ENGLISH

18 މާރިޗު 2026

Advertisement

ރައްޔިތުންގެ ހިޔާލު ހޯދުމަށް ގަރާރުގައި ހިމަނުއްވާފައިވާ ސުވާލުގައި ދުސްތޫރީ އަދި ގާނޫނީ މައްސަލައެއް ނެތް: އުޝާމް

17 މާރިޗު 2026

|

ޝިފްޒާން އަޙްމަދު

ބަންޑާރަނައިބު އަހްމަދު އުޝާމް، ރައީސް އޮފީސް

ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމާމެދު އޭޕްރީލު ހަތަރުވަނަ ދުވަހު ނަގާ ރައްޔިތުންގެ ހިޔާލު ހޯދުމުގެ ވޯޓުގައި ރައްޔިތުންނާ ކުރާނެ ސުވާލުގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ރިޔާސީ ގަރާރުގައި ހިމެނުއްވި ސުވާލުގައި ދުސްތޫރީ އަދި ގާނޫނީ އެއްވެސް މައްސަލައެއް އޮތްކަމަށް ދެކެވަޑައިނުގަންނަވާ ކަމަށް ބަންޑާރަނައިބު އަޙްމަދު އުޝާމު ވިދާޅުވެއްޖެއެވެ. 

ދެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމަށް ފަހިވާ ގޮތަށް ގާނޫނުއަސާސީއަށް ގެނެވުނު އިސްލާހާ ގުޅޭ ގޮތުން މައުލޫމާތު ދެއްވުމަށް ދައުލަތުގެ މީޑިޔާ ޕީއެސްއެމްގެ "ރާއްޖެ މިއަދު" ޕްރޮގުރާމުގައި ބައިވެރިވެވަޑައިގެން ދެއްކެވި ވާހަކަފުޅުގައި އުޝާމު ވިދާޅުވީ އެ ސުވާލު ގަރާރުގައި ހިމަނުއްވާފައިވަނީ ގާނޫނުއަސާސީއާއި ރައްޔިތުންގެ ހިޔާލު ހޯދުމުގެ ވޯޓު ނެގުމާ ބެހޭ ގާނޫނުގައި ބަޔާންކޮށްފައިވާ އުސޫލުތައް ފުރިހަމަވާ ގޮތަށް ކަމަށެވެ. 

އެ ސުވާލުގެ އިބާރާތަކީ، "ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެކުގައި ބޭއްވުމަަށާއި، ރައްޔިތުންގެ މަޖިލީހުގެ އުމުރު ގުނުމުގެ އުސޫލު ބަޔާންކުރުމަށްޓަކަައި، ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ ގާނޫނުއަސާސީއަށް އަށްވަނަ އިސްލާހު ގެނައުމުގެ ބިލު ރައީސުލްޖުމްހޫރިއްޔާ ތަސްދީގުކުރަން ފެނޭ ހެއްޔެވެ؟،" މި އިބާރާތެވެ. 

އެ އިބާރާތް ވިދާޅުވެދެއްވުމަށްފަހު ބަންޑާރަނައިބު ވިދާޅުވީ އެ އިބާރާތުން ގާނޫނުއަސާސީއަށް އަށްވަނަ އިސްލާހު ގެނައުމުގެ ބިލުގެ މައިގަނޑު ދެ މަގުސަދު ސާފުކޮށް އެނގިގެންދާ ކަމަށެވެ. ފުރަތަަމަ މަގުސަދަކީ ދެ އިންތިހާބު އެކުގައި އެއް ދުވަހެއްގައި ބޭއްވުންކަމަށާއި، ދެވަނަ ބޭނުމަކީ ރައްޔިތުންގެ މަޖިލީހުގެ ދައުރު ފެށޭ ދުވަހަށް ބަދަލުގެނައުން ކަމަށްވެސް އޭނާ ވިދާޅުވިއެވެ. 

ރާއްޖޭގެ ދުސްތޫރީ އޮނިގަނޑު އޮތް ގޮތުން ގާނޫނުއަސާސީއަށް ބައެއް ކަހަލަ އިސްލާހުތައް ގެނެވެނީ ރައްޔިތުންގެ ރުހުން ހޯދައިގެންކަަމަށާއި، ގާނޫނުއަސާސީގެ 262 ވަނަ މާއްދާގެ (ށ)ގައި ބަޔާންކުރާ ހާލަތްތަކުގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ އުމުރު ބަޔާންކުރާ މާއްދާއަށް އިސްލާހެއް ގެންނަނަމަ ރައްޔިތުންގެ ރުހުން ހޯދަންޖެހޭނެ ކަމަށް އުޝާމު ވިދާޅުވިއެވެ. 

