ENGLISH

18 މާރިޗު 2026

Advertisement

ދެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމަކުން ދުސްތޫރީ އޮނިގަނޑަށް ބަދަލެއް ނާންނާނެ: އުޝާމް

17 މާރިޗު 2026

|

ޝިފްޒާން އަޙްމަދު

ބަންޑާރަނައިބު އަހްމަދު އުޝާމު، ފޮޓޯ: ރައީސް އޮފީސް

ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމަކީ އެކަމުގެ ސަބަބުން ދިވެހިރާއްޖޭގެ މައިގަނޑު ދުސްތޫރީ އޮނިގަނޑަށް އެއްވެސް ބަދަލެއް އަންނާނެ ކަމެއް ނޫންކަމަށާއި، އެކަމުން ބަދަލު އަންނަނީ އިންތިހާބުތަކުގެ ތާވަލަަށް ކަމުގައި ބަންޑާރަނައިބު އަހްމަދު އުޝާމު ވިދާޅުވެއްޖެއެވެ. 

ދެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމަށް ފަހިވާ ގޮތަށް ގާނޫނުއަސާސީއަށް ގެނެވުނު އިސްލާހާ ގުޅޭ ގޮތުން މައުލޫމާތު ދެއްވުމަށް ދައުލަތުގެ މީޑިޔާ ޕީއެސްއެމްގެ "ރާއްޖެ މިއަދު" ޕްރޮގުރާމުގައި ބައިވެރިވެވަޑައިގެން ދެއްކެވި ވާހަކަފުޅުގައި އުޝާމު ވިދާޅުވީ ބައެއް ބޭފުޅުން މިބަދަލަކީ ރާއްޖޭގެ ގާނޫނުއަސާސީގެ މައިގަނޑު އޮނިގަނޑަށް އަންނަ ބަދަލެއްގެ ގޮތުގައި ސިފަކުރެއްވި ނަަމަވެސް މި އިސްލާހުން އެފަދަ ބަދަލެއް ދުސްތޫރީ އޮނިގަނޑެއް ނާންނާނެ ކަމަށެވެ. 

ރާއްޖޭގެ ގާނޫނުއަސާސީގެ މައިގަނޑު އޮނިގަނޑުގެ އެންމެ މުހިއްމު އެއް ސިފައަކީ ރާއްޖޭގެ ތިން ބާރު ވަކިވެފައި އޮންނަ ނިޒާމެއް އޮތުންކަން ފާހަގަކުރައްވަމުން އުޝާމު ވިދާޅުވީ ދެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމަކުން އެ ސިފައަށް އެއްވެސް އުނިކަމެއް އަންނާނެ ކަމުގައި ދެކެވަޑައިނުގަންނަވާ ކަމަށެވެ. 

"ދިވެހިރާއްޖޭގެ ގާނޫނުއަސާސީން ގަބޫލުކޮށްފައި މިއޮތް ދުސްތޫރީ އޮނިގަނޑުގެ އެންމެ އަސާސީ އެއް ސިފައަކީ ތިން ބާރު ވަކިވެފައި އޮންނަ ނިޒާމެއް މިރާއްޖޭގައި އޮތުން. މިބަދަލު ގެނައިނަމަވެސް އެކަމަށް އެއްވެސް ބަދަލެއް ނާދޭ،" އުޝާމު ވިދާޅުވިއެވެ. 

އުޝާމު އިތުރަށް ވިދާޅުވީ ރައްޔިތުންގެ ވޯޓުން ރައީސުލްޖުމްހޫރިއްޔާއާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ހޮވުމުގެ ސިފައަށްވެސް މި އިސްލާހާ ގުޅިގެން ބަދަލެއް ނާންނާނެ ކަމަށެވެ. އަދި މި ބަދަލަކީ ރާއްޖޭގެ އިންތިހާބީ އޮނިގަނޑަށް އަންނަ ބަދަލެއް ކަމުގައި ބަންޑާރަނައިބު ފާހަގަކުރެއްވިއެވެ. 

އިންތިހާބުތައް ވަކިން ބާއްވާއިރު އިންތިހާބުތައް ބޭއްވުމަށް ވަރަށް ބޮޑު ހަރަދެއް ހިނގާ ކަމަށާއި، ކޮންމެ އިންތިހާބަކަަށް 100 މިލިއަނެއްހައި ރުފިޔާ ހަރަދުވާއިރު އެކީ އިންތިހާބުތައް ބޭއްވުމުން ގިނަ އަަދަދެއްގެ ފައިސާ ސަލާމަތްކުރެވޭނެ ކަމަށް އުޝާމު ވިދާޅުވިއެވެ. 

ބަންޑާރަނައިބު ވިދާޅުވީ ދުނިޔޭގެ ނިސްބަތުންވެސް ރާއްޖޭގެ ރިޔާސީ އިންތިހާބުގައި ވޯޓުލާ ނިސްބަތް މަތިއިރު މަޖިލީހުގެ އިންތިހާބުގައި ވޯޓުލާ ނިސްބަތް އެއަށްވުރެ ދަށް ކަމަށާއި، ދެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމުން މަޖިލީހުގެ އިންތިހާބުގައި ވޯޓުލާ މީހުންގެ ނިސްބަތްވެސް އިތުރުވާނެ ކަމަށެވެ. 

އޭގެ އިތުރަށް ސިޔާސީ ޕާޓީތަކުގެ ނިޒާމަށްވެސް ރަނގަޅު ހެޔޮ ބަދަލެއް އައިސް އިންތިހާބުތަކުގައި ބަލިވުމަށް މެދުވެރިވާ ސަބަބުތައް ދެނެގަނެ، އެ ކަންކަން ހައްލުކޮށް ޕާޓީތަކުގެ ހިންގުން ހަރުދަނާކުރުމުގެ ފުރުސަތުވެސް މި އިސްލާހުގެ ތެރެއިން ލިބިގެންދާނެ ކަމުގައި އުޝާމް ވިދާޅުވިއެވެ. 

"2008 ވަނަ އަހަރުން ފެށިގެން ރާއްޖޭގައި ބޭއްވި އިންތިހާބުތަކަށް ބަލާނަމަ ރިޔާސީ އިންތިހާބުން ބަލިވާ ޕާޓީއަށް ބަލިވި ސަބަބުތައް ބަލައި ޕާޓީ ރަނގަޅުކުރުމުގެ ފުރުސަތެއް ނުލިބޭ. ރަނގަޅަށް ތައްޔާރުނުވެވޭކަން މިފެންނަނީ ސަރުކާރަށް މަޖިލީހުގެ މެޖޯރިޓީ ލިބިގެންދަނީ. ދެ އިންތިހާބު އެއްކޮށް ބޭއްވުމުން ޕާޓީތަކަށްވެސް ރަނގަޅު ބަދަލުތަކެއް އަންނާނެ،" އުޝާމު ވިދާޅުވިއެވެ. 

އޭގެ އިތުރަށް ދެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމުން މިހާރު ވަކިން އިންތިހާބުތައް ބޭއްވުމުން އިންތިހާބުތަކުގެ މެދުގައި ރައްޔިތުންގެ މެދުގައި އުފެދިގެންދާ ސިޔާސީ ހަމަނުޖެހުންތައް ނިމުމަކަަށް އައިސް ރާއްޖެއަށް ދެމެހެއްޓެނެވި ހަމަޖެހުން ލިބިޮގެންދާނެ ކަމުގައިވެސް ބަންޑާރަނައިބު ވިދާޅުވިއެވެ. 

ކިޔުންތެރިންގެ ހިޔާލު