ENGLISH
02 އޭޕްރީލު 2026
ކައުންސިލަށާއި ޑަބްލިއުޑީސީއަށް ހޮވަންވީ ރަށަށް އަންނަ ތަރައްގީއަށް މަގުފަހިކުރާނެ ކެންޑިޑޭޓުން: ރައީސް
02 އޭޕްރީލު 2026
|
އެންމެ މަޤްބޫލު
އަންނަ އޭޕްރީލު މަހުގެ ހަތަރުވަނަ ދުވަހުގައި އޮންނަ ލޯކަލް ކައުންސިލުތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބުގައި ރައްޔިތުން ވިސްނަންވީ ރަށާއި ސިޓީއަށް އަންނަން އޮތް ތަރައްގީއަށް މަގުފަހިކުރާނެ ކެންޑިޑޭޓުން ހޮވުމަށް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރޭ ޕީޕަލްސް ނޭޝަނަލް ކޮންގްރެސްއިން ކުރިއަށްގެންދިޔަ ހަރުގެ ޖަލްސާގައި ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ ކައުންސިލުތަކަކީ ރައްޔިތުންނަަށް ދުވަހުން ދުވަހަށް ހިދުމަތް ފޯރުކޮށްދިނުމުގައި ސަރުކާރާ އެންމެ ބޮޑަށް ބައިވެރިވެ އެއްބާރުލުންދީގެން މަސައްކަތްކުރަންޖެހޭ އިދާރާތައް ކަމަށެވެ. އަދި ސަރުކާރަކުން ރަށްްރަށަށް ސިޓީތަކަށް ފޯރުކޮށްދޭންޖެހޭ ކަންކަމުގައި އެންމެ ބޮޑަށް މަގުފަހިކޮށްދޭންޖެހޭ ފަރާތަކީ ކައުންސިލުތައްކަމަށާއި، ކައުންސިލުތަކަކީ ވެރިކަން ހިންގުމުގެ ބާރުގެ ތެރޭގައި އޮތް ބައެއްކަމާއި އެއީ ސަރުކާރު ޖަވާބުދާރީކުރުވަން އުފެދިފައިވާ އިދާރާތަކެއް ނޫންކަން ގަބޫލުކުރަންޖެހޭ ކަމަަށް ރައީސް ވިދާޅުވިއެވެ.
ރައީސް ފާހަގަކުރެއްވި ގޮތުގައި ކައުންސިލުތަކަކީ ސަރުކާރުން ހިންގާ ތަރައްގީގެ މަސައްކަތްތަކުގައި އެހީތެރިވުމަށް އޮންނަ ވެރިކަން ހިންގުމުގެ ބާރުގެ ފަށަލައެއް ކަމުގައިވާއިރު، އެ ބާރުގެ ފަށަލަތަކުގެ މެދުގައި ނުތަނަވަސްކަން އުފެދުމުން އެކަމުގެ ހުުރިހާ ގެއްލުމެއް ތަހައްމަލުކުރަންޖެހޭނީ ރަށްރަށުގެ ރައްޔިތުންނަށެވެ.
މަޝްރޫއުތަކަށް ބިން ހަމަޖައްސައިދިނުމާއި، އެކި މަސައްކަތްތަކަށް ރަށްރަށުން ބިން ރަޖިސްޓްރީކޮށްދިނުން ފަދަ ކަންކަން ކުރެވެނީ ކައުންސިލުތައް މެދުވެރިކޮށްކަން ފާހަގަކުރައްވަމުން އެމަނިކުފާނުވަނީ ކުރިއަށް އޮތް ދެ އަހަރު ތެރޭ ރިޔާސީ އިންތިހާބު އޮންނައިރު، ކައުންސިލަރުންނަކީ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ ސަރުކާރާ ދެކޮޅު ކެންޑިޑޭޓުން ވިދާޅުވާ ގޮތަކަށް މަސައްކަތްކުރާ ބަޔަކަށް ވެއްޖެނަމަ ދެން ނިކުންނާނެ ނަތީޖާއާ ގުޅޭ ގޮތުން ސުވާލުކުރައްވާފައެވެ.
"އެ މަސައްކަތް އެތާ ހިނގިޔަނުދޭން ނޫންތޯ މަސައްކަތްކުރާނީ. އެކީއްވެތޯ އެ މަސައްކަތް ހިނގިޔަނުދޭން މަސައްކަތްކުރާނީ؟ އެކަން ވެއްޖެއްޔާ ތިމަންގެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓަށް ހުރަހެއް އެޅިދާނޭ ވޯޓު ނުލިބިދާނޭ މިކަން ނުވާކަން ދެއްކިއްޔާ ތިމަންމެންގެ ރިޔާސީ ކެންޑިޑޭޓަށް ކަމެއްވާން އޮންނާނީ. އެހެންނޫންތޯ ވިސްނައިދޭނީ އަދި މަސައްކަތްވެސް ކުރާނީ؟،" ރައީސް ވިދާޅުވިއެވެ.
ވެރިކަން ކުރާ ފަށަލައިގެ ތެރޭގައި އެކަމުގެ ސަބަބުން އުފެދޭނީ ނުތަނަވަސްކަމާއި މައްސަލަތައްކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ ޕާޓީއަށް ނުވަތަަ އާއިލާއަށް ނުބަލައި، ވިސްނަންވީ ކުރިއަށް އޮތް ދެ އަހަރާ ބައިގެ ތެރޭގައި ރަށަށް ގެނެސްދޭން ސަރުކާރުން ވެފައިވާ ވައުދުތައް ފުއްދުމަށް މަގުފަހިކޮށްދޭނީ ކޮން ކެންޑިޑޭޓުންތަކެއްކަން ކަމަށެވެ.
"އެހެންވީމާ ކައުންސިލަށް ޑަބްލިއުޑީސީއަށް ހޮވަންވީ މި އިންތިހާބުގައި ރައްޔިތުންނަށް ސަރުކާރުން ކޮށްދޭން ހުރި ކަންކަމުގައި ރަށްރަށަށް އަންނަން ހުރި ތަރައްގީއަށް އެންމެ ބޮޑަށް ފެސިލިޓޭޓުކޮށްދޭނެ މީހުންނޭ. އެއީ ހަމަ ޔަގީނުންވެސް ސަރުކާރުގެ ޕާޓީ، ޕީއެންސީގެ ކެންޑިޑޭޓުން. އެހެންވީމާ އަޅުގަނޑުމެންގެ ކައުންސިލުގެ ހުރިހާ ކެންޑިޑޭޓުން އަދި ޑަބްލިއުުޑީސީގެ ހުރިހާ ކެންޑިޑޭޓުން ދިވެހި ރައްޔިތުން ހޮއްވަވައިދެއްވާ. ހަމަ ޔަގީނުންވެސް އޭގެ ނަތީޖާ ރަނގަޅުވާނެ،" ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ 2025 ވަނަ އަހަރާއި 2026 ވަނަ އަހަރަކީ ތަރައްގީގެ މަސައްކަތްތައް ކުރިއަށްދާ ދެ އަހަރަށްވާއިރު މި މަސައްކަތްތަކުގައި ސަރުކާރަށް އެއްބާރުލުންދީ އެހީތެރިވެދޭން އޮތް އިދާރާއަށް ސަރުކާރަށް ހުރަސްއެޅުމަށް ބޭނުންވާ ބަޔަކު ހޮވައިފިނަމަ އެ މަސައްކަތްތަކަށް ހުއްޓުން އައިސް އެ މަސައްކަތްތައް މަޑުޖެހިގެންދާނެ ކަމަށެވެ.