ENGLISH

15 މާރިޗު 2026

Advertisement

ދެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމުން ކޮރަޕްޝަން ކުޑަވާނެ: ސައީދު

15 މާރިޗު 2026

|

ޝިފްޒާން އަޙްމަދު

އިގުތިސާދީ ތަރައްގީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުހައްމަދު ސައީދު، ފޮޓޯ: ޕީއެންސީ

ދެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމަކީ ކޮރަޕްޝަން މަދުކުރުމަށް މަގުފަހިވާނެ އިސްލާހެއްކަމަށް ވެރިކަންކުރާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސްގެ ނައިބުރައީސް އަދި އިގުތިސާދީ ތަރައްގީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ. 

ރޭ ކޮންގްރެސްއިން ކުރިއަށްގެންދިޔަ ހޯރަފުށީ ދާއިރާގެ ތަރާވީހުގައި ވާހަކަދައްކަވަމުން ސައީދު ވިދާޅުވީ ދެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމުން ރައީސުލްޖުމްހޫރިއްޔާގެ މަގާމަށް ކުރިމަތިލައްވާ ބޭފުޅުން އެ ބޭފުޅުންގެ ކެމްޕެއިން ކުރައްވާއިރު މަޖިލީހަށް އެކި ދާއިރާތަކުން ވާދަކުރައްވާ ކެންޑިޑޭޓުން ވަކިން އެ އިންތިހާބުގެ ކެމްޕެއިން ކުރައްވަަމުންދާނެ ކަމަށެވެ. 

އަދި ރިޔާސީ އިންތިހާބުގައި އިދިކޮޅު ކެންޑިޑޭޓުންނާއި މިހާރުގެ ރައީސް ޑރ.މުހައްމަދު މުއިއްޒާ ވާދަކުރައްވާއިރު، އިންތިހާބު ކާމިޔާބުކުރައްވާނީ ކޮން ބޭފުޅެއްކަން ކުރިއާލައި ނޭނގޭނެކަން ފާހަގަކުރައްވަމުން ސައީދު ވިދާޅުވީ ރައީސަކު ހޮވުމުގެ ނިންމުމާއެކު މަޖިލީހުގެ މެންބަރަކު ހޮވާއިރު، ވަކި ބޭފުޅަކީ ސަރުކާރުގެ ކެންޑިޑޭޓުގެ ގޮތުގައި ބުނެވޭނެ ޖާގައެއް ނޯންނާނެ ކަމަށެވެ. 

"އެހެންވީމާ ހަ މަސްދުވަސް ފަހުން ސަރުކާރެއް ހޮވިގެން (މަޖިލިސް އިންތިހާބު) ބާއްވާއިރު ތޯ ކޮރަޕްޝަނަށް ޖާގަ ބޮޑީ ނޫނީ ދެ އިންތިހާބު އެއް ދުވަހެއްގައި އެއް ވަގުތެއްގައި ގިނަ ރައްޔިތުން ނިކުމެވަޑައިގެން ވޯޓު ލައްވާއިރުތޯ ކޮރަޕްޝަނަށް ޖާގަ ބޮޑީ؟،" މިހާރު އޮތް ހާލަތާއި ދެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމުން ނިކުންނާނެ ނަތީޖާގެ މައްޗަށް އަލިއަޅުވައިލައްވަމުން ސައީދު ވިދާޅުވިއެވެ. 

އިތުރަށް ވަޒީރު ވިދާޅުވީ މިހާރު ހުށަހަޅާފައިވާ ގޮތަށް ދެ އިންތިހާބު އެއް ދުވަހެއްގަައި ބޭއްވުމަށް ފާސްވެއްޖެނަމަ 17 ނޮވެންބަރުގައި ރައީސް ހުވައިކުރައްވައި، އަދި ޑިސެންބަރު އެކެއްގައި މަޖިލީހުގެ މެންބަރުން ހުއްވައިކުރައްވާއިރު، ރައީސަކަށް އިންތިހާބުވެވަޑައިގަންނަވާ ބޭފުޅަކަށް މަޖިލީހުގައި އެ ބޭފުޅެއްގެ ޕާޓީގެ މެންބަރުންގެ ގޮތުގައި ތިއްބަވާނެ ބޭފުޅުންގެ އަދަދު އެނގިވަޑައިގަންނަވާނެ ކަމަށެވެ. 

"އެހެންވީމާ 2029 ވަނަ އަހަރުގެ ޖަނަވަރީ އެކަކުން ފެށިގެން އެއްވެސް ދުވަހެއް އިސްރާފުނުވެ ބޭކާރުނުވެ، ފުރަތަމަ ދުވަހުން ފެށިގެންވެސް މެނިފެސްޓޯ ރައްޔިތުންނަށް ގެނެސްދޭ މެނިފެސްޓޯ ތަންފީޒުކުރަން ފެށޭނެ. މިއީ ހަގީގީ ރިފޯމަކީ،" ސައީދު ވިދާޅުވިއެވެ. 

މި ސަރުކާރުން ހަރަދުކުޑަނުކުރާކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން ދައްކަމުންދާ ވާހަކަތަކަށް ރައްދުދެއްވަމުން ސައީދު ވިދާޅުވީ އެމްޑީޕީގެ ވެރިކަމުގައި ހަރަދުކުޑަކުރަން ލިބުނު އެއްވެސް ފުރުސަތެއް ބޭނުންކޮށްފައި ނެތް ކަމަށެވެ. އެގޮތުން ކޮމަންޑޫ ބައި-އިލެކްޝަނާއި، ކ.ގުރައިދޫ ދާއިރާގެ ބައި-އިލެކްޝަނުގައި މަޖިލީހުގެ ގޮނޑި ކާމިޔާބުކުރުމަށް އެމްޑީޕީން ބަޖެޓުގައި ނެތް އެތައް ކަމެއް އެ ދާއިރާތަކުގައި ފަށައިގެން ކުރިއަށްގެންދިޔަކަން ސައީދު ފާހަގަކުރެއްވިއެވެ. 

ސައީދު ވިދާޅުވީ ދައުލަތުގެ ހަރަދުތައް ކުޑަކުރުމާ ގުޅުވައިގެން އެމްޑީޕީން މިހާރު ދައްކަމުންދާ ވާހަކަތަކަކީ އެއްވެސް މިންވަރަކަށް އިހުލާސްތެރިކަމެއް ނެތް، އެ ވާހަކަތަކުގައި ހަގީގީ ބުރަދަނެއްްވެސް ނެތް ވާހަކަތަކެއް ކަމަށެވެ. 

ކިޔުންތެރިންގެ ހިޔާލު