"ގާނޫނުއަސާސީގެ 262 ވަނަ މާއްދާގައި ވަރަށް ސާފުކޮށް ބަޔާންކޮށްފައި މިއޮންނަނީ ގާނޫނުއަސާސީގެ 79 ވަނަ މާއްދާގެ ހ.އަށް އެއްވެސް ކަހަލަ އިސްލާހެއް އަންނަކަމުގައިވަނީނަމަ އެ ބިލެއް ތަސްދީގުކުރުމުގެ ކުރިން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަަށް އަހަންޖެހޭނޭ. ރައްޔިތުންގެ މަޖިލީހުން ފާސްކުރި ގާނޫނުއަސާސީއަށް އަށްވަނަ އިސްލާހު ގެނައުމުގެ ބިލުން ކުރާ ކަމަކީ 79 ވަނަ މާއްދާގެ ހ. އިސްލާހުކުރަނީ. އެ ބިލު ބައްލަވައިފިނަމަ ވަރަށް ސާފުކޮށް ފެނިވަޑައިގަންނަވާނެ ރައްޔިތުންގެ މަޖިލީހުން ފާސްކުރެއްވި ބިލުގައި މިއޮތީ ގާނޫނުއަސާސީގެ 79 ވަނަ މާއްދާގެ ހ.އިސްލާހުކޮށްފައި،" އުޝާމު ވިދާޅުވިއެވެ. 

79 ވަނަ މާއްދާގެ ހ.އަށް އެއްވެސް ކަހަލަ އިސްލާހެއް ގެނެސްފިނަމަ ރައްޔިތުންގެ ހިޔާލު ހޯދުމަށް އަހަންޖެހޭނެ ކަމަށާއި، މި ހާލަތުގައި އެ ސުވާލު ބަޔާންކޮށްފައި އޮތީ ގާނޫނުއަސާސީގައި ބަޔާންކުރާ ހުރިހާ ޝަރުތުތަކެއް ފުރިހަމަވާ ގޮތަށް ކަމުގައި އުޝާމު ވިދާޅުވިއެވެ. 

އަދި ރައްޔިތުންނާ ކުރަންޖެހޭ ސުވާލު އޮންނަންޖެހޭނެ ގޮތެއް ގާނޫނުއަސާސީގައި ބަޔާންކޮށްފައިނުވާކަން ފާހަގަކުރައްވަމުން އުޝާމު ވިދާޅުވީ އެ ސުވާލު އޮންނަންވާ ގޮތާއި، ރިޔާސީ ގަރާރު އޮންނަަންވާނެ ގޮތާއި، ހުށަހަޅާ ހެކިތައް ހުންނަންވާނެ ގޮތް ބަޔާންކުރަނީ މަޖިލީހުން ފާސްކޮށް މިހާރު އަމަލުކުރަން ފަށާފައިވާ ރައްޔިތުންގެ އާއްމު ހިޔާލު ހޯދުމުގެ ވޯޓު ނެގުމާ ބެހޭ ގާނޫނުގައި ކަމަށެވެ. 

"އެހެންވީމާ ރިފަރެންޑަމް ގާނޫނުގައި ބަޔާންކުރާ ޝަރުތުތައް ފުރިހަމަކުރެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާ ކެބިނެޓަށް ހުށަހަޅުއްވަައި، ކެބިނެޓުގައި މަޝްވަރާކުރެއްވުމަށްފަހު ގަރާރު ނެރުއްވާފައި އެއޮތީ. އެހެންވީމާ ދިވެހިރާއްޖޭގެ މި ގާނޫނީ ނިޒާމުގެ ތެރެއިން ގާނޫނުއަސާސީއާއި ރިފެރަންޑަމް ގާނޫނުގައި ބުނާ ހުރިހާ އިޖުރާއާތެއް ފުރިހަމަކުރުމަށްފަހު އެކުލަވަައިލާފައި އޮތް ސުވާލެއް ކަމުގައި އަޅުގަނޑު ގަބޫލުކުރަނީ،" އުޝާމު ވިދާޅުވިއެވެ. 

އުޝާމު ވިދާޅުވި ގޮތުގައި ސުވާލުގެ ސައްހަކަަން ވަޒަންކުރުމަށް އެކަމާ ގުޅުންހުރި ގާނޫނުއަސާސީގެ މާއްދާތަކާއި ރިފަރެންޑަމް ގާނޫނުގައި ބަޔާންކުރާ އުސޫލުތަކަށް ބަލާއިރު އެ ސުވާލުގެ ސައްހަކަމާމެދު އެއްވެސް ޝައްކެއް ނެތެވެ. 

ކިޔުންތެރިންގެ ހިޔާލު