ENGLISH
15 މާރިޗު 2026
ފަނަރު އަހަަރު ފަހުން އައްޑޫ ރައްޔިތުން ތިބީ ބަދަލަކަށް ބޭނުންވެފައި: ނަރީޝު
15 މާރިޗު 2026
|
ޔޫތު މިނިސްޓަރުގެ މުސްތަޝާރު އަޙްމަދު ނަރީޝު، ފޮޓޯ: އެމްއެމްޓީވީ
އެންމެ މަޤްބޫލު
އިދިކޮޅު އެމްޑީޕީއަށް އައްޑޫ ސިޓީގެ ކައުންސިލުގެ އަޣުލަބިއްޔަތު ދެމުންދާތާ ފަނަރަ އަހަރު ފަހުން އެ ސިޓީ ރައްޔިތުން މިހާރު ތިބީ ބަދަލެއް ބޭނުންވެފައިކަމަށް ޔޫތު މިނިސްޓަރުގެ މުސްތަޝާރު އަޙްމަދު ނަރީޝު ވިދާޅުވެއްޖެއެވެ.
ޕީޕަލްސް ނޭޝަނަލް ކޮންގްރެސްއިން ރާއްޖޭގެ ހުރިހާ ޓީވީ ޗެނަލްތައް މެދުވެރިކޮށް ލޯކަލް ކައުންސިލު އިންތިހާބާމެދު ހޭލުންތެރިކަން އިތުރުކުރުމަށް ގެނެސްދެމުންދާ "ދިވެހީންގެ ރާއްޖެ" ޕްރޮގުރާމުގައި ވާހަކަދައްކަވަމުން ވިދާޅުވީ އައްޑޫ ސިޓީއަށް ކުރެއްވި ދަތުރުފުޅުގައި އެ ސިޓީގެ މޭޔަރުކަމަށް އަދި ކައުންސިލަރުންގެ މަގާމުތަކަށް ވާދަކުރެއްވި ކެންޑިޑޭޓުންނާއެކު ދަޮރުން ދޮރަށް ހިންގަވައި ރައްޔިތުންނާ ބައްދަލުކުރެއްވުމުގެ ފުރުސަތު ލިބިވަޑައިގަތް ކަމަށެވެ.
ނަރީޝް ވިދާޅުވީ އެ ސިޓީގެ ރައްޔިތުން މިއަދު ކުރަމުންދާ ސުވާލަކީ އެމްޑީޕީއަށް ކައުންސިލުގެ އަޣުލަބިއްޔަތު ދިނުމުން، ކައުންސިލެއް އޮވެމެ، ކައުންސިލުގެ ފަރާތުން ރައްޔިތުންނަށް ދޭންޖެހޭ ހިދުމަތްތައް ދިނުމުގައި އެކަށީގެންވާ މިންވަރަށް މަސައްކަތްކުރެވިފައިނުވާ ސަބަބާމެދު އެ ސިޓީގެ ރައްޔިތުން މިއަދު ސުވާލު އުފައްދާ ކަމަށެވެ.
އަދި އެމްޑީޕީގެ އަޣުލަބިއްޔަތު އޮތް އައްޑޫ ސިޓީ ކައުންސިލުން ފާއިތުވި ފަނަރު އަހަރު ތެރޭ އެ ސިޓީއަށް ގެނެސްފައިވަނީ ކޮން ބަދަލެއްތޯ މިއަދު އެ ސިޓީގެ ރައްޔިތުން ސުވާލު އުފައްދަމުންދާ ކަމަށްވެސް ނަރީޝު ވިދާޅުވިއެވެ. އައްޑޫ ސިޓީ ކައުންސިލު ފެއިލުވެފައިވާ މިންވަރަކީ އައްޑޫ ހިތަދޫ ރައްޔިތުން މަސްވެރިކަމަށް ދާން ބޭނުންކުރާ ލޯންޗުތައް ބަނދަރުގައި ތަރުތީބު ގޮތެއްގައި ބަނދަރުކުރުމަށް ބޭނުންވާ ފައްތިއްޔާވެސް އިންތިޒާމުކޮށް ނުލެވުނު ކަމަށް އެ ސިޓީގެ ރައްޔިތުން ބުނަމުންދާކަމަށް ނަރީޝް ވިދާޅުވިއެވެ.
