ދެ ޓީމު ބައްދަލުކުރި ތިން މެޗުގެ ތެރެއިން ދެ މެޗު އެއްވަރުވެފައިވާއިރު، އަނެއް މެޗުން އޮޑި ވަނީ މޮޅުވެފައެވެ. މިއީ ފުރަތަމަ ޑިވިޝަނުގައި އޮޑިން ވާދަކުރާ ފުރަތަމަ ފަހަރެވެ.
އެންމެ ފަހުން އެފްއޭ ކަޕް ބޭއްވީ 2022 ވަނަ އަހަރު އެވެ. އެ ފަހަރުގެ މުބާރާތުގެ ޗެމްޕިއަންކަން މާޒިޔާ އިން ހޯދީ ފައިނަލުގައި ކްލަބް ވެލެންސިއާ ބަލިކޮށްގެންނެވެ.