ENGLISH
02 އޭޕްރީލު 2026
މިދިޔަ ހަފްތާގައި މާލެ ސަރަހައްދުގައި 56 އެކްސިޑެންޓު ރިޕޯޓްކޮށްފައިވޭ
02 އޭޕްރީލު 2026
|
ފުލުހުން މަގުމަތީ ހަރަކާތްތެރިވަނީ-- ފޮޓޯ: ޕީއެސްއެމް
އެންމެ މަޤްބޫލު
މިދިޔަ ހަފްތާގައި މާލެ ސަރަޙައްދުގައި 56 އެކްސިޑެޓް ރިޕޯޓްކޮށްފައިވާ ކަމަށް ދިވެހި ފުލުހުންގެ ހިދުމަތުން ބުނެފި އެވެ.
ދިވެހި ފުލުހުންގެ ހިދުމަތުން ވަނީ، މާރިޗް މަހުގެ 22 އިން 28 ދުވަހާ ހަމައަށް މާލޭ ސަރަޙައްދުގައި ރިޕޯޓްކޮށްފައިވާ އެކްސިޑެންޓުތަކުގެ ތަފާސް ސިސާބުތައް ސޯޝަލް މީޑިއާގައި އާއްމު ކޮށްފަ އެވެ. އެގޮތުން މާލެ، ބްރިޖް އަދި ހައިވޭގައި ހިގާފައިވަނީ ޖުމްލަ 56 އެކްސިޑެންޓެވެ. މީގެ ތެރެއިން އެންމެ ގިނަ އެކްސިޑެންޓް ހިނގާފައިވަނީ މާލޭގަ އެވެ. މިދިޔަ ހަފްތާގައި މާލެގައި އެކަނިވެސް 49 އެކްސިޑެންޓް ރިޕޯޓްކޮށްފައިވާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.
ފުލުހުން އާއްމުކޮށްފައިވާ ތަފާސްހިސާބުތަކުގައިވާ ގޮތުން އެންމެ ގިނަ އެކްސިޑެންޓް ހިނގާފައިވަނީ 25 މާރިޗްގަ އެވެ. އެދުވަހު 13 އެކްސިޑެންޓެއް ފުލުހުންނަށް ރިޕޯޓުކޮށްފައިވެ އެވެ.
ފުލުހުން ބުނީ، އެންމެ ގިނައިން އެކްސިޑެންޓު ހިނގާފައި ވަނީ ސައިކަލާއި ކާރު ޖެހިގެން ކަމަށެވެ. އެގޮތުން، ކާރާއި ސައިކަލު ޖެހިގެން ނުވަ އެކްސިޑެންޓެއް ވަނީ ރިކޯޑްކުރެވިފަ އެވެ. ދެވަނައަށް އެންމެ ގިނައިން އެކްސިޑެންޓު ހިނގާފައިވަނީ ސައިކަލާއި ސައިކަލު ޖެހިގެންނެވެ. މިފަދަ އަށް އެކްސިޑެންޓެއް ރިކޯޑުކުރެވިފައިވާއިރު، ސައިކަލާއި ޕިކަޕު ޖެހިގެން ފަސް އެކްސިޑެންޓް، އަދި ކާރާއި އެހެން ކާރަކާ ޖެހިގެން ހަތަރު އެކްސިޑެންޓް ރިކޯޑް ކުރެވިފައިވާކަމަށް ފުލުހުންގެ ތަފާސް ހިސާބުތަކުން ދައްކަ އެވެ.
ވޭތުވެ ދިޔަ ހަފްތާގައި އެންމެ ގިނަ އެކްސިޑެންޓް ހިނގާފައިވަނީ ދުވާލު ގަޑީގަ އެވެ. އެގޮތުން 37 އެކްސިޑެންޓެއް ދުވާލު ރިޕޯޓްކޮށްފައިވާ އިރު، އަށް އެކްސިޑެންޓެއް ހިނގާފައި ވަނީ ރޭގަނޑު އެވެ.
މި އެކްސިޑެންޓްތަކުގައި 10 މީހަކަށް އެކިވަރުގެ އަނިޔާ ވެފައިވާކަމަށާއި، 65 އުޅަނދަކަށް ގެއްލުން ލިބިފައިވާކަމަށް ފުލުހުން ބުންޏެވެ.