ENGLISH
07 އޭޕްރީލު 2026
ހަނގުރާމައާ ގުޅިގެން ޕީޖީ އޮފީހުން ޚަރަދުކުޑަކުރުމުގެ ފިޔަވަޅުތަކެއް އަޅަން ނިންމައިފި
07 އޭޕްރީލު 2026
|
އެންމެ މަޤްބޫލު
މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ޚަރަދުކުޑަކުރުމުގެ ފިޔަވަޅުތަކެއް އަޅަން ނިންމައިފިއެވެ.
ޕީޖީ އޮފީހުން އިއްޔެ އާއްމުކުރި ނޫސްބަޔާނުގައި ބުނިގޮތުގައި ޚަރަދުކުޑަކުރަން ނިންމީ، މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައާ ގުޅިގެން ދުނިޔެއަށް ކުރިމަތިވަމުންދާ އިޤްތިޞާދީ މައްސަލަތަކާ ވިދިގެން ރާއްޖެއަށް ކޮށްފާނެ އަސަރުތައް ކުޑަކުރުމަށް ދިވެހި ދައުލަތުން އަޅާފައިވާ ފިޔަވަޅުތަކުގައި ބައިވެރިވުމުގެ ގޮތުންނެވެ.
ޚަރަދުކުޑަކުރުމުގެ ފިޔަވަޅުތައް އަޅާނީ 7 އޭޕްރީލް 2026 އިން ފެށިގެން 31 މޭ 2026 ގެ ނިޔަލަށެވެ.
ޕީޖީ އޮފީހުން ގެނައި ބަދަލުތަކުގެ ތެރޭގައި ހިމެނެނީ، ކޮންމެ އަންގާރަ ދުވަހަކީ މުވައްޒަފުން ގޭގައި ތިބެގެން މަސައްކަތްކުރާ ދުވަހެއްގެ ގޮތުގައި ހަމަޖެއްސުމާއި، ރަސްމީ ބައްދަލުވުންތައް އޮންލައިންކޮށް ބޭއްވުމާއި، އޮފީސް ހުޅުވާފައި ހުންނަ ވަގުތު މަދުކުރުމާއެކު ކަރަންޓު ބޭނުންކުރުން މަދުކުރުމާއި، ކަރުދާސް ބޭނުންކުރުން މަދުކުރުމުގެ އިތުރުން އޮފީސް ވެހިކަލް ބޭނުންކުރާ މިންވަރު މަދުކުރުމެވެ.
އަންގާރަ ދުވަހަކީ ގޭގައި ތިބެގެން މަސައްކަތްކުރާ ދުވަހެއްގެ ގޮތުގައި ކަނޑައެޅިނަމަވެސް، ކޮންމެހެން އޮފީހަށް ހާޒިރުވާންޖެހޭ ޙާލަތުގައި އޮފީހަށް ހާޒިރުވެގެން މަސައްކަތްކުރާނެ ކަމަށް ބަޔާނުގައި ބުނެފައިވެއެވެ. އަދި، ކޯޓު އަޑުއެހުންތަކަށް އެ އޮފީހުގެ ފަރާތުން ޤަވާއިދުން ހާޒިރުވަމުންދާނެކަމަށް ޕީޖީ އޮފީހުން ބުނެފައިވެއެވެ.
"މި އޮފީހުން ކަރަންޓަށް ކުރާ ހޭދަ ކުޑަކުރުމުގެ ގޮތުން މުވައްޒަފުން އޮފީހަށް ހާޒިރުވާ ދުވަސްތަކުގައިވެސް މެންދުރު 14:00 ގެ ފަހުން ގޭގައި ކުރެވެން ހުންނަ މަސައްކަތްތައް ގޭގައި ތިބެގެން ކުރުމަށް ބާރުއެޅުމާއި، އޮފީސް ބަންދުކުރާ ގަޑި 18:00 އަށް އަވަސްކުރުމަށް ވަނީ ހަމަޖެހިފައެވެ." ޕީޖީ އޮފީހުގެ ބަޔާނުގައިވެއެވެ.
މަސައްކަތްތައް މުޅިން ޑިޖިޓައިޒްކޮށް ކަރުދާސް ބޭނުންކުރުން ހުއްޓާލުމަށް ޕްރޮސިކިއުޓަރ ޖެނެރަލް ގެންގުޅުއްވާ ސިޔާސަތުގެ ދަށުން، އެ އޮފީހުން ކަރުދާސް ބޭނުންކުރާ މިންވަރު މަދުކުރުމަށް މި މުއްދަތުގައި ޚާއްޞަ ފިޔަވަޅުތަކެއް އަޅާނެކަމަށް ވެސް ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.
ޕީޖީ އޮފީހުން ޔަގީންކަން ދިނީ، ޚަރަދުކުޑަކުރުމުގެ ފިޔަވަޅުތައް އެޅިކަމުގައި ވިޔަސް، އާއްމުންނަށް ނުވަތަ އިދާރާތަކަށްދޭ ޚިދުމަތްތަކަށް އެއްވެސް އުނިކަމެއް ނުވަތަ ލަސްތަކެއް ނާންނާނެ ކަމަށެވެ. އަދި، މިހާރުވެސް އޮންނަ އުޞޫލުގެ ދަށުން، މި މުއްދަތުގައި ވެސް online.pgo.mv މެދުވެރިކޮށް ޕީޖީ އޮފީހުގެ ޚިދުމަތްތައް ހޯދުމަށް އެ އޮފީހުން ވަނީ އާއްމުންނަށް ބާރުއަޅައިފައެވެ.