ENGLISH

22 މާރިޗު 2026

Advertisement

އޭޕްރީލް މަހުގެ ފުރަތަމަ ހަފްތާ ތެލުގެ އައު ދެ ޝިޕްމަންޓް ރާއްޖެ އަންނާނެ: ޒަމީރު

22 މާރިޗު 2026

|

ޢަލީ ޝަހީމް

ނޫސްވެރިންގެ ބައްދަލުވުމެއްގައި ޒަމީރު ވާހަކަދައްކަވަނީ.

މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން ރާއްޖެއަށް ތެޔޮ ލިބުމުގައި ހުރި ދަތިތަކަށް ހައްލު ހޯދުމަށް ސަރުކާރުން ކުރަމުން އަންނަ މަސައްކަތުގެ ދަށުން އަންނަ އޭޕްރީލް މަހުގެ ފުރަތަމަ ހަފްތާގައި ތެލުގެ އިތުރު ދެ ޝިޕްމަންޓް ރާއްޖެ އަންނާނެ ކަމަށް މާލީ ވަޒީރު މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ. 

މެދުއިރުމަތީގައި ހިނގަމުންދާ ހަމަނުޖެހުންތަކާއި ގުޅިގެން، ރައްޔިތުންނަށް ދިމާވެދާނެ ދަތިތައް ހައްލުކުރުމަށް، ކެބިނެޓް ވަޒީރުން ހިމެނިވަޑައިގަންނަވާ ގޮތަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެކުލަވާލެއްވި ޚާއްޞަ ކޮމިޓީން މިއަދު ވަނީ ހަނގުރާމައާ ގުޅިގެން ރާއްޖޭގެ ޙާލަތު ރައްޔިތުންނަށް ސާފުކޮށްދެއްވުމަށް ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވައިފައެވެ. 

ނޫސްވެރިންގެ ބައްދަލުވުމުގައި ޒަމީރު ވިދާޅުވީ އޭޕްރީލް މަހުގެ ފުރަތަމަ ހަފްތާގެ ތެރޭގައި ސިންގަޕޫރުންނާއި އޮމާނުން ރާއްޖެ އަށް އައު ތެޔޮ ޝިޕްމަންޓުތައް އަންނާނެ ކަމަށެވެ. 

"އެންމެ ފަހުން އެސްޓީއޯގެ ދެ ވެސަލް އަލިމަސް އާއި ނިއޯންއާ މިހާރު ވަދެ ޑިސްޗާޖްކޮށް ނިމުނީ. ދެން އެއާ އެއްކޮށް ދެން އެންމެ އަވަހަށް އޭޕްރީލް 2 ނޫނީ 3 ހިސާބުގަ އަންނާނެ ސިންގަޕޫރުން ބަރުކޮށްގެން އަންނަ އުޅަނދެއް. އޭގައި ވެސް ޑީސަލާ ޕެޓްރޯލް ހުންނާނެ. ހަމައެއާ އެއްކޮށް އޭޕްރީލް 4 ނޫނީ 5 ހިސާބުގައި އޮމާންއިން އަނެއްކާވެސް ބަރުކޮށްގެން އަންނަ އަޅުގަނޑުމެން ސްޕޮޓުން ހަޔަރ ކޮށްފަ އޮންނަ އުޅަނދުގަ ތެޔޮ އެބަ އާދޭ. އެހެންވީމަ ދުވަހުން ދުވަހަށް ބޭނުންވާނެ ތެޔޮ އިރާދަކުރެއްވިއްޔާ އެބަހުރި" މޫސާ ޒަމީރު ވިދާޅުވިއެވެ. 

އެސްޓީއޯއިން މިހަފްތާގައި ވެސް ވަނީ ތެލުގެ އައު ދެ ޝިޕްމަންޓެއް ރާއްޖެ ގެނެސްފައެވެ. 

ދުނިޔޭގައި ތެލުގެ އަގު ދެގުނަ ބޮޑުވެފައިވީނަމަވެސް، ކުރިއަށް އޮތް ދުވަސްތަކުގައި ރާއްޖޭން ތެލުގެ އަގު ބޮޑުކުރުމުގެ ވިސްނުން ނުގެންގުޅުއްވާކަމަށް ވަޒީރު ވިދާޅުވިއެވެ. ތެލުގެ ވިޔަފާރި އެސްޓީއޯގެ އިތުރުން އެހެން ވިޔަފާރިތަކުން ވެސް ކުރާއިރު، އެއިން އެއްވެސް ވިޔަފާރިއަކަށް ގެއްލުމެއް ނުދީ މި ގޮންޖެހުމުން ނުކުމެވޭ ގޮތަށް މަސައްކަތްކުރަމުންގެންދާ ކަމަށް ވަޒީރު ވިދާޅުވިއެވެ. 

ވަޒީރު ވިދާޅުވީ ހަނގުރާމައިގެ ސަބަބުން ރާއްޖޭގައި ވިޔަފާރިތަކުގެ އާމްދަނީ ދަަށަށް ދިއުމާއެކު، ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދުވެސް މަދުވެފައިވާ ކަމަށެވެ. 

ސަރުކާރުގެ އަމާޒަކީ މި އުނދަގޫ ދަނޑިވަޅުގައި ރައްޔިތުންނަށް ކޮންމެހެން ލިބެންޖެހޭ ޚިދުމަތްތައް ލިބޭނެ އިންތިޒާމުތައް ރާވަފައި ހުރުން ކަމަށް ޒަމީރު ވިދާޅުވިއެވެ. މިގޮތުން އަސާސީ ތަކެތި ރާއްޖޭގައި ހުރުމާއި، މެޑިކަލް ކަންކަން ފޯރުކޮށްދިނުމާއި، ކިޔަވާ ކުދިންނަށް ފައިސާ ދިނުމާއި، ތެލާއި ކާޑުގެ ބާވަތްތައް ހުންނާނޭ ކަމުގެ ޔަގީންކަން ވަޒީރު ދެއްވި އެވެ. އަދި، ޚިދުމަތުގެ އަގުތައް އެކަށީގެންވާ ވަރެއްގައި ބެހެއްޓޭތޯ ވެސް މަސައްކަތްކުރަމުން ގެންދަވާކަން ނޫސްވެރިންގެ ބައްދަލުވުމުގައި ވަޒީރު ފާހަގަކުރެއްވިއެވެ. 

ކިޔުންތެރިންގެ ހިޔާލު