ފަނަރު އަހަރުވީއިރު ހާއްސަ އެހީއަށް ބޭނުންވާ ކުދިންނާ އެކަށީގެންވާ ވަސީލަތްތައް ގާއިމުކުރެވިފައިވާ ޕާކެއް އަދި ކުޑަކުދިން ކުޅެލައި އުޅެލާނެ ރަނގަޅު ޕާކެއް ނެތް ކަމަށްވެސް ނަރީޝް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ ރައީސް ޑރ.މުހައްމަދު މުއިއްޒު މާލެ ސިޓީގެ މޭޔަރުކަމުގައި ހުންނަވައިގެން ބިނާކުރެއްވި އަދި ތަރައްގީކުރެއްވި ވަސީލަތްތައް ފަދަ ވަސީލަތްތަކެއް އެމްޑީޕީގެ އަޣުލަބިއްޔަތު އޮންނަ ކައުންސިލުތަކުން ހިންގަަމުންދާ ސިޓީތަކުގައި ނެތީ ކީއްވެތޯ އެ ސިޓީތަކުގެ ރައްޔިތުން ސުވާލުކުރަމުންދާ ކަމަށެވެ.
"ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ހައުސިން މިނިސްޓަރަކަށް ހުންނެވިއިރުގައި އަދި މިހާރުވެސް އެމަނިކުފާނުގެ މިޒައާމަތުގެ ތެރޭގައިވެސް އިސްރަށްވެހިންނަށް އަދި ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް ހާއްސަކުރައްވައިގެން ގެންނެވި ކަންތައްތައް އައްޑޫ ސިޓީން ނުފެނުނީ ކީއްވެތޯ، ތިނަދޫ ސިޓީން ނުފެނުނީ ކީއްވެތޯ އަދި ފުވައްމަލައް ސިޓީއާއި ކުޅުދުއްފުށީން ނުފެނުނީ ކީއްވެތޯ އެބަ ސުވާލުކުރޭ،" ނަރީޝް ވިދާޅުވިއެވެ.
ނަރީޝް އިތުރަށް ވިދާޅުވީ އައްޑޫ ސިޓީގެ ރައްޔިތުންގެ ވާހަކަތަކުން އެ ސިޓީގެ ކައުންސިލުން ރައްޔިތުންގެ ހައްގުތަކަށް އަރައިގަތުން ނޫން ކަމެއް ނުކުރާ ކަމަށް ބުނާ ފަދަ ކަމަށެވެ. ރައްޔިތުންގެ ހައްގަށް އަރައިގަތުމުގެ މިސާލެއްގެ ގޮތުން ނަރީޝް ފާހަގަކުރެއްވީ އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓާ ކައިރިން ރައްޔިތުންނަށް ދޫކޮށްފަައި ހުރި ގޯތިތަކެއް އަތުލައިގަތުމަށްފަހު އެތަންތަން ބަހައިލުމެވެ.
"މުޅި ޖުމްލަކޮށް އަޅުގަނޑު މުޝްރިފާއެކު ހިނގައިލިއިރުވެސް ފެނުނީ ބަދަލެއް ބޭނުންވާ ކަން. ހާއްސަކޮށް ޕީއެންސީއަށް އަދި އެމްޑީޕީއަށްވެސް ނިސްބަތްނުވާ މިނިވަންކޮށް ތިބި އައްޑޫ ސިޓީގެ ޒުވާނުން ބަދަލަކަށް އެބަ ބޭނުންވޭ. ނިޒާރު ނޫން ގޮތެއް މިހާރު އޮތް ކައުންސިލު ނޫން ގޮތެއްގެ ވާހަކަ ދައްކާ،" ނަރީޝް ވިދާޅުވިއެވެ.
އައްޑޫ ސިޓީގައި ވަރަށް ފޯރީގައި ކޮންގްރެސް ޕާޓީން ކެމްޕެއިން ކުރަމުންދާއިރު، އައްޑޫ އޮތް ސަރަހައްދުގެ އިސްތިރާޖީ މަންފާ ހޯދައިގެން އެ ސަރަހައްދު އައު ހަރުފަތަކަށް ގެންދިއުމަށް އެ ޕާޓީންވަނީ "ގްރޭޓާ އައްޑޫ"ގެ ނަމުގައި އައްޑޫގެ ތަރައްގީގެ ހާއްސަ އިސްތިރާޖީ ޕްލޭނެއް އެކުލަވައިލާ މެނިފެސްޓޯއެއްގެ ގޮތުގައި ހުށަހަޅާފައެވެ.