ENGLISH
15 މާރިޗު 2026
މާރާމާރީ ހިންގި މީހަކު ހަތް އަހަރަށް ޖަލަށްލާން ޙުކުމްކޮށްފި
15 މާރިޗު 2026
|
ގދ. ގައްދޫ، ޖަނބުރީޒްގަސްދޮށުގެ، މުޙައްމަދު ޝަފީޤު
އެންމެ މަޤްބޫލު
ތޫނު އެއްޗެއް ބޭނުންކޮށްގެން މާރާމާރީ ހިންގި މައްސަލައެއްގައި ދައުވާ އުފުލި މީހެއްގެ މައްޗަށް ކްރިމިނަލް ކޯޓުން ހުކުމް ކޮށްފި އެވެ.
މި މައްސަލައިގައި ދައުވާ އުފުލާފައިވަނީ ގދ. ގައްދޫ، ޖަނބުރީޒްގަސްދޮށުގެ، މުޙައްމަދު ޝަފީޤުގެ މައްޗަށެވެ. އޭނާގެ މައްޗަށް ދައުވާކޮށްފައިވަނީ ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ގާނޫނުގެ ދަށުން، ތޫނު އެއްޗެއް ނުވަތަ ނުރައްކާތެރި ހަތިޔާރެއް ބޭނުންކޮށްގެން މާރާމާރީ ހިންގުމުގެ ކުށުގައެވެ.
މި މާރާމާރީ ހިނގާފައިވަނީ 2023 ފެބުރުވަރީ 14 ވަނަ ދުވަހުގެ 15:30 އެހައިކަންހާއިރު، މާލޭ ވިލިމާލެ ފެރީ ޓާމިނަލް ސަރަހައްދުގަ އެވެ. މި މަރާމާރީގައި ދައުވާލިބޭ ފަރާތުން ތޫނު އެއްޗެއް ބޭނުންކޮށްގެން މީހަކަށް ހަމަލާދީ، ޒަހަމުކޮށްލާފައިވެ އެވެ.
މި ހާދިސާއާ ގުޅިގެން ދިވެހި ފުލުހުންގެ ޚިދުމަތަށް މައްސަލަ ހުށަހެޅުމާއެކު، ފުލުހުން ވަނީ އެ މައްސަލައިގެ ތަހުގީގު ފަށައި ހާދިސާ ހިނގި ސަރަހައްދުން ހެކި ހޯދުމާއި، މަންޒަރު ދުށް ފަރާތްތަކުގެ ބަޔާން ނެގުމުގެ އިތުރުން، މާރާމާރީ ހިނގަން މެދުވެރިވި ސަބަބުތައް ދެނެގަތުމަށް ބޭނުންވާ މަސައްކަތްތައް ފުރިހަމަ ކޮށްފަ އެވެ.
ކްރިމިނަލް ކޯޓުގައި ކުރިއަށްދިޔަ ޝަރީއަތުގެ މަޖިލީސްތަކުގައި، ފުލުހުންގެ ތަހުގީގުން ހޯދާފައިވާ ހެކިތަކާއި، ހެކިންގެ ހެކިބަހުގެ އިތުރުން މައްސަލައާ ގުޅުންހުރި އެހެނިހެން ހެކިތަކަށް ރިއާޔަތްކޮށްފައިވެ އެވެ.
މި މައްސަލައިގައި ހުށަހެޅުނު ހެކިތަކަށާއި ގާނޫނީ ބަހުސްތަކަށް ބެލުމަށްފަހު، ކްރިމިނަލް ކޯޓުން ކުރި ހުކުމުގައިވަނީ، ތޫނު އެއްޗެއް ބޭނުންކޮށްގެން މާރާމާރީ ހިންގިކަމުގެ ކުށް އޭނާގެ މައްޗަށް ސާބިތުވާ ކަމަށެވެ. އަދި، މި ކުށުގެ އުގޫބާތެއްގެ ގޮތުން އޭނާ ހަތް އަހަރުގެ މުއްދަތަށް ޖަލަށްލުމަށް އަންގައި، ހުކުމުގެ ކުރީގައި ބަންދުގައި ހުރި މުއްދަތު ހުކުމުގެ މުއްދަތުން އުނިކުރުމުން އޭނާ ތަންފީޒުކުރަންޖެހޭ މުއްދަތަކީ 4 އަހަރު ކަމަށް ވަނީ ކަނޑައަޅާފަ އެވެ.
މުޙައްމަދު ޝަފީޤު އިބްތިދާއީ އަޑުއެހުމުގައި ދައުވާއަށް އިންކާރުކޮށް ހާދިސާ ހިނގިތަނުގައި ނުހުންނާނެކަމަށް ބުނެފައިވެއެވެ. އަދި ދިފާއުގައި ހެކި ހުށަހަޅާފައިވެ އެވެ. ނަމަވެސް، ހުލާސާ ބަޔާން ހުށަހެޅުމަށް ދިން ފުރިސަތުގައި ދައުވާއަށް ވަނީ އިއުތިރާފުވެ އެވެ.